ރާއްޖޭގައި މިހާރު ހަލުވި ކަމާއެކު ފެތުރެމުންދާ އެޗް1އެން1 އިން ރާއްކާތެރިވުމަށް ސަރުކާރުން ކުރާ މަަސައްކަތުގައި އެހީތެރިވުމަށް ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ރާއްޖެ އަށް ވެކްސިން ހޯދައިދޭން ނިންމައިފިއެވެ.
ޑަބްލިއުއެޗްއޯ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނެވި މަންދޫބު އަރްވިންދު މާތުރު ނެރުއްވި ބަޔާނުގައި ވިދާޅުވީ 30،000 ޑޯޒުގެ ވެކްސިން ހޯދައިދޭން ނިންމާފައިވާ ކަމަށެވެ. އަދި އެހެން ގައުމުތަކުގައި ވެސް ފެތުރެމުންދާ އެޗްވަންއެންވަންގެ ހާލަތު އެ ޖަމާއަތުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި މިކަމުން ރައްކާތެރިވުމުގެ ގޮތުން ސިއްހީ ދާއިރާ އަށް ލަފަ އާއި އިރުޝާދު ފޯރުކޮށްދެމުން އަންނަ ކަމަށްވެސް އޭނާގެ ބަޔާނުގައި ވެއެވެ.
އޭނާ ވިދާޅުވީ ވެކްސިން ޖަހަން ސަރުކާރުން ނިންމާފައިވާއިރު އިސްކަންދޭނީ ހާއްސަކޮށް ސިއްހީ އެހީތެރިންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކަށް ކަމަށެވެ. މީގެ އިތުރުން އެޗް1އެން1 އިން ރައްކާތެރިވުމުގެ ގޮތުން މާބަނޑު މީހުންނާއި ކެންސަރު ބައްޔާއި ކިޑްނީ ބަލި ފަދަ ހައި ރިސްކު ގްރޫޕްތަކަށް ިމިހާރުވެސް ވެކްސިން ޖަހަމުން އަންނަކަމަށް އޭނާގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން މިހާތަނަށް 900 މާބަނޑު މީހުންނަށް ވަނީ ވެކްސިން ޖަހާފައެވެ.
ރާއްޖޭގެ އިތުރުން އިންޑިއާ އާއި ސްރީ ލަންކާ އާއި ނޭޕާލާއި ބޫޓާން އަދި ތައިލެންޑް ފަދަ ގައުމުތަކުގައިވެސް އެޗް1އެން1 ފެތުރެމުންދާކަމަށް ރިޕޯޓުކޮށްފައިވާ ކަމަށް އޭނާގެ ބަޔާނުގައި ވެއެވެ.
ރާއްޖޭގައި އެޗް1އެން1 އަށް ޕޮސިޓިވްވި މީހުންގެ އަދަދު 176 އަށް އަރާފައިިވާއިރު، މި ބަލީގައި މިހާތަނަށް 3 މީހުން ވަނީ މަރުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް