ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އަވައްޓެރި ފުލުހުންގެ ހިދުމަތް ތައާރަފުކޮށްފި

ފުލުހުންގެ ހިދުމަތުގެ ގާނޫނު 34/2020 ގައި ބަޔާން ކޮށްފައިވާ ފަދައިން ކޮމިއުނިޓީ ޕޮލިސިންގެ ފަލްސަފާގެ ތެރެއިން ފުލުހުންގެ ހިދުމަތް ދިނުމަށް އެކުލަވައިލެވުނު ''ނެއިބަހުޑް ޕޮލިސިންގ މޮޑެލް - އަވައްޓެރި ...

24 Mar 2022 | 08:15

ފުލުހުންގެ ހިދުމަތުގެ ގާނޫނު 34/2020 ގައި ބަޔާން ކޮށްފައިވާ ފަދައިން ކޮމިއުނިޓީ ޕޮލިސިންގެ ފަލްސަފާގެ ތެރެއިން ފުލުހުންގެ ހިދުމަތް ދިނުމަށް އެކުލަވައިލެވުނު ''ނެއިބަހުޑް ޕޮލިސިންގ މޮޑެލް - އަވައްޓެރި ފުލުހުންގެ ހިދުމަތް'' މުޅި ރާއްޖޭގައި ތައާރަފު ކޮށްފިއެވެ.

ފުލުހުން ބުނީ މިހިދުމަތް މުޅި ރާއްޖެއަށް ތައާރަފު ކުރުމުގެ މަސައްކަތް ފަށާފައި ވަނީ 2020 އޮކްޓޯބަރ މަހުގެ 01 ވަނަ ދުވަހު ކަމަށެވެ.

އަދި މި މަސައްކަތުގައި މި އަހަރުގެ މިހާތަނަށް، ފުލުހުންގެ ހިދުމަތް ގާއިމުވެފައިވާ 100 ރަށުގައި މަސައްކަތްކުރާ ފުލުހުންނަށް އަވައްޓެރި ފުލުހުންގެ ތަމްރީނުތައް ދެވިފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ހާމަކުރެއެވެ.

މީގެ އިތުރުން މި ތަމްރީނުތަކުގެ ތެރެއިން، އެ ރަށްރަށުގެ ކައުންސިލުތަކާއި، އެހެނިހެން މުއައްސަސާތަކާއި ކުލަބު ޖަމުއިއްޔާތަކާ ބައްދަލުކޮށް އަވައްޓެރި ފުލުހުންގެ ހިދުމަތުގެ މައުލޫމާތުދީފައިވެއެވެ.

އެގޮތުން، އަވައްޓެރި ފުލުހުންގެ ހިދުމަތް ހިނގާނެގޮތާއި ފުލުހުންނާއި މުއައްސަސާތައް ގުޅިގެން މަަސައްކަތް ކުރާނެ ގޮތާއި އެކި ފަރާތްތަކުގެ ދައުރާއި ކުށްމަދު ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

އަދި އަވައްޓެރި ފުލުހުންގެ ހިދުމަތުގައި، ރައްޔިތުންނާއި ފުލުހުން ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ.

ހަމައެެހެންމެ، އަތޮޅުތެރޭގައި މަސައްކަތްކުރާ ހުރިހާ ފުލުހުންނަށް، އަވައްޓެރި ފުލުހުންގެ މަސައްކަތާ ގުޅޭ ތަމްރީނު ޕްރޮގްރާމްތައް ހިންގާފައިވެއެވެ.

އަވައްޓެރި ފުލުހުންގެ މަސައްކަތް ކުރެވެމުންދަނީ އެ މަސައްކަތަށް ހާއްސަކޮށް ތައްޔާރު ކުރެވިފައިވާ ސޮފްޓްވެއަރ އެއް ބޭނުންކޮށްގެން ކަމަށް ފުލުހުން ހާމަކުރެއެވެ.

އިތުބާރުދީ އެ އިތުބާރު ދަމަހައްޓައި، އިހުތިރާމާއެކު އެކުގައި ގުޅިގެން ދެވޭ ޚިދުމަތަކުން އަމާން ރައްކާތެރި އަދި ރައްކާތެރިކަން އިހުސާސްވާ މުޖުތަމައެއް ބިނާކޮށްދިނުން މައިގަނޑު އަސާސް ކަމުގައި ކަނޑައެޅިގެން ފުލުހުންގެ ޚިދުމަތް ދިނުމުގެ ނިޒާމަށް މި ގެނެވުނު ބަދަލުގެ އަމާޒަކީ ކުށަށް ހުށަހެޅެން ހުންނަ ކަންކަން ދުރާލާ ދެނެގަނެ، އެ ކަންކަން ހައްލު ކުރުމަށްޓަކައި ރަށު ކައުންސިލްތަކާއި އެހެނިހެން އިދާރާތަކާ ޖަމުއިއްޔާ ޖަމާއަތްތައް ގުޅިގެން އެކުގައި މަސައްކަތްކުރުމެވެ.

މުޖުތަމައުތައް ނުވަތަ ރަށްރަށް ބައިބަޔަށް ނުވަތަ ނެއިބަހުޑް ތަކަށް ބަހައި، އެ ނެއިބަހުޑް ތަކަށް މަސްއޫލުވާ ފުލުހުން ކަނޑައަޅައިގެން ޚިތުމަތް ދިނުމުގެ ވައްޓަފާޅިއަށް މި ގެނެވޭ ބަދަލުގެ ބޭނުމަކީ ރައްޔިތުންނާއި ފުލުހުންނާ މެދު ފަސޭހައިން މުއާމަލާތު ކުރެވޭނެ ފަދަ ފާލަމެއް އެޅުމާއި، ރައްޔިތުންނާ ގާތުން ހަމަހަމަކޮށް އަދި ކޮންމެ ރައްޔިތަކަށްވެސް ފަސޭހައިން ލިބިދޭނެ، ސީދާ ރައްޔިތުންގެ ކަންބޮޑުވުންތަކަށް އަމާޒުކޮށް ތަރުތީބުކޮށްގެން ފޯރުކޮށްދެވޭ ޚިދުމަތަކަށް ދިވެހި ފުލުހުންގެ ޚިދުމަތް ހެދުން ކަމަށް އެ މުއައްސަސާއިން ހާމަކުރެއެވެ.

މި މޮޑެލް އަކީ 2018 ވަނަ އަހަރުގެ ޑިސެމްބަރ މަހު މާލޭ އޭރިއާގައި އަދި 2019 ގައި އައްޑޫ ފުވައްމުލަކުގައި ޕައިލެޓް ކުރުމަށްފަހު 2019 މާރިޗު 29 ވަނަ ދުވަހު އިފްތިތާހު ކުރެވުނު ފުލުހުންގެ ސްޓްރެޓިޖިކް ޕްލޭންގެ ޕްރައިރިޓީ އެއްގައި ހިމެނޭ ޕްރޮޖެކްޓެއްގައި ހިމަނާ، ސީދާ ރާއްޖޭގެ ރަށްރަށުގައި ފަސޭހައިން ފޯރުކޮށްދެވޭނެ ގޮތަށް ތައްޔާރުކުރެވިފައިވާ މޮޑެލް އެކެވެ.

މި މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވެލެއްވީ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ރަޝްވާން އާއި، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުﷲ ރަޝީދުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް