ކުރީގެ ރައީސް ނަޝީދު 13 އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމް އިސްތިއުނާފް ނުކުރަން ނިންމައިފި އެވެ.
މިކަމާ ބެހޭގޮތުން ރައީސް ނަޝީދުގެ އޮފީހުން ދެންމެ ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ މައްސަލަ އިސްތިއުނާފް ނުކުރުމަށް ނިންމެވީ ރައީސް ނަޝީދު ކަމަށެވެ. އެ ބަޔާނުގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ ނަންބަރު 132/Cr-C/2015 ޤަޟިއްޔާގައި 13 މާޗް 2015 ވީ ހުކުރު ދުވަހުގެ ރޭ ކްރިމިނަލް ކޯޓުން ކުރެއްވި ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފްކުރުމަށްޓަކައި ކްރިމިނަލް ކޯޓުން މައްސަލަ ނިންމެވި ގޮތުގެ ރިޕޯޓު ބޭނުންވާތީ، އެކަމަށް އެކޯޓުގައި ވާނީ 15 މާޗް 2015 ތާރީޚުގައި އެދިފައި ވާކަމަށެވެ. އެހެންނަމަވެސް، މިއަދާ ހަމައަށްވެސް އެރިޕޯޓު ކްރިމިނަލް ކޯޓުން ދޫކޮށްފައި ނުވާ ކަމަށެވެ.
"ރައީސް މުޙައްމަދު ނަޝީދު ދެކެވަޑައިގަންނަވާގޮތުގައި އެމަނިކުފާނުގެ މައްޗަށް ސާބިތުކޮށްފައިވާ ޓެރަރިޒަމްގެ މައްސަލަ އިސްތިއުނާފްކުރުމަށް ބޭނުންވާ އެންމެ މުހިންމު ޑޮކިއުމަންޓަކީ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓް، އެރިޕޯޓު ލިބުމުން މެނުވީ އެރިޕޯޓުގައި ހުރި މަޢުލޫމާތާއި، ކޯޓުގައި ޙަޤީޤަތުގައި ކަންހިނގައިދިޔަގޮތް އަޅާކިޔޭނޭ އެއްވެސް ގޮތެއް ނޯންނާނެ، އެރިޕޯޓުގައި ހެކިންގެ ހެކިބަހާއި، ކިތާބީ ހެއްކާ ގުޅޭ ގޮތުން ދެފަރާތުން ދައްކަވާފައިވާ ވާހަކަތަކާއި، ޝަރީޢަތް ހިނގަމުންދިޔައިރު ޝަރީޢަތް ކުރިއަށް ގެންދާނެ ގޮތާގުޅޭގޮތުން ފަނޑިޔާރުން ނިންމަވާފައިވާ ނިންމެވުންތައް ހިމެނިފައިވާނެ" އެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި ބުނެގައިވަނީ ކްރިމިނަލް ކޯޓުން މިއަދާ ހަމައަށްވެސް ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ފޯރުކޮށްނުދީ، ޤާނޫނުއަސާސީއިން ލިބިދީފައިވާ އިސްތިއުނާފްކުރުމުގެ ޙައްޤަށް ހުރަސް އަޅައި، އިދާރީގޮތުން ދަތިކުރުމުގެ ޢަމަލުތައް ތަކުރާރުކޮށް ކުރަމުން ގެންދާކަން ފާހަގަކުރާ ކަމަށާއި އިސްތިއުނާފް ކުރުމަށް ތައްޔާރުކުރާ މައްސަލަ ބިނާވާނީ، ދަށު ކޯޓުގެ މަރުޙަލާގެ ޝަރީޢަތުގައި ދެކެވުނު އެންމެހައި ވާހަކަތަކާއި، ޝަރީޢަތުގެ އިޖުރާއަތާއި، ހުށަހެޅުނު ހެކިތަކާއި، ޤަރީނާތަކުގެ ސައްޙަކަން ނުވަތަ ނޫންކަން ކަނޑައެޅުމުގެ މައްޗަށްކަމަށްވާއިރު، އެރިޕޯޓު ލިބުމާއި، އެރިޕޯޓު ލިބުމަށްފަހު، އެރިޕޯޓު ދިރާސާކުރުމަށްޓަކައި އިސްތިއުނާފީ ނުކުތާތައް ބިނާކުރުމަށްޓަކައި އެކަށީގެންވާ ވަގުތު ބޭނުންވާ ކަމަށެވެ.
އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްތިއުނާފު މަރުޙަލާގައި ރައީސް މުޙައްމަދު ނަޝީދުގެ ވަކީލުންނަށް ވަކާލާތުކުރުމުގެ ފުރުޞަތު ލިބެނީ، އިސްތިއުނާފަށް ހުށަހަޅާ ނުކުތާތަކުގެ އިންތަކުގެ ތެރެއިން ކަމަށާއި އިސްތިއުނާފަށް ހުށަހަޅާއިރު، ހިމެނިފައިނުވާ ނުކުތާތައް ހައިކޯޓުގައި ފާހަގައެއްނުކުރެވޭނެ ކަމަށްވެސް އެ ބަޔާނުގައި ވެ އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރައީސް ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި، އެ މަނިކުފާނަށް، އެ ރިޕޯޓު ފުރިހަމަ ގޮތުގައި ކޮންމެވެސް ދުވަހަކު ލިބިވަޑައިގަންނަވާނެ ކަމަށެވެ. އަދި އެ ރިޕޯޓު ލިބިވަޑައިގަތުމުން ކުށުގެ ތުޙުމަތުން އެމަނިކުފާނު ބަރީއަވާނެކަމަށް އެމަނިކުފާނު ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި ރައީސް މުޙައްމަދު ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި ޤާޟީ ޢަބްދުﷲ މުޙައްމަދު، އެމް.އެން.ޑީ.އެފްގެ ބެލުމުގެ ދަށަށް ގެންދިއުމާ ގުޅޭގޮތުން ކްރިމިނަލް ކޯޓުގައި ހިނގަމުންދާ އެހެން މައްސަލަތައް ނިމި އެޝަރީޢަތްތަކުގެ ނަތީޖާއަށް ބެލުން އެއީ މައުނަވީ ދިފާޢުއަކަށް ބޭނުންތެރި ކަމެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް