ސައުދީ ޝަފީރު، ރައީސް ޔާމީންގެ އަރިހަށް ވަދާއީ ޒިޔާރަތް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަރިހަށް، ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޢަބްދުލްޢަޒީޒް ޢަބްދުއްރަޙްމާން އަލް-ޖައްމާޒް ‏މިއަދު ވަދާ...

24 May 2015 | 06:57

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުގެ އަރިހަށް، ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޢަބްދުލްޢަޒީޒް ޢަބްދުއްރަޙްމާން އަލް-ޖައްމާޒް ‏މިއަދު ވަދާޢީ ‏‏ޒިޔާރަތް ކުރައްވައިފިއެވެ.‏

ރައީސް އޮފީހުން ވިދާޅުވީ މިއަދު ހެނދުނު ‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ‏‏މިބައްދަލުކުރެއްވުމުގައި، ސަޢޫދީ ޢަރައްބިއްޔާގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުގެ ‏‏މަޤާމުގައި ހުންނަވައިގެން، ރާއްޖެއާއި ސަޢޫދީ ޢަރައްބިއްޔާއާ ދެ ޤައުމުގެ ގުޅުން އިތުރަށް ‏‏ބަދަހިކުރައްވައި ފުޅާކުރެއްވުމަށް، ޢަބްދުލްޢަޒީޒް ޢަބްދުއްރަޙްމާން އަލް-ޖައްމާޒް ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށްޓަކައި، އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވި ކަމަށެވެ. އަދި، ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރުން އަބަދުވެސް ރާއްޖެއަށް ދެއްވަމުންގެންދަވާ ދީލަތި އެހީފުޅުތަކަށްޓަކައިވެސް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާ ކުރެއްވިއެވެ. މީގެ އިތުރުން، ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ އެކު އޮތް ޒަމާންވީ ގުޅުން ކުރިއަށް އޮތްތާނގައި އިތުރަށް ބަދަހިވެގެންދާނެކަން ޔަޤީންކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށެވެ.

ސަޢޫދީ ޢަރަބިއްޔާގެ ސަފީރުގެ ވާހަކަފުޅުގައި، އެޤައުމުން ރާއްޖެއަށް ކަނޑައެޅުއްވި ‏‏ސަފީރުގެ މަޤާމުގައި ހުންނަވައިގެން، ރާއްޖެއަށް ޚިދުމަތް ކުރެއްވުމަކީ، އެމަނިކުފާނަށް ވަރަށްބޮޑު ‏‏އުފާފުޅެއް ލިބިވަޑައިގެންނެވި ކަމެއް ކަމުގައި ވިދާޅުވި ކަމަށާއި އަދި، ސަޢޫދީ ޢަރަބިއްޔާގެ ސަފީރުކަމުގެ މަޤާމުގައި ހުންނަވައިގެން ކުރެއްވި މަސައްކަތްޕުޅުތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ދެއްވި އެއްބާރުލެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވި ކަމަށް އަދި ސަޢޫދީ ސަފީރުގެ ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ސަޢޫދީ ޢަރަބިއްޔާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، ރައީސުލްޖުމްހޫރިއްޔާގެ އެދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި ވަރަށް މުހިންމު އެބަސްވުންތަކެއް ވެވުނު ކަމަށާއި، އެކަންކަން މިހާރު ޢަމަލީގޮތުން ކުރިއަށްދާކަން ފާހަގަ ކުރެއްވި ކަމަށްވެސް ރައީސް އޮފީހުން ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް