ފުވައްމުލަކު ސިޓީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަށް ގދ. ފަރެސްމާތޮޑާ ފަޅުތެރެއިން ވެލި ނަގައިގެން ގެންދާތީ އެރަށު ކައުންސިލުން އެކަން ކުށްވެރިކޮށް ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ފަރެސްމާތޮޑާ ކައުންސިލުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި ފުވައްމުލަކަށް ވެލި ގެންދަނީ އެ ރަށު ދެކުނު ފަރާތް ހިއްކުމަށް ބޭނުންވާ ވެލި ނެގުމަށް ނިންމާފައިވާ ރަށުގެ އެތެރެވަރީގެ ދެ ތިލައަކުން ކަމަށެވެ. އަދި ކައުންސިލުން ތުހުމަތުކުރާ ގޮތުގައި ފަރެސްމާތޮޑާގެ ފަޅުން 45،000 ކޮޑިމިޓާރުގެ ވެލި ނަގައިގެން ފުވައްމަލުކަށް ގެންދިއުމަށް ވަނީ ތައްޔާރުވެފަ އެވެ.
އެބަޔާނުގައި ބުނެފައިވާ ގޮތުން ފުވައްމުލަކަށް ވެލި ގެންދަނީ އީޕީއޭ އިން ހުއްދަ ދީގެން ކަމަށް ނުވާތީ މިކަމަކީ ގާނޫނާ ހިލާފަށް ކުރާ ކަމެއް ކަމަށެވެ. އެހެންކަމުން މިކަން ވަރަށް ބޮޑަށް ކުށްވެރިކޮށް ވެލި ގެންދިއުން ވަގުތުން ހުއްޓާލުމަށްވެސް ފަރެސްމާތޮޑާ ކައުންސިލުން ގޮވާލާފައިވެ އެވެ.
ޑެންމާކްގެ ހޯގާޑް ކުންފުނިން ކުރިއަށް ގެންދާ ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން އެރަށު ބަނދަރުގެ އުތުރުން ފެށިގެން ރަށުގެ އިރުމަތީ ފަރާތުގައި 2،650 މީޓަރުގެ ދިގު ބޮޑުހިލައިގެ ތޮއްޓެއް ލާނެ އެވެ. އަދި ދިވެހި ސަރުކާރާއި، ކުވައިތު އަދި ނެދަލަންޑް ސަރުކާރު ފަންޑު ކުރާ މި މަޝްރޫއުއަށް ގާތްގަނޑަކަށް 422 މިލިއަން ރުފިޔާ ހޭދަވާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް