ހަނގުރާމަ ހުއްޓާލައި ޔޫކްރޭނުން ފޭބުމަށް ރަޝިޔާއަށް އދ އިން ގޮވާލާ ގަރާރެއް ފާސްކޮށްފި

ރަޝިއާއިން ޔޫކުރެއިންއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށާއި އަދި އެގައުމުގެ ސިފައިން ޔޫކުރެއިން ފޭބުމަށް ގޮވާލާ، އދގެ ޖެނެރަލް އެސެމްބްލީން 141 ގައުމުގެ ތާއީދާއެކީ، ގަރާރެއް ފާސްކޮށްފިއެވެ. އދގެ ޖެނެ...

24 Feb 2023 | 10:21

ރަޝިއާއިން ޔޫކުރެއިންއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށާއި އަދި އެގައުމުގެ ސިފައިން ޔޫކުރެއިން ފޭބުމަށް ގޮވާލާ، އދގެ ޖެނެރަލް އެސެމްބްލީން 141 ގައުމުގެ ތާއީދާއެކީ، ގަރާރެއް ފާސްކޮށްފިއެވެ.

އދގެ ޖެނެރަލް އެސެމްބްލީން މި ގަރާރު ފާސްކޮށްފައި ވަނީ ރަޝިއާއިން ޔުކްރޭނަށް އުދުވާނީ ހަމަލާ ދޭންފެށިތާ އެއް އަހަރު ފުރޭ މުނާސަބަތާއި ދިމާކޮށެވެ.

އެގޮތުން އދގެ ގަރާރުގައި ވަނީ ޔުކްރެއިން-ރަޝިއާގެ މައްސަލައިގައި "ދެމެހެއްޓެނިވި ސުލްހައެއް ގާއިމް ކުރުމަކީ "ބައިނަލްއަގުވާމީ ސުލްހައާއި ސަލާމަތަށް" ވެސް މުހިންމު ކަމެއް ކަމަށާއި ޔޫކުރެއިންއަކީ މިނިވަން މުސްތަގިއްލު ގައުމެއްކަމަށާއި، އެގައުމުގެ ސަރަހައްދީ އިމަށް އިހުތިރާމް ކުރުމަށެވެ.

މިގަރާރަށް އދގެ ޖެނެރަލް އެސެމްބްލީގެ 141 ގައުމަކުން ތާއީދުކޮށްފައިވާއިރު، މި ގަރާރާއި އެއްކޮޅަށް ވޯޓު ދިން ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނެއެވެ.

އަދި މިގަރާރު ފާސްކުރުމަށް އދގެ ޖެނެރަލް އެސެމްބްލީގައި ނެގި ވޯޓުގައި އެއްވެސް ކޮޅަކަށް ވޯޓު ނުދީ ތިބި 32 ގައުމުގެ ތެރޭގައި، ސައުތު އޭޝިއާގެ ބައެއް ގައުމުތައް ކަމަށްވާ ސްރީ ލަންކާ، ޕާކިސްތާން އަދި އިންޑިއާ ހިމެނެއެވެ.

މީގެ އިތުރުން މި ގަރާރާއި ދެކޮޅަށް 7 ގައުމަކުން ވޯޓުދީފައި ވާއިރު މި ގައުމުތަކުގެ ތެރޭގައި ރަޝިއާގެ އިތުރުން، އެގައުމުގެ އަވައްޓެރި ބެލަރޫސް، އުތުރު ކޮރެއާ، އެރިޓްރިއާ، މާލީ، ނިކަރާގުއާ އަދި ސީރިއާ ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް