ތަކުރާރުކޮށް އެއް ސަރަހައްދަކަށް އެއްވުމުގެ ފުރުސަތު ނުދެވޭނެ: ޕޮލިސް

ތަކުރާރުކޮށް އެއްސަރަޙައްދެއްގައި އަދި އެއް މަގުތަކެއްގައި އެއްވުމަށް ފުރުޞަތު ނުދެވޭނެ ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން މިހެން ބުނެފައިވަނީ މިއަދު ނެރުނު ނޫސް ބަޔާނެއްގަ އެވެ. އެ ބަޔާނުގައު އެއް...

24 Mar 2015 | 10:38

ތަކުރާރުކޮށް އެއްސަރަޙައްދެއްގައި އަދި އެއް މަގުތަކެއްގައި އެއްވުމަށް ފުރުޞަތު ނުދެވޭނެ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިހެން ބުނެފައިވަނީ މިއަދު ނެރުނު ނޫސް ބަޔާނެއްގަ އެވެ. އެ ބަޔާނުގައު އެއްވުންތަކާ ގުޅޭގޮތުން މައިގަނޑު ހަތަރު ކަމެއް ފާހަގަ ކޮށްފައި ވެ އެވެ. އެ ހަތަރު ކަމަކީ     ތަކުރާރުކޮށް އެއްސަރަޙައްދެއްގައި އަދި އެއް މަގުތަކެއްގައި އެއްވުމަށް ފުރުޞަތު ނުދިނުމާއި ރޭގަނޑުގެ 23:00 ގެ ފަހުން އެއްވުންތަކުގައި އަޑުގަދަކުރާ ބޭނުން ކުރުން ހުއްޓުވުމާއި އެއްވުންތައް 00:00 އަށް ހުއްޓާލައި މަގުމަތި އަމާންކުރުމަށް އެއްވުން އިންތިޒާމުކުރާ ފަރާތްތަކަށް އެންގުމާއި އަދި ރޭގަނޑު 12ގެ ފަހުން އެއްވުންތައް ކުރިޔަށްދާން ފުރުޞަތު ނުދިނުމެވެ.

އެ ބަޔާނުގައި ބުނެފައިވަނީ އިސްވެދިޔަ ފިޔަވަޅުތައް އެޅުމަށް ނިންމީ ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނޫގެ 41 ވަނަ މާއްދާގެ (ކ) ން ފުލުހުންނަށް ލިބިދީފައިވާ ބާރުގެ ދަށުން ކަމަށެވެ.

"މާލޭގައި ސިލްސިލާކޮށް ރޭގަނޑު ބާއްވަމުންދާ އެއްވުންތަކާއި ގުޅިގެން މާލޭގައި ދިރިއުޅޭ މީހުންގެ އާއްމު ދިރުއުޅުމަށާއި، ވިޔަފާރިކުރާ ފަރާތްތަކަށް ތަކުރާރުކޮށް ލިބެމުންދާ ގެއްލުންތަކާއި ގުޅިގެން، ޢާއްމު ރައްޔިތުންނާ ވިޔަފާރިކުރާ ފަރާތްކުން އަންނަނީ މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ތަކުރާރުކޮށް ޝަކުވާ އުފުލައި، އެފަރާތްތަކުގެ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށްދީ ރައްކާތެރިކޮށްދިނުމަށް އެދެމުން" ފުލުހުންގެ ބަޔާނުގައި ވެ އެވެ.

ފުލުހުންގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ މާލޭގައި ސިލްސިލާކޮށް މިހާރު ބާއްވަމުންއަންނަ އެއްވުންތައް ބާއްވާ ވަގުތަކީ ވިޔަފާރިކުރާ ފަރާތްތަކަށް އެންމެ މުހިއްމު ވަގުތުކަމަށްވާއިރު، ކޮންމެ ރެއަކު ސިލްސިލާކޮށް މި އެއްވުންތައް މަޖީދީމަގާ އެނޫނަސް ވިޔަފާރީގެ މުހިއްމު ސަރަޙައްދުތަކުގައި ބޭއްވުމުން މަގުތައް ބަންދުވެ، އެއްގަމު ދަތުރުތަކަށް ހުރަސްއެޅި، ހިނގާ ބިގާވުމަށާއި ވިޔަފާރި ކުރުމަށާއި އެހެނިހެން ބޭނުންތަކަށް މާލޭގެ އެކިސަރަޙައްދުތަކަށް ގޮސްއުޅެން ބޭނުންވާ މީހުން އެއްތަނުން އަނެއްތަނަށް ދިއުމަށް ދަތިވުމުގެ ސަބަބުން ވިޔަފާރީގެ ފުރުސަތުތައް ބަންދުވެ ވިޔަފާރި ކުރާ ފަރާތްތަކަށް އިގްތިސާދީ ގޮތުން ފޫނުބެދޭ ވަރުގެ ގެއްލުންތައް ލިބެމުންދާކަމާއި މީހުންގެ އާއްމު ދިރިއުޅުމުގެ ކަންކަންމަށްވެސް ބުރޫއަރައި މިކަންކަން ތަކުރާރުވަމުން އަންނަ ނިސްބަތް އިތުރުވަމުންދާކަން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ފާހަގަ ކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް