އައްޑޫސިޓީގެ އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އައްޑޫސިޓީގެ އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ދެ ފަންގިފިލާ ހިމެނޭހެން ޤާއިމުކުރާ އައްޑޫސިޓީ އިސްލާމީ މަރުކަޒަކީ 1500 މީހުންގެ ޖާގައިގެ ...

24 Mar 2023 | 15:18

އައްޑޫސިޓީގެ އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ދެ ފަންގިފިލާ ހިމެނޭހެން ޤާއިމުކުރާ އައްޑޫސިޓީ އިސްލާމީ މަރުކަޒަކީ 1500 މީހުންގެ ޖާގައިގެ މަރުކަޒެއް ކަމަށެވެ.

އަދި ނަމާދުކުރާ ބަޔަކާއި 450 މީހުންގެ ޖާގައިގެ މަލްޓި ޕަރޕަސް ހޯލަކާއި 4 ކްލާސްރޫމާއި 2 ސެމިނަރ ރޫމްގެ އިތުރުން އިދާރީ އޮފީހާއި އިސްލާމިކް ލައިބްރަރީ އަދި ޕޭންޓްރީ މި މަރުކަޒުގައި ހިމެނޭނެ ކަމަށެވެ. މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި ނިންމުމަށް ކޮންޓްރެކްޓަރ ފެޑޯ ޕްރައިވެޓް ލިމިޓެޑާއެވެ.

މިކަމަށްޓަކައި އައްޑޫސިޓީ ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއާއި މަސައްކަތުގެ ކޮންޓްރެކްޓަރ ފެޑޯ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ފަޔާޒް އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މި ސަރުކާރުން ރާއްޖެ ތަރައްޤީ ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. ވަރަށް ގިނަ މަޝްރޫއުތަކެއް ކުރިއަށް އެބަ ގެންދެވޭ ކަމަށާއި ރާއްޖެއަށް އަންނަ ތަރައްޤީ  ދީނީ އިމާރާތްތަކުން ފެނުމަކީ ސަރުކާރުގެ މައިގަނޑު އެއް އަމާޒުކަމަށް ވިދާޅުވި އެވެ.

އެގޮތުން މިހާރު އިމާރާތްކުރެވޭ މިސްކިތްތަކާއި އިސްލާމީ މަރުކަޒުތަކުގެ ޑިޒައިނަށް އައިސްފައިވާ ބަދަލު މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އައްޑޫސިޓީގައި އިސްލާމީ މަރުކަޒެއް ގާއިމްވެގެން ދިއުމަކީ އެ ސިޓީގެ ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއްކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އެހެންކަމުން އުންމީދަކީ އެއްބަސްވުމުގައި ވާގޮތަށް ކޮންޓްރެކްޓަރ މި މަޝްރޫޢުގެ މަސައްކަތް ކަނޑައެޅިފައިވާ މުއްދަތުގައި ނިންމުން ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އައްޑޫސިޓީގެ އިސްލާމީ މަރުކަޒު އިމާރާތްކުރާ ސަރަހައްދަށް މިއަދު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީ ވަނީ ޒިޔާރަތްކުރައްވައި އެ ސަރަޙައްދު ބައްލަވާލައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް