ނައިބު ރައީސްގެ އަރިހަށް އދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް، އ.ދ. އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ ކެތަރިން ހެސްވެލް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައި، ރާއްޖޭގެ އިޖުތިމާޢީ ދާއ...

24 Apr 2022 | 11:44

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް، އ.ދ. އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ ކެތަރިން ހެސްވެލް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައި، ރާއްޖޭގެ އިޖުތިމާޢީ ދާއިރާގެ ޚިދުމަތްތައް ހަރުދަނާކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ފައިސަލް ވަނީ އ.ދ. ގެ އެކި އެޖެންސީތަކުން ފާއިތުވި އަހަރުތަކުގައި ރާއްޖެއަށް ފޯރުކޮށްދީފައިވާ ދީލަތި އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށްޓަކައި އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. އެގޮތުން، އިޖްތިމާޢީ-އިޤްތިޞާދީ ތަރައްޤީއަށް ވެދީފައިވާ އެހީތެރިކަމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، އިންސާނީ ޙައްޤުތަކާއި، ޑިމޮކްރަސީއާއި، ވަކިން ޚާއްޞަކޮށް ކޯވިޑް-19 ގެ ތެރޭގައި އިޖްތިމާޢީގޮތުން ފޯރުކޮށްދެއްވި އެހީތެރިކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ވެސް ފައިސަލާއި، އ.ދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރ މަޝްވަރާކުރެއްވެވި ކަންކަމުގެ ތެރޭގައި ކޯވިޑް-19 ގެ ފަހުން ރާއްޖޭގައި ނަފްސާނީ ބަލިމަޑުކަން އިތުރުވަމުންދާތީ އެކަމާއި ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިތުރަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާ ގުޅޭ ވާހަކަތައް ހިމެނެއެވެ. މީގެ އިތުރުން ވެސް ދެބޭފުޅުން ވަނީ ރާއްޖޭގެ އިޤްތިޞާދީ ޙާލާތާއި، ފަތުރުވެރިކަމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، އަންހެނުން ބާރުވެރިކުރުވުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި އ.ދ.ގެ ރެޒިޑެންޓް ކޯޑިނޭޓަރ ވަނީ އިޖުތިމާޢީ އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އ.ދ.އިން ދެމި އޮންނާނެކަމުގެ ޔަޤީންކަން އަރުވާފައެވެ. މިގޮތުން، ކާރިސާއެއް ދިމާވުމުން އެކަމުން އަރައިގަނެވޭނެ ފަދަ ވިލުންވެރި މުޖުތަމަޢެއް ބިނާކުރުމާއި، ހުރިހާ ފަރާތްތަކުން ގުޅިގެން އެއްލަނޑުދަނޑިއަކަށް މަސައްކަތްކުރުމުގެ މުހިންމުކަން ވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ފައިސަލް ވަނީ އ.ދ. ގެ އެކި އެޖެންސީތަކާ ގުޅިގެން ރާއްޖޭގެ ސަރުކާރުން ދެފަރާތައް ވެސް މުހިންމުކަންކަމުގައި އެކުގައި މަސައްކަތްކުރާނެކަމުގައި ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް