ޔޫކްރޭނަށް ރަޝިޔާއިން ދެމުން އަންނަ ހަމަލާތަކުގައި ފާޅުކަންބޮޑުގޮތެއްގައި ހަނގުރާމައިގެ ޖަރީމާ ހިންގައިފިކަމުގައި އެމެރިކާއިން ބުނެފިއެވެ.
އެމެރިކާއިން މިހެން ބުނެފައިވަނީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ނެރެފައިވާ ބަޔާނެއްގައެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލެންކަން ނެރުއްވާފައިވާ މި ބަޔާނުގައި ވިދާޅުވެފައިވަނީ މިހާތަނަށް ލިބިފައިވާ މައުލޫމާތާއި، ފޮޓޯ އަދި ވީޑިއޯއާއި ހުރިހާ ކަމެއް އެސެސްކުރާއިރު ރަޝިޔާއިން ޔޫކްރޭންގައި ހަނގުރާމައިގެ ޖަރީމާ ހިންގައިފިކަމުގައި ޔަގީންކަމާއެކު މިހާރު ބުނެވެން އެބަ އޮތްކަމަށެވެ.
އެގޮތުން ގަސްތުގައި އާންމުންނަށް ހަމަލާ ދިނުމާއި ހާއްސަގޮތެއްގައި މަރިއުޕޮލްގެ މެޓާނިޓީ ހޮސްޕިޓަލަށް ގަސްތުގައި ހަމަލާދިނުމަކީ ހަނގުރާމައިގެ ޖަރީމާ ކަމުގައި ބުނެފައިވެއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އަންގާރަދުވަހާއި ހަމައަށް މަރިއުޕޮލްގައި އެކަނި 2400 އާންމުން މަރާލާފައިވެއެވެ.
އިނގިރޭސިބަހުން ނަމަ ވާރ ކްރައިމްސް ނުވަތަ ހަނގުރާމައިގެ ޖަރީމާއަކީ ހަނގުރާމައެއް ކުރެވެމުންދާހިނދު ގަސްތުގައި އާންމުންނާއި ކުޑަކުދިން މެރުންފަދަ ބޮޑެތި އަނިޔާވެރި އަމަލުތަކެވެ. މިފަދަ އަނިޔާވެރި އަމަލުތައް ހިންގާނަމަ އެ ބަޔަކާމެދު އަޅާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް