އަމިއްލަ މާދަރީ ބަހުން ވާހަކަ ދެއްކުމަކީ ދަރިންގެ ތަރުބިއްޔަތަށް އޭގެ ހެޔޮ އަސަރުކުރާނެ ކަމެއް ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
މޭޔަރ ޢާޒިމް މިފަދައިން ވިދާޅުވީ މާފަނު މަދަރުސާގެ ދަރިވަރުން ދަސްވެނިވުން ފާހަގަ ކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައެވެ.
މޭޔާރ ޢާޒިމް ވިދާޅުވީ އަމިއްލަ މާދަރީ ބަހުން ވާހަކަ ދެއްކުމަކީ ދަރިންގެ ތަރުބިއްޔަތަށް އޭގެ ހެޔޮ އަސަރުކުރާނެ ކަމެއް ކަމަށާއި އެ މީހަކު ދަންނަ ބަހަކުން އެއެއްޗެއް ބުނުމުން އޭގެ އަސަރު ކުރާނީ އެ މީހާގެ ސިކުނޑިއަށް ކަމަށެވެ.
"ނެލްސަން މަންޑޭލާ ވިދާޅުވެފައިވޭ. އެ މީހަކު ދަންނަ ބޭރު ބަހަކުން އެއެއްޗެއް ބުނުމުން އޭގެ އަސަރު ކުރާނީ އެ މީހާގެ ސިކުނޑިއަށޭ. ނަމަވެސް އެ މީހެއްގެ އަމިއްލަ މާދަރީ ބަހުން އެއްޗެއް ބުނުމުން އޭގެ އަސަރުކުރާނީ އެ މީހެއްގެ ހިތަށޭ. މިއިން އެނގެނީ ސިކުޑިއަށް މަޢުލޫމާތު އެނގުނު ނަމަވެސް، ޖަޒުބާތު އުފައްދާނީ ހިތުން ކަން. އެހެންކަމުން ކުދިންނަށް ދޭ ނަޞޭހަތާއި އިރުޝާދު އަމިއްލަ މާދަރީ ބަހުން ދިނުމުން އަސަރުކުރާމިން ވަރު އިތުރުވެ ޖަޒުބާތު އުފެދޭނެ." މޭޔަރ ޢާޒިމް ވިދާޅުވި އެވެ.
މިއަދު ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކޮބައިކަން ފާހަގަ ކުރައްވާ މޭޔަރ އާޒިމް ވިދާޅުވީ ދިވެހި ދަރިވަރުން ދިވެހި ބަހަށް ފަރިތަ ނޫން ކަމަށާއި ބަހާއިދުރުކަމަށެވެ. އަދި މިކަންކަން ހައްލު ކުރުމަށް ދަރިން ސްކޫލުގައި، ދިވެހި ބަހުން މުއާސަލާތުކޮށް މުޢާމަލާތު ކުރާ މިންވަރު އިތުރުކުރަން ޖެހޭކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވި އެވެ.
މޭޔަރ ޢާޒިމް ވިދާޅުވި "ދިވެހި" އެއީ މާއްދާއެއް ގޮތަށް އެކަނި ކިޔަވަދީގެން މިއަދު ޒުވާން ޖީލު ގައުމާ ހަވާލުވާއިރު ބަސްއޮންނާނީ ވަޅުޖެހިފައި ކަމަށާއި މިއަދުގެ ހަގީގަތަކީ ގޭގެ އިންނަ މަންމަ ވެސް، ދަރިފުޅަން ކާންދޭ ގަޑީގައި ވިދާޅުވަނީ، ދަރިފުޅާ "ވޯޓަރ ކޮޅެއް ބޯލާ" ށޭ ކަމަށެވެ.
މީގެ އިތުރުން މޭޔަރ ޢާޒިމް ވިދާޅުވީ ކިއްތައްމެ ފުރިހަމަ ކިތައްމެ ބޮޑު ޢިމާރާތެއް ނަމަވެސް އެ ޢިމާރާތް ގިނަ ދުވަހަށް ދެމި ހުރުން ބިނާވާނީ، އަޅާ ފައުންޑޭޝަން ވަރުގަދަ ވެގެން ކަމަށާއި މި ހަމައިން ވިސްނާއިރު ދަރިންގެ ތަޢުލީމާއި ތަރުބިއްޔަތުގެ ފައުންޑޭޝަނަކީ ޕްރީ ސްކޫލް މަރުހަލާ ކަމަށެވެ. އެހެން ކަމުން މިހާރު ވެސް ތިޔަ ކުރައްވާގޮތަށް، އިޚުލާޞްތެރިކަމާއެކު މަސައްކަތް ކޮށް، ތަޢުލީމާއި ތަރުބިއްޔަތުގެ ހަރު ދަނާ ބިންގަލެއް ތުއްތު ދަރިވަރުންނަށް އަޅައިދިނުމަށް އެންމެހާ ބެލެނިވެރިންގެ ކިބައިން މޭޔަރ ވާނީ އިލްތިމާސް ކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް