މީގެ ހަ އަހަރުކުރިން އައްޑޫ ސިޓީ ހިތަދޫ ވިޔަފާރިވެރިޔަކު މަރާލި މައްސަލައިގައި ދައުވާ ލިބުނު ނަޝީދީގޭ މުހައްމަދު ޝިފާޒު ނަމަކަށް ކިޔާ މީހެއްގެ މައްޗަށް ކުށް ސާބިތުވެ ހަ އަހަރަށް ޖަލައްލާން ހުކުމްކުރި އިރު އޭނާ ބަނދުގައި އެ މުއްދަތު ފުރިހަމަކޮށްފައިވުމުން މިނިވަންވެއްޖެއެވެ.
ޝިފާޒުގެ މައްޗަށް އުފުލާފައިވަނީ އައްޑޫ ސިޓީ ހިތަދޫ ބުރުނީގޭ އަލީ އަބްދުﷲ މަރާލުމުގައި އައްޑޫ ސިޓީ ހިތަދޫ/ހެޕީފިއުޗަރ އަހްމަދު އިބްރާހިމްދީދީ އެދުމުގެ މަތިން 2016 ވަނަ އަހަރުގެ މާޗުމަހުގެ ދެވަނަ ދުވަހުގެ ދަންވަރު އެ ރަށު ސްކޫލު ކައިރިއަށް އަލީ އަބްދުﷲ ގެންގޮސްފައިވާތީ އަލީ އަބްދުﷲ މަރާލަން އެހީތެރިވިދިނުމުގެ ކުށުގެ ދައުވާއެވެ.
ދައުލަތުން ބުނީ އަހްމަދު އިބްރާހިމް ދީދީ އެންގި ގޮތަށް މީހުން ނޫޅޭ ފަޅު ހިސާބަކަށް އަލީ އަބްދުﷲ ގެންދިއުމަށް ޝިފާޒަށް 30،000ރ. ހުށަހެޅި އިރު، އޭނާ އެކަން ކޮށްދިނީ ބައި ލައްކަ ރުފިޔާ އަށް ކަމަށެވެ.އެހެންވެ މިކަމުން ވެސް ކުށް ކުރުމުގެ ނިޔަތް ޝިފާޒްގެ ކިބައިގައި އޮތްކަން ސާފުވާ ކަމަށް ބުނެފައިވެއެވެ.
މި މައްސަލަ ކޯޓަށް ހުށަހެޅުނު ފަހުން ޝިފާޒާއި ދައުލަތާމެދު އިއުތިރާފުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު, އޭގެ ކުރިން ތަހްގީގުގައި ޝިފާޒް ވަނީ ކުށަށް އިއުތިރާފުވެ, ހާދިސާ ހިނގި ގޮތް ވަރަށް ތަފްސީލުކޮށް ކިޔައިދީފައިވާ ކަމަށް ދައުލަތުން ބުނެފައިވެއެވެ.
ޝިފާޒުގެ މައްޗަށް ކުށް ސާބިތުވިނަމަވެސް ތަހުގީގު މަރުހަލާއިން ފެށިގެން ޝިފާޒް ހުރީ ބަންދުގައި ކަމަށް ވާތީ، ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި އޮންނަ ގޮތަށް އެ މުއްދަތު ގުނުމުން ހުކުމުގެ މުއްދަތު ހަމަވެފައި ވާތީ، ހުކުމް ތަންފީޒުކޮށް ނިމިފައިވާ ކަމަށް ހުކުމުގައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް