ގެއެއްގެ ފުރާޅު މަތީގައި ހާލު ދެރަކަންމަތީގައި އަންހެނަކު އޮއްވާ ފެނުނު މައްސަލައިގާ ތުހުމަތުގެ އިނގިލި ދިއްކުރާ ބަޔަކު ހިމާޔަތްކުރަން ފަތުރުވެރިކަމާބެހޭ ވަޒީރު މުހައްމަދު އަމީން ނުފޫޒު ފޯރުވާކަމަށްބުނެ ދިއްކުރާ ތުހުމަތުގެ އިނގިލިތަކަށް ވަޒީރު އަމީން ރައްދެއް ދެއްވައިފިއެވެ.
ހަސްފަތާކުގައި ފަރުވާ ލިބެމުން އަންނަ، އުމުރުން 21 އަހަރުގެ އަންހެންކުއްޖާއަށް ހެޔޮދުޢާކުރާ ހާލު ވަޒީރު އަމީން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެ ކުދިންތައް އެއްވީ ވަޒީރު އަމީންވެސް ދިރިއުޅުއްވާ ގެއަށް ކަމަށާއި އެ ގެއަކީ ވަޒީރު އަމީން ހިމެނޭހެން ޢާއިލާގެ ތިން މީހެއްގެ ނަންމަތީގައިވާ ގެއެއް ކަމަށެވެ.
"އެ އެއްވުމުގައި ޢާއިލީ ގޮތުން ގުޅުން އޮންނަ ދެ ކުއްޖަކުވެސް ހިމެނޭ، އެ ކުދިންނާ ފުލުހުން ސުވާލުވެސް ކުރިކަމަށްވޭ" ވަޒީރު އަމީން ވިދާޅުވެފައިވެއެވެ.
އިތުރަށް ވިދާޅުވެފައިވަނީ އެ މައްސަލައިގާ ނުފޫޒެއް ފޯރުވަން، ފޯނު ކޯލެއްވެސް ކޮށްފައިނުވާނެ ކަމަށާއި އެ ނޫންގޮތަކަށްވެސް އެއްވެސް ނުފޫޒެއް ފޯރުވަން މަސައްކަތެއް ކޮށްފައިނުވާނެ ކަމަށެވެ.
މި މައްސަލައިގާ ފުލުހުން ނޫސްވެރިންނަށް ހިއްސާކުރި މަޢުލޫމާތަށް ބަލާއިރު ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ތިން އަންހެނުންނާއި ފަސް ފިރިހެން ކުދިން މާލޭގެ މެދުތެރޭގައި ހުންނަ ގެއެއްގެ ތެރެއިން ނިކުމެ، އެއިން ހަތަރު މީހަކު އަމީނީމަގުން ހެންވޭރުގައި ހުންނަ ގެއަކަށް ގޮސް ގިނަ އިރުތަކެއް އެގޭގައި ހޭދަކުރުމަށްފަހު އަދި ފަހުން ބުރުޒުމަގުގައި ހުންނަ ގެއަކަށް އޭގެތެރެއިން ދެމީހަކު އަރާ އުޅުމުގެ ތެރޭގައި ހިނގި ހާދިސާއެއްގައި އަންހެން މީހާ އެ ޢިމާރާތުގެ ނުވަވަނަ ފަންގިފިލާއިން ވެއްޓުނީއެވެ.
ވަޒީރު އަމީނަށް ރައްޔިތުން ތުހުމަތުގެ އިނގިލި ދިއްކުރަނީ ޢާއިލީ ކުދިންތަކެއް ހިމެނޭތީ އެ ކުދިން ސަލާމަތްކުރުމުގެ ނިޔަތުގައި ތަހުގީގަށް ނުފޫޒު ފޯރުވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް