ކުރިއަށް އޮތް ރަމަޟާން މަހާއި ދިމާކޮށް ފިހާރަތަކާއި މާރުކޭޓްތަކުން ވިއްކާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓައި ވަރުގަދަ އިންސްޕެޝަނެއް ފަށާފައިވާކަމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެ އޭޖެންސީން ބުނެފައިވަނީ ހެލްތު މިނިސްޓްރީއާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އާއި އެޗްޕީއޭ އާއި ގުޅިގެން ފެށި މި މާސްއިންސްޕެކްޝަން މިއަދު ހެނދުނު 9:00 އިން 16:00 އަށް މާލެ އާއި އަތޮޅުތެރޭގައި ކުރިއަށްދާނެކަމަށެވެ.
"މި އިންސްޕެކްޝަންގެ މަގްސަދަކީ، ކާބޯތަކެތީގެ ރައްކާތެރިކާތެރިކަމުގެ ޤާނޫނު( 6/2024) އާއި އެގާނޫނުގެ ދަށުން އެކުލަވާލާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވިއްކާ، ގުދަންކޮށް އަދި އެތަންތަނުގައި ގެންގުޅޭ ކާބޯތަކެއްޗަކީ ޞިއްޙީ ގޮތުން އެކަށީގެންވާ، ރައްކާތެރި ކާބޯތަކެތިކަން ކަށަވަރުކުރުން" އެޗްޕީއޭއިން ބުނެފައިވެއެވެ.
މިގޮތުން މިއިންސްޕެކްޝަންގެ ތެރެއިން ފިހާރަތަކާއި މާރުކޭޓްތައް ބުޅާ މިދާ ފަދަ ޖަނަވާރުތަކަށް ނުވަދެވޭގޮތަށް ޕެސްޓްކޮންޓްރޯލް ކުރެވިފައިވޭތޯ ބެލުމާއި، ކާބޯތަކެތި ބަހައްޓާފައި ހުންނަ ރެކް، ޝެލްފް އައިސްއަލަމާރީގައި ކާބޯތަކެތި ބަހައްޓާފައި ހުންނަގޮތާއި، ވަކި ފިނިހޫނުމިނެއްގައި ބެހެއްޓުމަށް ލޭބަލްގައި އިރުޝާދު ދިފައިވާ ތަކެތި ބަހައްޓަނީ އެއިރުޝާދާއި އެއްގޮތަށްތޯ ބެލުމާއި ،މުއްދަތު ހަމަވެފައިވާ ކާބޯތަކެތި ހުރިތޯ ބެލުމުގެ އިތުރުން ކާބޯތަކެތި ބަންދުކޮށް، ލޭބަލްކޮށް ،ގުދަން ކޮށްފައިވަނީ ރައްކާތެރިކޮށްތޯ ބެލުން ހިމެނޭކަމަށް ބުނެފައިވެއެވެ.
ކާބޯތަކެތި ރައްކާތެރިކުރުމުގެ ޤާނޫނު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވީ 2024 ވަނަ އަހަރުގެ މޭމަހުގެ 23ވަނަ ދުވަހުއެވެ. މިޤާނޫނަށް އަމަލުކުރުމަށް ފަށާފައިވަނީ 23 އޮގަސްޓް 2024 އިން ފެށިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް