މެންބަރުންނަށް ފައިސާ ބެހިތޯ އަލީމާއި ސުވާލުކޮށްފި

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފެކްޝަނުން އެ ޕަޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިން އައްޔަން ކުރި އަބްދުލް އަލީމް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފައިސާ ބެހިތޯ ފުލުހުން ސުވާ...

24 May 2017 | 08:15

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފެކްޝަނުން އެ ޕަޓީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ކުރިން އައްޔަން ކުރި އަބްދުލް އަލީމް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފައިސާ ބެހިތޯ ފުލުހުން ސުވާލުކޮށްފި އެވެ.

އަލީމް މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރު ކުރި ސަބަބާއި ބެހޭގޮތުން މައުލޫމާތުދެއްވަމުން ވިދާޅުވީ އޭނާ އާއި ސުވާލު ކުރީ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ އިތުބާރުނެތްކަމުގެ ވޯޓާއި ގުޅޭގޮތުން ކަމަށެވެ. އެގޮތުން މޫސަގެ އިތުބާރުނެތްކަމުގެ ވޯޓަށް ނުފޫޒު ފޯރުވުމަށް މެންބަރުންނަށް ފައިސާ ބެހިތޯ ސުވާލު ކުރި ކަމަށެވެ.

އަލީމް ވިދާޅުވީ އިތުރު ސުވާލުތަކެއްގެ ގޮތުގައި ފުލުހުން ކުރީ އެހެން މީހަކާ ހަވާލު ކުރުމަށް މީހަކު ދިން ފައިސާއެއްގައި ހިފިންތޯ ކަމަށެވެ. އަދި އެފަދަ ފައިސާއެއް އަލީމްގެ ގޭގައި ރައްކާކުރިތޯ ސުވާލު ކުރި ކަމަށެވެ.

އަލީމް ވިދާޅުވީ ފުލުހުންނަށް ވާނީ ވަރަށް ތަފްސީލް ބަޔާނެއް ދީފައި ކަމަށެވެ. އެގޮތުން ނުފޫޒު ފޯރުވުމަށް މަސައްކަތް ކޮށްފައި ނުވާނެ ކަމަށާއި، މީހަކު ދިން ފައިސާއެއް އެހެން މީހަކަށް ގެންގޮސްދީފައި ނުވާނެ ކަމަށް ބުނެފައިވާނެ ކަމަށެވެ. ގޭގައި ރައްކާކޮށްފައި އެފަދަ ފައިސާއެއް ނުހުންނާނެ ކަމަށްވެސް ފުލުހުންނަށް ދިން ބަޔާނުގައި ބުނެފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން އަލީމް ވިދާޅުވީ މީހަކު އެގޮތަށް ބުނާނަމަ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި ނައިބު ރައީސް މޫސަ މަގާމުން ވަކިކުރަން މަޖިލީހަށް ހުށަހެޅި މައްސަލަތަކުގައި ވޯޓަށް ނުފޫޒު ފޯރުވަން މެމްބަރުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ މައްސަލަ ވެސް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. އޭގެތެރޭގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ އިތުރުން ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫން ހިމެނިވަޑައިގަންނަވަ އެވެ.

ގާސިމަށް ތުހުމަތުކުރާ ރިޝްވަތުގެ މައްސަލަތަކެއްގައި ދައުވާކޮށް، މިހާރު ވަނީ ޝަރީއަތް ވެސް ފަށައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް