ލޯޑު ރެކޯޑު އަދަދަކަށް މައްޗަށް އަރައިފި، ހޭންޑަލް ކުރުމަށް އެންމެންގެ އެއްބާރުލުން ބޭނުން: ސްޓެލްކޯ

މާލޭ ސަރަހައްދުގެ ޕަވަރ ޔޫޒޭޖް ޕީކަށް އަރާފައިވާކަމަށާއި ޕީކް ހޭންޑަލް ކުރުމަށް އެންމެންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަމުގައި ސްޓެލްކޯއިން ބުނެފިއެވެ. ސްޓެލްކޯއިން މިހެން ބުނެފައިވަނީ މާލޭ ސ...

24 Apr 2023 | 16:56

މާލޭ ސަރަހައްދުގެ ޕަވަރ ޔޫޒޭޖް ޕީކަށް އަރާފައިވާކަމަށާއި ޕީކް ހޭންޑަލް ކުރުމަށް އެންމެންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަމުގައި ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން މިހެން ބުނެފައިވަނީ މާލޭ ސަރަހައްދުގެ އެވްރެޖް އެނާރޖީ ކޮންސަމްޕްޝަން ރެކޯޑް މިންވަރަކަށް މަތިވުމާއި ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ސްޓެލްކޯއިން ބުނެފައިވަނީ މިދުވަސްވަރަކީ ދިވެހިރާއްޖެއަށް މިއަހަރުގެ ތެރޭ އެންމެ ހޫނުގަދަވާނެ ދުވަސްތައްކަމަށް މޫސޫމާބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. މިއާއެކު، މާލެއާއި ހުޅުމާލެ ހިމެނޭހެން މާލެ ސަރަހައްދުގެ އެވްރެޖް ޕަވަރ ޔޫސޭޖް ނުވަތަ އެވްރެޖް އެނާރޖީ ކޮންސަމްޕްޝަން ރެކޯޑް މިންވަރަކަށް މަތިވެފައިވާކަމަށެވެ.

"އޭޕްރީލް 24 ވަނަ ދުވަހުގެ މެންދުރު 14:10 ގައި އަޅުގަނޑުމެންގެ ޕީކްލޯޑް 102 މެގަވޮޓަށްވުރެ މައްޗަށް އަރާފައިވާކަން ފާހަގަ ކުރެވޭ، މިއާއެކު، ހުރިހާ ފަރާތްތަކުންވެސް ކަރަންޓު އިގްތިސާދު ކުރުމަށް ހާއްސަ ސަމާލުކަމަށްދިނުމަށް އިލްތިމާސް ކުރަމު" ސްޓެލްކޯއިން ބުނެފައިވެއެވެ.

އެގޮތުން އާންމު ގޭބީސީ ތަކާއި، ދައުލަތުގެ އިދާރާތަކާއި، ސަރުކާރުގެ ވުޒާރާތަކާއި، އޮފީސްތަކާއި، ސުކޫލުތަކުގެ އިތުރުން، ބޮޑެތި އަދި ކުދި ވިޔަފާރިތަކުންވެސް ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރުމަށް އިލްތިމާސް ކުރާކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.

ސްޓެލްކޯއިން ބުނެފައިވަނީ ދިރާސާތަކުން ދައްކާގޮތުން، އާންމު ގޭބީސީތަކުގެ ކަރަންޓު ބިލްގެ 40 އިންސައްތަ ހިއްސާ ކުރަނީ ފިނިކުރުމަށް ގެންގުޅޭ އެއާރކޮންޑިޝަން ފަދަ އާލާތްތަކުން ކަމަށްވާތީ، ހުރިހާ ފަރާތްތަކުންވެސް 25°C އަށްވުރެ ދަށް ނުވާނެހެން  އެއާރކޮންޑިޝަން ބެހެއްޓުމަށް ސަމާލުކަން ދިނުން އެ ކުންފުނިން އެދޭކަމަށާއި އަދި ކޮންމެހެން ދިއްލަންޖެހޭ ދިއްލުންތަކާއި، ބޭނުން ކުރަންޖެހޭ ކަރަންޓު އާލާތްތައްފިޔަވާ އިތުރު އާލާތްތަށް މިދުވަސްވަރު ބޭނުން ނުކުރުމަށްވެސް އިލްތިމާސްކުރާކަމަށެވެ. މީގެ އިތުރުން، މިދުވަސްވަރު ޕީކް ހޭންޑްލް ކުރުމަށްޓަކައި، ހުރިހާ ފަރާތްތަކެއްގެވެސް އެއްބާރުލުމާއި، އެހީތެރިކަން މިކުންފުންޏަށް ބޭނުންވާ ކަމުގައި ދަންނަވާކަމުގައި ސްޓެލްކޯއިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް