ރާއްޖޭގެ ސިޔާސީ މަސްރަހުގައި ބޮޑު ދުވަހެއް، ރައީސް މައުމޫން އަދި ރައީސް ނަޝީދު އެއް ގަލަކަށް

ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމުގެ އިތުރުން އަދާލަތު ޕ...

24 Mar 2017 | 16:34

ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމުގެ އިތުރުން އަދާލަތު ޕާޓީގެ ލީޑަރު އިމްރާން އަބްދުﷲ ސޮއި ކުރައްވައި، އެއްބަސްވުމެއް އެކުލަވާލައިފި އެވެ.

އެކުލަވާލާފައިވާ މި އެއްބަސްވުމުގައި ހިމެނޭ މުހިއްމު ކަންތައްތަކުގެ ތެރޭގައި ރާއްޖޭގެ ބިންބިމާއި ފަޅުތަކާއި ގުދުރަތީ ވަސީލްތައް ހިމާޔަތްކުރުމާއި ނިގުޅައިގެންފައިވާ މަދަނީ ހައްގުތައް ރައްކާތެރިކުރުމާއި ޕާޓީތަކުން އިހްތިޔާރު ކުރާ ކެނޑިޑޭޓުންނަށް އިންތިހާބު ކުރެވޭ ގޮތް ހެދުމާއި ހައްޔަރުކޮށް، އަދި ޖަލު ހުކުމް ތަންފީޒު ކުރަމުންދާ ސިޔާސީ މީހުން މިނިވަންކުރުމުގެ އިތުރުން ކޮރަޕްޝަނާއި ވައްކަމުގެ އަމަލުތައް ހުއްޓުވުމާއި ދެމެހެއްޓެނިވި ހަމަޖެހުމެއް ހޯދުން ހިމެނެ އެވެ.

އެ އެއްބަސްވުމުގައި ބުނެފައިވަނީ ދިވެހި ރާއްޖެއަށް ދެމެހެއްޓެނިވި ހަމަޖެހުމެއް ހޯދުމަށް ބޭނުންވި ހިނދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް އިބްރާން އަބްދުﷲ އިސްވެ ތިބެ، އިސްވެ ދެންނެވުނު މަގުސަދުތައް ހާސިލު ކުރުމަށްޓަކާ ޕާޓީގެ ލީޑަރުންގެ މެދުގައި އެއްބަސްވެވޭ ކަންތައްތަކުގައި ރައްޔިތުންގެ މަޖިލީހުގައްޔާއި ސިޔާސީ މަސްރަހުގައި ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ގުޅިގެން ކުރުމަށް އެއްބަސްވީ ހިނދު، އަޅުގަނޑުމެން މި އެއްބަސްވުމެއްގައި މި ސޮއި ކުރަނީ މި އެއްބަސްވުމުގައި ހިމެނޭ އެންމެހައި ކަންތައްތައް އިހްލާސްތެރިކަމާއެކު ތަންފީޒު ކުރުމަށް އިގުރާރުވެ ސޮއިކުރާ ކަމަށެވެ.

އެ އެއްބަސްވުން އެކުލަވާލެއްވިކަން އިއުލާން ކުރެއްވީ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒުގައި ބޭއްވި ކުއްލި ޕްރެސް ކޮންފަރެންސްގަ އެވެ.

އެ ޕްރެސް ކޮންފަރެންސްގައި އެ އެއްބަސްވުން އިއްވަވައި ދެއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހެވެ. ދިވެހި ބަހުން އެކުލަވާލި އެއްބަސްވުމުގެ އިނގިރޭސީ ތަރުޖަމާ އިއްވަވައި ދެއްވީ ރައީސް މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް