ދިރާގުގެ 36 ވަނަ އަހަރީ އާންމު ޖަލްސާ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބާއްވައިފިއެވެ.
ހައިބްރިޑް މޮޑެލްއެއްގައި ކުރިއަށް ގެންދިޔަ މި ޖަލްސާގައި 144 ހިއްސާދާރުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި 113 ހިއްސާދާރުން އަދި 36 ހިއްސާދާރުންގެ ޕްރޮކްސީ ދީފައިވާ ފަރާތްތައް ހިމެނެއެވެ. ކުރީ އަހަރުތަކާ ވެސް އެއްފަދައިން، ރަޖިސްޓްރީކޮށްފައިވާ ހުރިހާ ހިއްސާދާރުންގެ ވޯޓު ވެސް ނަގައިފައިވަނީ މޯލްޑިވްސް ސެކިއުރިޓީ ޑިޕޮސިޓަރީ ޕްރައިވެޓް ލިމިޓެޑުގެ އޮންލައިން ޖެނެރަލް މީޓިންގ މެނޭޖްމަންޓް ސިސްޓަމް 'ފަހިވޯޓް' މެދުވެރިކޮށެވެ. 71،335،282 ހިއްސާ ތަމްސީލްކުރާ ހިއްސާދާރުންނާއެކު، މި އަހަރުގެ ޖަލްސާގައި ހުށަހެޅި ހަތަރު ރިޒޮލިއުޝަން ވަނީ ހިއްސާދާރުންގެ ފުރިހަމަ އަގުލަބިއްޔަތުން ފާސްކޮށްފައެވެ.
މި ގޮތުން، ޖަލްސާގައި ބައިވެރިވެ ވޯޓު ދެއްވި ހިއްސާދާރުންގެ އަގުލަބިއްޔަތުން ހަތަރު ރިސޮލިއުޝަނެއް ފާސްކޮށްފައިވެއެވެ.
އެ ރިސޮލިއުޝަން ތަކަކީ:-
- 2024 ވަނަ އަހަރުގެ ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓާއި އޮޑިޓްކުރެވިފައިވާ މާލީ ހިސާބުތަކުގެ ރިޕޯޓް ފާސްކުރުމުގެ ރިސޮލިއުޝަން
- 2024 ވަނަ އަހަރުގެ ފައިނަލް އަދި މުޅި އަހަރުގެ ޑިވިޑެންޑް ކަނޑައަޅައި ފާސްކުރުމުގެ ރިސޮލިއުޝަން
- 2025 ވަނަ މާލީ އަހަރުގެ އެކްސްޓަރނަލް އޮޑިޓަރުން އައްޔަނުކުރުމަށް ފާސްކުރުމުގެ ރިސޮލިއުޝަން
- 2024 ވަނަ އަހަރުގެ އިންޓެރިމް ޑިވިޑެންޑް ކަނޑައަޅައި ބެހުމުގެ ބާރު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ދިނުމަށް ފާސްކުރުމުގެ ރިސޮލިއުޝަން
2024 ވަނަ އަހަރު ދިރާގުން ހާއްސިލުކޮށްފައިވާ ކާމިޔާބީތަކަށް ބަލައިލާއިރު:
- ރާއްޖޭގައި ފުރަތަމަ ފަހަރަށް މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ދިރާގުން ވަނީ ހައި ސްޕީޑް ފައިބަރ ބްރޯޑްބޭންޑް އިންޓަރނެޓްގެ ހިދުމަތް ފޯރުކޮށްދިނުން.
- ދިވެހިރާއްޖޭގައި ޑިޖިޓަލް ސާވިސް ފޯރުކޮށްދިނުމުގައި އެންމެ ކުރީގައިވާ ފަރާތުގެ މަގާމް އިތުރަށް ވަރުގަދަކޮށް، %100 މޮބައިލް ކަވަރޭޖްއާ އެކު ހައި ސްޕީޑް ފައިބަރ ބްރޯޑްބޭންޑް ފޯރުކޮށްދިނުން.
- އޫކްލާއިން ދޭ 'މޯލްޑިވްސް ފާސްޓަސްޓް މޮބައިލް ނެޓްވޯކް' ގެ އެވޯޑް ވިދިވިދިގެން 3 ވަނަ އަހަރު ހޯދުން.
- 5ޖީ ހިދުމަތް އާބާދީގެ %60 އަށް ފޯރުކޮށްދިނުން.
ބައިނަލްއަގުވާމީ ގޮތުން ހޯދައިފައިވާ ސެޓިފިކޭޝަންތައް:
- އައިއެސްއޯ އައިއީސީ ސެޓްފިކެޓް އައުކޮށް ބައިނަލް އަޤްވާމީ ސެކުއުރިޓީ މެނޭޖްމަންޓް މިންގަޑު ދެމެހެއްޓުން.
- ދިރާގުގެ ޑޭޓާ ސެންޓަރަށް ޓިއަރ 4 ގެ ސެޓިފިކޭޝަން ހޯދުން.
- އޭއެންއެސްއައި ޓީއައިއޭ 942 ސީ ގެ ލެވެލް 4 ގެ ސެޓިފިކެޓް ހޯދައި ރާއްޖޭގައި މިފަދަ އިންފްރާސްޓްރަކްޗަރަލް އަދި ރިލައިބިލިޓީ ޔަގީން ހިދުމަތްތައް ފޯރުކޮށްދޭ ފުރަތަމަ ސަރވިސް ޕްރޮވައިޑަރގެ މަގާމް ހޯދުން.
ސައުތު އީސްޓް އޭޝިޔާ، މިޑްލް އީސްޓް އަދި ވެސްޓަރން ޔޫރަޕާއި ރާއްޖެ ގުޅާލަދޭ ސީމީވީ6 ސަބްމެރީން ސިސްޓަމް ރާއްޖެއާ ގުޅާލައި، މުޅި ދުނިޔެއާ އޮތް ޑިޖިޓަލް ގުޅުން އިތުރަށް ވަރުގަދަ ކުރުން.
2024 ވަނަ އަހަރު ދިރާގަށް ޖުމްލަ އާމްދަނީގެ ގޮތުގައި 2.8 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2023 ވަނަ އަހަރާއި އަޅައިބަލާއިރު 5.9% އިތުރު އަދަދެކެވެ. މިއީ ދިރާގުގެ ހިތުމަތްތައް އިތުރަށް ފުޅާކުރުމާއި ގުޅިގެން ފިކްސްޑް ބްރޯޑްބޭންޑް، މޮބައިލް އަދި އެންޓަރޕްރައިސް ސެގްމަންޓްގެ ޕަރފޯމަންސް ވަރުގަދަ ކުރުމުގެ ނަތީޖާއެވެ. 2023 ވަނަ އަހަރާ އަޅާ ބަލާއިރު 2024 ވަނަ އަހަރު ދިރާގުގެ އިބިޓާވަނީ %5.1 ގެ ކުރިއެރުމަކާއެކު 1.6 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އަދި، ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 946 މިލިއަން ރުފިޔާ ހޯދައި، 2023 އަށް ވުރެ %5.5 ގެ ކުރިއެރުމެއް ވަނީ ހޯދައިފައެވެ.
ކެޕިޓަލް އިންވެސްޓްމަންޓްގެ ގޮތުގައި ދިރާގުން ވަނީ 2024 ވަނަ އަހަރު 574 މިލިއަން ރުފިޔާ ހަރަދުކޮށް، ނެޓްވަރކް ފުޅާކޮށް ހަރުދަނާކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް މުހިންމު އިންވެސްޓްމަންޓްތަކެއް ކޮށްފައިވެއެވެ.
ދިރާގުގެ ހިއްސާދާރުންނަށް ލިބޭ މަންފާ އިތުރު ކުރުމަށް ދިރާގުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ 2024 ވަނަ އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 8.70 ރުފިޔާ ދިނުމަށް ހުށަހަޅައި ފާސްކޮށްފައެވެ. މީގެ ތެރޭގައި، 2024 ވަނަ އަހަރުގެ ތެރޭގައި އިންޓެރިމް ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް ދީފައިވާ 1.66 ރުފިޔާ އަދި ހިއްސާއަކަށް ފައިނަލް ޑިވިޑެންޑްގެ ގޮތުގައި ހުށަހަޅައިފައިވާ 7.04 ރުފިޔާ ހިމެނެއެވެ.
ދިރާގުގެ 36 ވަނަ އަހަރީ ރިޕޯޓް ބެއްލެވުމަށް: https://bit.ly/41rpnka
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް