ޗާގޮސް މައްސަލައިގާ ބައިނަލްއަޤުވާމީ ޓްރައިބިއުނަލުން ނިންމުމެއް ނެރުމުގެ ކުރިން ދިވެހި ސަރުކާރުގެ ސްޓޭންޑް ބަދަލުކުރުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ދިވެހި ސަރުކާރަށް ގޮވާލައިފިއެވެ.
ދިވެހި ސަރުކާރަށް އެމްއެންޕީން މިކަމަށްއެދި ގޮވާލާފައިވަނީ މިކަމާއި ގުޅޭގޮތުން އެ ޕާޓީގެ ސްޓޭންޑް ހާމަކޮށް އެ ޕާޓީން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެގޮތުން އެމްއެންޕީން ބުނެފައިވަނީ ދިވެހިރާއްޖެއާއި ޗާގޮސްގެ ޖަޒީރާތަކާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދު ބަހާލުމަށް މޮރިޝަސްގެ ދައުލަތުން ދިވެހި ދައުލަތުގެ މައްޗަށް، (ITLOS) International Tribunal for the Law of the Sea އަށް ހުށަހަޅާފައިވާ މައްސަލާގައި، ޓްރައިބިޔުނަލްގައި ދިވެހި ސަރުކާރުން 20 އޮކްޓޯބަރ 2022 ގައި ނަންގަވާފައިވާ ޕޮޒިޝަންގެ ސަބަބުން، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ބޮޑުބައެއް ގެއްލުމުގެ ފުރުޞަތު ބޮޑުކަމަށް ރާއްޖޭގެ ޤާނޫނީ ހުރިހާ ވަކީލުންހެން، ޚާއްޞަގޮތެއްގައި ދައުލަތުގެ ބަންޑާރަނާއިބުކަން ކުރައްވާފައިވާ ހުރިހާ ބޭފުޅުންހެންވެސް، ވިދާޅުވަމުން ގެންދަވާތީ އެކަން ފާހަގަކުރަމުން، މިމައްސަލައިގައި ޓްރައިބިޔުނަލްގައި ދިވެހި ސަރުކާރުން ނަންގަވާފައިވާ ޕޮޒިޝަން ކުށްވެރިކުރަމުން، 28 އޭޕްރީލް 2023 ވާ ހުކުރުދުވަހު،ITLOS ގެ ނިންމެވުން ނިންމެވުމުގެ ކުރިން ދައުލަތުގެ ސްޓޭންޑް ބަދަލުކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިޙަށް ގޮވާލާކަމަށެވެ.
އެމްއެންޕީގެ ސްޓޭންޑްގައި މި މައްސަލައަށް ތަފްސީލީ ގޮތެއްގައި ބަލާލައި ބައެއް ކަންކަން ފާހަގަކޮށްފައިވެއެވެ.
އެގޮތުން ފާހަގަކޮށްފައިވާ ކަންކަން:-
- ޤާނޫނު ނަންބަރު 96/6 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާ ބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާގައި ރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ 200 ނޯޓިކަލް މޭލުގެ ކަނޑުގެ ސަރަޙައްދާއި، ދިވެހިރާއްޖޭގެ ސަރަޙައްދީ ކަނޑުގެ ބޭރަށް އޮންނަ ސަރަޙައްދާއި، އެ ސަރަޙައްދުގެ ކަނޑުއަޑީގައިވާ ފަސްގަނޑަކީ "ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު" ކަމުގައި ވަނީ ކަނޑައަޅާފައެވެ.
- United Nations Convention on the Law of the Sea ގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކޮށް އަދި ތަޞްދީޤުކޮށް، އެ މުޢާހަދާގެ ދަށުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުގެ ޗާޓުތައް އ.ދ. އަށް ހުށަހަޅައި ޑިޕޮސިޓްކޮށް، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއިން ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު (އާކިޕެލަޖިކް ބޭސްލައިނުން ފެށިގެން، 200 ނޯޓީކަލް މޭލު ގެ ސަރަޙައްދު) ވަނީ ހަމައަށް ދިވެހިރާއްޖެއިން ލިބިގަނެފައެވެ.
- މަތީގައި ބަޔާންކޮށްފައިވާ ޤާނޫނީ އަދި އިޖުރާއީ ކަންކަން ބައިނަލްއަޤްވާމީ، ޤައުމީ އަދި ޤާނޫނީ އޮނިގަނޑުތަކާ އެއްގޮތަށް ކަނޑައަޅާފައިވުމުން، މިދެންނެވި ސަރަޙައްދުތަކަކީ މިހާރު ދިވެހި ދައުލަތުގެ ސިޔާދަތީ އަދި ޤާނޫނީ ބާރު ހިނގާ ސަރަޙައްދުތަކެކެވެ.
- މިހާރު ބައިނަލްއަޤުވާމީ ޓްރައިބިއުނަލްގައި ހިނގަމުންދާ މައްސަލާގައި، ދިވެހި ސަރުކާރުން ނަގާފައިވާ ސްޓޭންޑަކީ، 1994 އިން ފެށިގެން މިމައްސަލާގައި ދިވެހިރާއްޖެއިން ގެންގުޅެފައިވާ އަދި ޤާނޫނު ނަންބަރު 96/6 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ޤާނޫނު) ގެ 6 ވަނަ މާއްދާއިން ކަނޑައަޅައި އަދި ބައިނަލްއަޤުވާމީ ކަނޑުގެ މުއާހަދާ (Law of the Sea Convention) ގެ ދަށުން، ދިވެހިރާއްޖެއިން އ.ދ ގައި ޗާޓުތައް ޑިޕޮސިޓްކޮށް ދިވެހިރާއްޖެއިން ލިބިގަނެފައިވާ 200 ނޯޓިކަލް މޭލުގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ބޮޑުބައެއް އުނިވާނެ ސްޓޭންޑެކެވެ. އަދި އެ ސްޓޭންޑަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދުގެ ގޮތުގައި ފުރިހަމަ 200 ނޯޓިކަލް މޭލު ލިބިގަތުމުގެ ސިޔާސަތު ދޫކޮށްލައި، ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ފުށުއަރާ ސަރަޙައްދު ދެ ޤައުމުގެ މެދުގައި ހަމަހަމައަށް ބެހުމުގެ އުޞޫލަށް އެއްބަސްވި އެއްބަސްވުމަކަށް ވާނެއެވެ.
- ދިވެހިރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުގައި ހިމެނޭ ކަނޑުގެ ސަރަޙައްދަކީ ދެކުނުގެ މަސްވެރިން، ޚާއްޞަގޮތެއްގައި އައްޑުއަތޮޅުގެ މަސްވެރިންގެ މަސްވެރިކަމަށް ވަރަށް މުހިންމު ސަރަޙައްދަކަށްވުމާއެކު، އެ ސަރަޙައްދު އެހެން ބަޔަކަށް ދޫކޮށްލުމަށް އެއްބަސްވުމަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތަށް އަދި އެ ސަރަޙައްދުން މަސްވެރިކަންކުރާ މަސްވެރިންނަށް ފޫނުބެއްދޭވަރުގެ ގެއްލުމަކަށްވާނެއެވެ. ޚިލާފު އުފެދިގެންދާނެ ސަރަޙައްދަށް ބަލާއިރު އެއީ މަސްވެރިކަން ތިޔާގި ސަރަޙައްދަކަށްވުމާއި، ދިވެހިރާއްޖެއިން އެކްސްޕޯޓްކުރާ ބާވަތްތަކުގެ ނިސްބަތަށް ބަލާއިރު %92 ހިއްސާކުރަނީ މަހުގެ ބާވަތްތައް ކަމަށްވާތީ، އެސަރަހައްދުން ބައެއް ދިވެހިރާއްޖޭގެ ހިޔާޒަތުން ދޫވުމަކީ ރާއްޖޭގެ އިޤުތިޞާދަށާއި މަސްލަހަތަށް ނޭދެވޭ އަސަރުކުރާނެ ކަމެކެވެ.
- މޮރިޝަސްއަކީ ކަނޑުގެ ސަރަޙައްދުން ދާއަޅައިގެން މަސްވެރިކަން ކުރުމަށް ޤައުމުތަކަށް ލައިސަންސް ދިނުމުގެ ސިޔާސަތެއް ގެންގުޅޭ ޤައުމަކަށްވެފައި، މީގެ އިތުރުން، ޗާގޯސްގެ ރަށްތަކަކީ އިންސާނުން އާބާދުވެ އާބާދީއެއްގެ ސިފައިގައި ނުވަތަ ޤައުމެއްގެ ސިފައިގައި ހިނގަމުން އަންނަ "ޤައުމަކަށް" ނުވާހިނދު، މި ސަރަޙައްދުގައި ދާއަޅައިގެން މަސްވެރިކަން ކުރުމަކީ އެ ސަރަޙައްދު ލިބިއްޖެނަމަ މޮރިޝަސް އިން ކުރުން އެކަށޭނަކަމެއް ކަމަށް ޤަބޫލުކުރަންޖެހޭ ކަމަކަށްވާއިރު، މިކަމުން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް އަދި ޚާއްޞަކޮށް ދެކުނުގެ މަސްވެރިންނަށް ފޫނުބެއްދޭވަރުގެ ގެއްލުންވާނެއެވެ.
- އިންޓަރނޭޝަނަލް ޓްރައިބިޔުނަލް ފޮރ ދަ ލޯ އޮފް ދަ ސީޒްއަށް މޮރިޝަސް އިން ހުށަހަޅައިފައިވާ މައްސަލައިގައި، ދިވެހިރާއްޖެއިން ޤާނޫނުގެ ދަށުން ލިބިގަނެފައިވާ 200 ނޯޓިކަލް މޭލުގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ ތެރެއިން މޮރިޝަސްއިން ލިބިގަތުމަށް އެދިފައިވާ ކަނޑުގެ ސަރަޙައްދަކީ އެ ސަރަޙައްދުގައި ހުރި އަދި ނެތް އެއްޗެއްވިޔަސް ހޯދައި ބަލައި، ޑޮކިޔުމަންޓް ކުރެވިފައިވާ ސަރަޙައްދަކަށް ނުވާއިރު، އެ ސަރަޙައްދުގެ ކަނޑުގައިވާ ކަނޑުރޯދި (މަސްމަހާމެހި، މަޢުދަނު، ތެލާއި އަދި ގޭސް ވިޔަސް) ހުރުމަކީ އެކަށީގެންނުވާކަމަކަށް ނުވާއިރު، އެ ސަރަޙައްދު ދޫކޮށްލުމަކީ ދިވެހިރާއްޖެ ދެކެ ލޯބިވާ ވެރިއަކު އަދި މީހަކުވިޔަސް ކުރާނޭ ކަމެއް ނޫނެވެ. އަދި އެއްވެސް މީހަކަށް ކުރުމުގެ އިޚްތިޔާރު ލިބިގެންވާ ކަމެއްވެސް ނޫނެވެ.
އެމްއެންޕީން އިތުރަށް ބުނެފައިވަނީ މަތީގައި ބަޔާންކޮށްފައިވާ ކަންކަން އެ މަގުން ހުރުމުން، ދިވެހިދައުލަތުގެ މައްޗަށް މޮރިޝަސްގެ ދައުލަތުން International Tribunal on the Law of the Sea (ITLOS) އަށް ހުށަހަޅާފައިވާ މައްސަލާގައި ދިވެހި ދައުލަތުން ނަގާފައިވާ ސްޓޭންޑަކީ، ދިވެހި ޤައުމާއި، ދިވެހި ދައުލަތާއި، ރައްޔިތުންގެ އެންމެ މަތީ މަޞްލަޙަތުތަކަށް ނުހަނު ގެއްލުންވާނޭ ސްޓޭންޑެއް ކަމަށެވެ. އަދި މިއީ އެއްވެސް ގޮތަކުން ޤައުމުދެކެ ލޯބިވާ އެއްވެސް ދަރިއަކު އެއްބަސްވާނޭ އަދި ރުހޭނޭ ސްޓޭންޑެއްވެސް ނޫނެވެ. އެހެންކަމުން، އަދިވެސް އެއްފަހަރު ބައިނަލްއަޤުވާމީ ޓްރައިބިއުނަލްގައި ދިވެހި ސަރުކާރުން ނަގާފައިވާ ސްޓޭންޑް ކުށްވެރިކޮށް، މައްސަލާގައި ޓްރައިބިއުނަލްއިން ނިންމުމެއް ނެރުމުގެ ކުރިން ދިވެހި ސަރުކާރުގެ ސްޓޭންޑް ބަދަލުކުރުމަށް ދިވެހި ސަރުކާރަށް ތަކުރާރުކޮށް ގޮވާލާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް