އަލިފުށީ އެއާޕޯރޓް ޓާރމިނަލް އިމާރާތުގެ ފައުންޑޭޝަން މަަސައްކަތްތައް ނިމިއްޖެ

ރ. އަލިފުށީ ބިން ހިއްކުމާއި އެއަރޕޯރޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއަރޕޯރޓް ޓާރމިނަލް އިމާރާތުގެ ފައުންޑޭޝަން މަސައްކަތްތައް މިހާރު ވަނީ ނިމިފައި ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓ...

24 Apr 2023 | 05:46

ރ. އަލިފުށީ ބިން ހިއްކުމާއި އެއަރޕޯރޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއަރޕޯރޓް ޓާރމިނަލް އިމާރާތުގެ ފައުންޑޭޝަން މަސައްކަތްތައް މިހާރު ވަނީ ނިމިފައި ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު އެމްޓީސީސީން ބުނެފިއެވެ.

މިކަން ހާމަކޮށް އެމްޓީސީސީން މިއަދު ބުނީ މިމަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ އަލިފާން ނިއްވާ އިމާރާތުގެ ރޫފިންގް މަސައްކަތްތައް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 50.5 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި 2871 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 480 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުން ހިމެނެއެވެ.

އަދި ރަންވޭއެއް އެޅުމާއި، ޓެކްސީވޭ، އޭޕްރަން އަދި ސަރވިސް ރޯޑް ހެދުމާއި، ޓާރމިނަލް ބިލްޑިންގ އަކާއި ފަޔަރ ބިލްޑިންގ އެއް އެޅުމާއި، އަލިފާންނިއްވާ އިކުއިޕްމަންޓް ބެހެއްޓުމާއި، 655 މީޓަރުގެ ސެކިއުރިޓީ ފެންސެއް ޖެހުމުގެ މަސައްކަތް މި މަޝްރޫޢުގައި ހިމެނޭ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.

މިއީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ 426.05 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް