ރޯމަނުންގެ ތާރީހީ އަދި ގަދީމީ ހަނދާންތަކެއް އެކުލެވިގެންވާ ސޫރިޔާގެ ގަދީމީ އަވަށެއް ކަމަށްވާ ޕަލްމީރާ އައިއެސްގެ ކޮންޓްރޯލް ދަށަށް މީގެ ހަތަރު ދުވަސް ކުރިން ގެންގޮސްފައިރު ހަތަރު ދުވަސްތެރޭގައި 400 އަށްވުރެ ގިނަމީހުން މަރާފައިވާކަމަށް ސޫރިޔާގެ ގައުމީ މީޑިއާއިން ބުނެފި އެވެ.
"އައިއެސްއިން މިހާރު ވަނީ 400 އަށްވުރެ ގިނަ މީޙުން މަރާފައި، މަރާމީހުންގެ ހަށިތައް ބުރި ބުރިކޮށްފަ މަގުމައްޗަށް އުކާފައި ހުރޭ، ސޫރިޔާގެ ސަރުކާރުގެ އެއްވެސް ބާރެއް ޕަލްމީރާއަކު ނެތް" ގައުމީ މީޑީއާއިން ބުނެފައި ވެ އެވެ.
ގައުމީ މީޑީއާއިން އިތުރަށް ބުނެފައިވަނީ މަރާފައިވާ ގިނަ މީހުންނަކީ ސަރުކާރު މުވައްޒަފުން ކަމަށާއި އޭގެ ތެރޭގައި ހޮސްޕިޓަލުގެ އިސް ވެރިޔަކާއި އޭނާގެ އާއިލާވެސް ހިމެނޭ ކަމަށެވެ.
ޕަލްމީރާގައި އައިއެސްއިން ހަރަކާތްތެރިވާ ބައެއް ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު އެ ވީޑިއޯތަކުން ފެންނަނީ ސަރުކާރު އޮފީސްތަކަށް ވަދެ ސިފައިންނާއި ސަރުކާރު މުވައްޒަފުން ނެރޭ މަންޒަރާއި ސޫރިޔާގެ ރައީސް ބައްސާރުލް އަސަދުގެ ފޮޓޯތައް ހަލާކުކުރާ މަންޒަރުތަކެވެ.
ސޫރިޔާ އަދި އިރާގުގައި ހަރަކާތްތެރިވަމުން އަންނަ ޖަމާއަތެއް ކަމަށްވާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނެފައިވަނީ އައިއެސްއިން ޕަލްމީރާގެ ބައެއް މީޙުންގެ ބޯވެސް ބުރިކޮށްފައިވާކަމަށެވެ.
ޕަލްމީރާގައި 50 ހާހަށްވުރެ ގިނަ އާންމުން ދިރިއުޅޭއިރު އައިއެސްއިން ޕަލްމީރާއަށް ވެރިވެގެންފައިވަނީ މިދިޔަ ބުދަ ދުވަހު އެވެ. އަދި ޖެހިގެން އައި ދުވަހު އިރާގުގެ ގަދީމީ ސަހަރެއް ކަމަށްވާ އައްރަމާދީވެސް ވަނީ އައިއެސްގެ ކޮންޓްރޯލް ދަށަށް ގެންގޮސްފަ އެވެ.
ޕަލްމީރާއާއި އައްރަމާދީ ހިފުމަކީ އެމެރިކާއިން އައިއެސް ނައްތާލަން މަސައްކަތް ފެށިފަހުން އައިއެސްއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށް ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް