ހަފްތާގެ ދުވަސްތަކުގެ ތެރެއިން އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. ” އެދުވަހެއްގެ މައްޗައް އިރު އެރި އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ. އެހެނީ އާދަމުގެފާނު ޚަލްޤު ކުރެއްވުނީ ހުކުރުދުވަހެއްގައެވެ. އަދި އެކަލޭގެފާނު ސުވަރުގެ ވެއްދެވުނީ ހުކުރުދުވަހެއްގައެވެ. އަދި އެކަލޭގެފާނު ސުވަރުގެއިން ނެރުއްވުނީ ހުކުރުދުވަހެއްގައެވެ. ހަމައެހެންމެ ހުކުރު ދުވަހެއްގައި މެނުވީ ޤިޔާމަތްނުވާ ހުއްޓެވެ.” (މުސްލިމް 854).
ހުކުރު ދުވަހަކީ ހަފުތާގެ ދުވަސްތަކުގެ ތެރެއިން މުސްލިމުންނަށް އެންމެ ޚާއްޞަ ދުވަހައް ވީއިރު، ހުކުރު ވިލޭރެއިން ފެށިގެން، އެ ދުވަހުގެ މާތްކަން ފެށެއެވެ. މި ގޮތުން ހުކުރު ވިލޭރޭ ޖަމާޢަތުގައި ކުރެވޭ ފަތިސްނަމާދަކީ ހަފުތާގެ ތެރޭގައި ކުރެވޭ އެންމެ މާތް ނަމާދެވެ. މާތް ﷲ ރުއްސުންލެއްވި އިބްނު ޢުމަރުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. “މާތް ﷲ ގެ ޙަޟްރަތުގައި އެންމެ މާތް ނަމާދަކީ ޖަމާޢަތުގައި ކުރެވޭ ހުކުރުވިލޭރޭގެ ފަތިސް ނަމާދެވެ.” (ރަވާހު ބައިހަޤީ).
ދުވަހުގެ މަތިވެރިކަން އިތުރުވެގެންދަނީ މިދުވަހަށްޓަކައި ޚާއްޞަވެގެންވާ ނަމާދެއް ލައްވާފައިވުމެވެ. އެއީ ހުކުރު ނަމާދެވެ. ހުކުރުނަމާދަކީ ފިރިހެނުންގެ ތެރެއިން ބުއްދި ސަލާމަތުންހުރި، މިނިވަން، އަދި ހުކުރު ނަމާދުކުރުމަށް ކުޅަދާނަވެގެންވާ ކޮންމެ ފިރިހެނެއްގެ މައްޗަށް ފަރުޟުކުރައްވާފައިވާ ނަމާދެކެވެ.
ހުކުރު ނަމާދަށް އަވަހަށް ދިއުމަކީ ޘަވާބާއި ދަރުމަ އިތުރުވާ ކަމެކެވެ. މަތިވެރި އަޅުކަމެކެވެ. އަދި ހުކުރު ނަމާދަށް ދިޔަ މީހުންގެ ލިސްޓުގައި ތިބާގެ ނަން އޮންނާނީވެސް އޭރުންނެވެ. ހުކުރު ދުވަހުގައި މަލާއިކަތުން މިސްކިތުގެ ދޮރުމަތީ ތިއްބަވާނެތެވެ. އަދި ހުކުރަށް އަންނަ މީހުން، އެމީހުން އަންނަ ތަރުތީބުން ލިޔުއްވަވާނެތެވެ. އިމާމު މީހާ މިންބަރަށް އެރުމުން މަލާއިކަތް ބޭކަލުންވެސް ފަތްތައް ލައްޕަވާލެއްވުމަށްފަހު ޚުޠުބާ އަޑުއެއްސެވުމަށް ތިއްބަވާނެއެވެ. ހަމަގައިމުވެސް ދުނިޔަވީ ކަމެއްގައި ތިބާއަށް ފައިދާއެއް ލިބެން އޮތިއްޔާ އެތަނަކަށް އެންމެ އަވަހަށް ދާނެއެވެ. މިކަމަކީ އެއަށްވުރެވެސް ފައިދާ ބޮޑު ކަމެކެވެ. ޘަވާބާއި ދަރުމައިގެ ގޮތުންނެވެ. ގެއްލިގެން ނުދާނެ ދަރުމައެކެވެ.
ހުކުރު ނަމާދަށް ރައްކާތެރި ވުމަކީ ކޮންމެ މުސްލިމު ފިރިހެނެއްގެ މައްޗަށް ވާޖިބު ކަމެކެވެ. އެހެނީ، ޝަރުޢީ ޢުޛުރަކާ ނުލައި ހުކުރު ނަމާދު އަޅައިފި މީހަކު ފާފަވެރިވާނެއެވެ. އަދި ކިއެއްތަ އެއީ އެންމެ ބޮޑުވެގެންވާ ފާފަތަކުގެ ތެރެއިންވާ ފާފައެކެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. “ފަރުވާކުޑަކަމާއެކު ތިން ހުކުރު އަޅައިފިމީހާ ދަންނައެވެ. ﷲ ތަޢާލާ އޭނާގެ ހިތުގައި ސިއްކަ ޖައްސަވާ ހުއްޓެވެ.” ހަމައެހެންމެ ހުކުރު ނަމާދަށް ދިއުމަށްޓަކައި ދަތް އުނގުޅުމާއި، ރީތިވުމާއި، މީރުވަސް ދުއްވުމާއި، އަދި އެންމެ ރީތި ހެދުމެއްލުމަކީ ސުންނަތްވެގެންވާ ކަންތައްތަކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް