ހެއްކާ ބެހޭ ޤާނޫނަށް ހުށަހެޅި އިސްލާހުތައް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށް، މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭނީ ހައި ކޯޓަށް ކަމަށް ކަނޑައަޅައިފިއެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު އަމަލުކުރަން ފެށި ޤާނޫނު އޮތީ ނޫސްވެރިން ފަތުރާ މަޢުލޫމާތުތަކުގެ މަސްދަރު ހާމަކުރެވޭނެ ހާލަތްތަކެއް ބަޔާންކޮށްފަ އެވެ.
އެގޮތުން ޓެރަރިޒަމާއި ގައުމީ ސަލާމަތާ ގުޅުން ހުރި މައްސަލަތަކުގައި މަސްދަރު ހާމަކުރަން ކޯޓަށް މަޖުބޫރު ކުރެވޭނެ ކަމަށް އެ ޤާނޫނުގެ 136 ވަނަ މާއްދާގައި ބުނެފައި ވެއެވެ.
ނަމަވެސް، އެ ޤާނޫނަށް އަމަލުކުރަން ފެށިއިރު ވެސް މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭނީ ކޮން ކޯޓަކަށް ކަމެއް އެނގޭކަށް ނެތެވެ.
މިގޮތުން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން އެދުނު ގޮތަށް ޖުޑީޝަރީ ކޮމިޓީން ވަނީ މަސްދަރު ހާމަކުރަން އަމުރުކުރެވޭނީ ހައި ކޯޓަށް ކަމަށް ކަނޑައަޅައި އެ އިސްލާހުތައް ފާސްކޮށްފަ އެވެ.
މީގެ އިތުރުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބުނީ ޓެރަރިޒަމާއި ގައުމީ ސަލާމަތާ ގުޅުން ހުރި މައްސަލަތައް މަދަނީ މިންގަނޑުން ސާބިތުވޭތޯ ބެލުމުގައި ހައިކޯޓުން ރިއާޔަތް ކުރަންވާނީ ނޫސްވެރިޔާގެ މަސްދަރު ހާމަކުރުމަށް އަމުރުކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ހުށަހެޅި ކަންތައްތަކުގެ މައްޗައް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް