ރާއްޖޭގައި ބާއްވާ ފުރަތަމަ ބާ އިމްތިހާނުގެ ފީގެ ގޮތުގައި 10،000 ރުފިޔާ ކަނޑައަޅައިފިއެވެ.
2019 ވަނަ އަހަރު ފާސްކޮށްފައިވާ ޤާނޫނީ ފަންނުގެ ޤާނޫނުގައި ބަޔާންވެެގެންވާ ގޮތުން ކޯޓުތަކުގައި ވަކާލާތު ކުރައްވާ ވަކީލުންނަށް ލައިސަންސް ލިބޭނީ އެ އިމްތިހާނުން ފާސްވެގެންނެވެ.
ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު މިއަދު ވަކީލުންނަށް ފޮނުއްވި އީމެއިލެއްގައި ވިދާޅުވީ އިމްތިހާނަށް އަގު ކަނޑައެޅުމުގައި އެ އިމްތިހާނު ތަރައްޤީ ކުރުމަށް ދިޔަ ހަރަދާއި ބޭރުގެ އެހެން ޤައުމުތަކުގައި އަމަލުކުރާ ގޮތަށް ބަލާފައިވާނެ ކަމަށެވެ.
މީގެ އިތުރުން އިމްތިހާނުގައި ބައިވެރިވާނެ ކަމަށް އަންދާޒާ ކުރެވޭ ކެނޑިޑޭޓުންގެ އަދަދަށް ބަލާއިރު ބޮލަކަށް 20،000 ރުފިޔާ ޖެހޭނެ ކަމަށެވެ.
އަދި އިމްތިހާނު ހަދާ ފުރަތަމަ ފަހަރު ކަމުން 50 ޕަސަންޓް ކައުންސިލުން ދައްކައިދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެހެންކަމުން ބާ ކައުންސިލްގެ މެއިލްގައި ބުނީ އެ އިމްތިހާނުގެ ބައިވެރިންގެ އަތުން ދައްކަން ޖެހޭނީ 10،000 ރުފިޔާއެވެ.
ބާ ކައުންސިލުން ޖޫންގައި ބާއްވަން މަސައްކަތްކުރާ އިމްތިހާނުގައި 400 އެއްހާ ދަރިވަރުން އެ އިމްތިހާނުގައި ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ.
އެ އިމްތިހާނު ބާއްވާނެ ދުވަހެއް އަދި ކަނޑައަޅާފައެއް ނުވެއެވެ. ނަމަވެސް ބާ ކައުންސިލުން މަސައްކަތް ކުރަނީ ޖޫންގައި އިމްތިހާނު ބޭއްވުމަށެވެ. ގާތްގަނޑަކަށް 400 އެއްހާ ދަރިވަރުން އެ އިމްތިހާނުގައި ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ.
ޤާނޫނުގައިވާ ގޮތުން ވަގުތީ ލައިސަންސް ލިބިފައިވާ ފަރާތްތަކުން ވެސް މިފަހަރު އިމްތިހާނު ފުރިހަމަކުރަން ޖެހޭނެއެވެ. އެ އިމްތިހާނު ފުރިހަމަކުރާތާ މަދުވެގެން 21 ދުވަހުގެ ތެރޭގައި ލައިސަންސް ހަމަޖައްސަން ޖެހެއެވެ.
ބާ ކައުންސިލްގެ އިމްތިހާނުގައި ހިމެނެނީ މައިގަނޑު ފަސް ބައެކެވެ. އެއީ މޯލްޑިވިއަން ލީގަލް ސިސްޓަމް، ކްރިމިނަލް ޕްރޮސީޖާ، ސިވިލް ޕްރޮސީޖާ، ޕްރޮފެޝަނަލް އެތިކްސް އަދި ލޯ ޑްރާފްޓިންއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް