ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ވަޒީރު ޢަލީ އިޙްސާންގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ، ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
އެ މައްސަލަ ހުށަހަޅާފައިވަނީ އިދިކޮޅު ޕާޓީ، އެމްޑީޕީއިންނެވެ. އެ ޕާޓީގެ 12 މެންބަރުންގެ ސޮޔާއެކު ހުށަހެޅި އެ މައްސަލައިގާ ބުނެފައިވަނީ ވަޒީރު ކަމުގެ މަޤާމާ ހަވާލުވެޑައިގެންނެވިތާ އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު ވަޒީރަކު ކޮށްގެން ނުވާނެ އެތައް ކަމެއް ޤާނޫނު އަސާސީއާ ޚިލާފަށް ވަޒީރު ކުރައްވާފައިވާކަމަށެވެ.
ޑީއެންއާރު ޑާޓާތަކުގެ ވާހަކައާއި ބެސްޓިނެޓްގެ ވާހަކަ އެމްޑިޕީގެ މެންބަރުން ހުށަހެޅި އެ މައްސަލައިގާ ހިމަނާފައިވެއެވެ.
މާދަމާ 09:00 ގައި މަޖިލީހުގެ ޖަލްސާ ފަށަން ތާވަލުކޮށްފައިވާއިރު އެޖެންޑާގެ ފުރަތަމަ އައިޓަމެއްގެ ގޮތުގައި އޮތީ އެ މައްސަލައެވެ. މި މައްސަލައިގާ ޖަވާބުދާރީވުމަށް އިޙުސާނަށް އެއް ގަޑިއިރުގެ ވަގުތެއް ދިނުމަށް މަޖިލީހުގެ ޢާންމު ކޮމިޓީއިން ނިންމާފައިވެއެވެ.
މިއީ ރައީސް މުޢިއްޒުގެ ކެބިނެޓް މެންބަރެއްގެ އިތުބާރުގެ މައްސަލަ ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް