އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ބިނާކުރުމުގެ އެއްބަސްވުމެއްގައި އުރީދޫ އާއި އެޗްޑީސީ އިން ސޮއިކޮށްފި

އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ބިނާކުރުމަށް، ހާއްސަ އެއްބަސްވުމެއްގައި އުރީދޫ އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން މިއަދު ސޮއިކޮށްފިއެވެ. އިއްޔެ ހެނދުނު އެޗްޑީސީގައި ބޭއްވުނ...

24 Mar 2017 | 02:26

އުރީދޫގެ ހެޑްކުއަޓަރޒް ހުޅުމާލޭގައި ބިނާކުރުމަށް، ހާއްސަ އެއްބަސްވުމެއްގައި އުރީދޫ އާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އިން މިއަދު ސޮއިކޮށްފިއެވެ.

އިއްޔެ ހެނދުނު އެޗްޑީސީގައި ބޭއްވުނު ރަސްމިއްޔާތުގައި، އުރީދޫގެ ފަރާތުން ސީއީއޯ ވިކްރަމް ސިންހާ މި އެއްބަސްވުމުގައި ސޮއިކުރެއްވިއިރު، އެޗްޑީސީ ގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ، މުހައްމަދު ސައިމަންއެވެ.

ރާއްޖޭގައި ހިންގަމުންދާ ބޮޑެތި ކުންފުނިތަކުގެ ތެރެއިން، ހުޅުމާލޭގައި ހެޑްކުއާޓަރޒް ގާއިމްކުރާ އެންމެ ފުރަތަމަ ކުންފުންޏަށް ވުމުގެ އިތުރުން، އުރީދޫ ވެގެންދާނީ ހުޅުމާލޭގައި މައި ހެޑްކުއާޓަރ ގާއިމް ކުރާ ފުރަތަމަ މަލްޓި ނެޝަނަލް ކުންފުންޏަށެވެ.

"ހުޅުމާލޭގައި އަޅުގަނޑުމެންގެ ހެޑްކުއާޓަރޒް ގާއިމްކުރެވިގެންދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް އަދި އުރީދޫއަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއް. އަޅުގަނޑުމެންގެ މަގްސަދަކީ ފަހުގެ ޓެކްނޮލޮޖީގެ ފަސޭހަކަން ލިއްބައިދީފައިވާ، މަސައްކަތްކުރާ ހިތްވާ ކަހަލަ މާހައުލެއް މުވައްޒަފުންނަށް ގާއިމްކޮށްދީގެން، މުވައްޒަފުންގެ އުފެއްދުންތެރިކަން އިތުރުކޮށް، ހުނަރުތައް ތަރައްގީކުރުމާއި އެކު، ރާއްޖޭގެ ރައްޔިތުންނަށް ފައިދާހުރި ޚިދުމަތްތައް ފޯރުކޮށްދިނުމަށް މުވައްޒަފުން ކުރާ މަސައްކަތް އިތުރަށް ފުރިހަމަވެގެންދިއުން. ހުޅުމާލޭގައި މި އިމާރާތް ބިނާކުރަން އަޅުގަނޑުމެން ބޭނުންވަނީ ޑިޖިޓަލް އިނޮވޭޝަން ހަބެއް ގޮތުގައި. މިގޮތުން، ޒުވާނުންނަށް ހާއްސަކޮށްގެން، ޒަމާނީ ބިޒްނަސް އިންކިއުބޭޓަރއެއް ބިނާކުރުމަށްވެސް މި އިމާރާތުން ޖާގައެއް ކަނޑައެޅިފައިވާނެ." އުރީދޫގެ ސިއީއޯ ވިކްރަމް ސިންހާ ވިދާޅުވިއެވެ.

އުރީދޫގެ އަމާޒަކީ، މުވައްޒަފުންނާއި ގުޅޭ، މަސައްކަތް ކުރަން ދާހިތްވާ ފަދަ މާހައުލެއްގެ ގޮތުގައި އައު ހެޑްކުއާޓަރޒް ބިނާކުރުމެވެ. މިގޮތުން، އެ އިމާރާތުގައި ކެފޭއެއް އަދި ފިޓްނެސް ސެންޓަރ އެއްގެ އިތުރުން، އުރީދޫގައި މަސައްކަތް ކުރާ މައިންބަފައިންގެ ފަސޭހައަށް ގާއިމްކުރެވޭ ޑޭކެއަރ ސެންޓަރ އެއްވެސް ހިމެނޭނެކަމުގައި އުރީދޫއިން ހާމަކުރެ އެވެ.

"އުރީދޫގެ ފްލޭގްޝިޕް ބިލްޑިންގް ވެގެންދާނީ އެންމެ ޒަމާނީ، އަދި ހަމަ އެހެންމެ މުވައްޒަފުންނަށް ފަސޭހަޔާއި ހިތްހަމަޖެހުމާއި އެކު މަސައްކަތް ކުރެވޭނެ ފަދަ މާހައުލަކަށް. ހުރިހާ ފަންތިއެއްގެ މުވައްޒަފުންވެސް އެކުގައި އެންމެ ފުރިހަމަގޮތުގައި މަސައްކަތް ކުރުމަށް ފަސޭހަކޮށްދޭނެ "އޯޕަން އޮފީސް ކަލްޗަރ" އެއް ބިނާ ކުރުމަކީ އަޅުގަނޑުމެންގެ އެންމެ ބޮޑު އެއް އަމާޒު. ހަމައެއާއި އެކު، މިތަނުގައި ގާއިމްކުރެވޭ ޑޭކެއާ ސެންޓަރ އަދި ކުޅިވަރާއި މުނިފޫހިފިލުފިލުވުމުގެ ހާއްސަ ފެސިލިޓީތައް ވެގެންދާނީ އުރީދޫ މުވައްޒަފުންގެ އާންމު ދިރިއުޅުމަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައަކަށް. އުރީދޫ އަކީ ރާއްޖޭގެ އެންމެ މަޤްބޫލު އެމްޕްލޯޔަރ ބްރޭންޑް ކަމަށް ހެދުމަށް އަޅުގަނޑުމެން ކުރާ މަސައްކަތަށް، މި ޕްރޮޖެކްޓްގެ ސަބަބުން ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ." އުރީދޫގެ ޑިރެކްޓަރ އޮފް ހިއުމަން ރިސޯސަސް މުހައްމަދު ޝާހިދު ވިދާޅުވިއެވެ.

އުރީދޫގެ ފްލޭގްޝިޕް ބިލްޑިންގް ބިނާ ކުރުމުގެ މަސައްކަތް ކުރިއަށް އޮތް މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށާއި ހަމައެއާއި އެކު، އެކުންފުނިން މަސައްކަތް ކުރަމުން ދާނީ 18 މަސްދުވަސް ތެރޭގައި ހެޑްކުއާޓަރސްގެ މަސައްކަތް ނިންމުމަށް ކަމުގައިވެސް އުރީދޫއިން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް