ހުކުރު ޚުޠުބާ: ބާރަށް ވެހިކަލް ދުއްވުމާއި އެކަމުން ލިބޭ ގެއްލުމުގެ ވާހަކަ

ބާރަށް ވެހިކަލް ދުއްވުމާއި އެކަމުގެ ސަބަބުން ލިބޭ ގެއްލުމުގެ މައްޗަށް މިއަދުގެ ހުކުރު ޚުޠުބާގައި އަލި އަޅުވާލައިފިއެވެ. "ނަފްސު ރައްކާތެރިކުރުން" މި މަޢުލޫގައި މިއަދުގެ ޚުޠުބާގައި ބުނެފައިވަނީ މާތް ﷲ ...

24 Feb 2023 | 07:59

ބާރަށް ވެހިކަލް ދުއްވުމާއި އެކަމުގެ ސަބަބުން ލިބޭ ގެއްލުމުގެ މައްޗަށް މިއަދުގެ ހުކުރު ޚުޠުބާގައި އަލި އަޅުވާލައިފިއެވެ.

"ނަފްސު ރައްކާތެރިކުރުން" މި މަޢުލޫގައި މިއަދުގެ ޚުޠުބާގައި ބުނެފައިވަނީ މާތް ﷲ ނަފްސު ރައްކާތެރިކުރުން ވާޖިބުކުރެއްވި ކަމަށާއި ނަފްސަށް އަނިޔާކުރުމާއި، ގޯނާކުރުން ނަހީކުރެއްވި ކަމަށެވެ. ނަފްސުގެ ހައްގުތައް އަދާކުރުމަށް އަމުރުކުރެއްވި ކަމަށެވެ.

"ނަފްސަކީ، ހާދަ އަގުބޮޑު އެއްޗެކެވެ. އެއީ އިންސާނުންނަށް އުފެއްދޭނެ އެއްޗެއް ނޫނެވެ. ހަލާކުވުމުން މަރާމާތުކޮށް ރަނގަޅުކޮށްލެވޭނެ އެއްޗެއްވެސް ނޫނެވެ. މާތް ﷲ ވަނީ ނަފްސާ މުޢާމަލާތުކުރާއިރު ހުއްދަވެގެންވާ ކަންތައްތަކާއި، ހުއްދަވެގެންނުވާ ކަންތައްތައް ބަޔާންކޮށްދެއްވާފައެވެ." ހުކުރު ޚުޠުބާގައި ބުނެފައިވެއެވެ.

ޚުޠުބާގައި ގޮވާލާފައިވަނީ އިޙްސާންތެރިއަކަށް ވެވޭތޯ މަސައްކަތްކުރުމަށެވެ. އިޙްސާންތެރިކަމުގެ ތެރޭގައި، ތިމާގެ ނަފްސާއި އެހެން މީހުންގެ ނަފްސު ރައްކާތެރިކުރުމާއި، ނުރައްކަލަށް ހުށަނޭޅުން ހިމެނޭ ކަމަށެވެ. އަދި މަގުމަތީގައި ދުއްވަން ކަނޑައަޅާފައިވާ ބާރުމިނާ ޚިލާފަށް، އެއްގަމު އުޅަނދުތަކާއި، ކަނޑުމަތީގައި ދުއްވާ އުޅަނދުފަހަރު ދުއްވުމަކީ، ނަފްސު ހަލާކަށް އެއްލައިލުއް ކަމަށެވެ. މަގުމަތީގައި، ނުވަތަ ކަނޑުމަތީގައި، އެކަކު އަނެކަކާ ވާދަކޮށް، ރޭސް ޖެހުމަކީ، ނަފްސު ހަލާކަށް ހުށަހެޅުމެއް ކަމަށާއި ވަރުބަލިވެ، ނިދިއައިސް ތާއްޔާ ޖެހެމުންދާ ހިނދު، ނުވަތަ ތިމާގެ ނަފްސު ކޮންޓްރޯލް ނުކުރެވޭ ހާލަތުގައި، މަގުމައްޗަށް ނުކުމެ އުޅުމަކީވެސް ނަފްސު ހަލާކަށް އެއްލައިލުމެއް ކަމަށެވެ. އަދި ހަމަ އެހެންމެ ފޯނާ ކުޅެމުން އުޅަނދުފަހަރު ދުއްވަނިކޮށް އެކްސިޑެންތްވަނީ ކިހާ ވަރަކަށްތޯ އާއި މަގުމަތި އޮތީ ހުސްކޮށް ކަމަށް ހީކޮށް، ހިސާބަށްވުރެ ބާރަށް ދުއްވަމުންދަނިކޮށް، ނުރައްކާތެރި ހާދިސާތައް ހިނގާފައިހުރީ ކިތައް ފަހަރުތޯ ޚުޠުބާގައި ސުވާލުކޮށްފައިވެއެވެ.

"މިފަދަ އަމަލުތަކުގެ ނަތީޖާއަކީ ކޮބައިހެއްޔެވެ؟ މައިންބަފައިން ހިތާމައިގެ ކަނޑަށް ޢަރަޤުވުމެވެ. ލޯބިވާ ފިރިމީހާ ދުށުމުގެ އިންތިޒާރުގައި ގޭގައި އިން އަނބިމީހާއަށް ކުއްލިއަކަށް ހިތާމަވެރި ފޯނު ކޯލެއް ލިބުމެވެ. އޭނާގެ ޅަ ދަރީން ޔަތީމުވެ، އެކުދީންގެ ކުރިމަގު ބަނަވުމެވެ. ޤައުމަށް ފައިދާހުރި ހަކަތަތަކެއް ގެއްލިގެން ދިޔުމެވެ. ބައެއް މީހުން ދުނިޔެއާ ވަކިވަނީއެވެ. އަނެއް ބަޔަކު ނުކުޅެދުންތެރިވެ، ބަޔަކު އުފުއްލަން ޖެހޭ ބުރައަކަށް ވަނީއެވެ. ޢާއިލާއަށް ބަރުދާސްތުކުރާންޖެހޭ ދާއިމީ ހިތާމައަކަށް ވަނީއެވެ." ހުކުރު ޚުޠުބާގައި ބުނެފައިވެއެވެ.

ޚުޠުބާގައި ފާހަގަކޮށްފައިވާގޮތުގައި މަގުމަތީގެ ހާދިސާތަކުގައި، އަނިޔާލިބޭ ގިނަ މީހުންނަކީ، ޒުވާނުންނެވެ. އެއީ އެމީހުންގެ އުފެއްދުންތެރިކަމަށާއި، ހަކަތައަށް ޤައުމު އެދިއެދި ތިބި ބައެކެވެ. އެމީޙުންގެ ޢާއިލާތަކަށް ތަނަވަސްކަމާއި އުފާވެރިކަން ގެނެސްދޭން ތިބި މީހުންނެވެ. މިފަދަ ޙާދިސާތަކުގެ ސަބަބުން އެމީހުން ނުކުޅެދުންތެރީންނަށް ބަދަލުވެއެވެ. ޙަރަކާތެއްނެތި އެނދުގައި އޮންނަންޖެހޭ ބަޔަކަށް ވެއެވެ. މިއީ ގިނަފަހަރަށް އަމިއްލަ އިޚްތިހާރުގައި ކުރާ ނޭދެވޭ އަމަލުތަކުގެ ނަތީޖާއެވެ.

ވިސްނާނުލައި، ޤަވާއިދާ ޚިލާފަށް ސައިކަލު ނުވަތަ ކާރު ދުއްވުމުގެ ސަބަބުން، ގެއްލުޟާއި ހަލާކު ކުރިމަތިވަނީ ހަމައެކަނި ތިމާއަކަށް ނޫން ކަމާއި މިފަދަ ޙާދިސާތަކުގެ ސަބަބުން ބައެއް ފަހަރަށް މުޅި ޢާއިލާ ފަނާވެ ނެތިގެންދާކަމާއި ކުޑަކުދީންނާއި، ބޮޑެތިމީހުންގެ ހެލިފެލިވުމުން އާރާސްތުވެފައިވާ ގެދޮރު، ދާއިމަށް ތަޅުލެވި، ފަޅުވެގެންދާކަން ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ. އަދި މިފަދަ ޙާދިސާތަކުގެ ޝިކާރައަކަށް ވާ މީހުންގެ ތެރޭގައި ކުށެއް ނެތް، މަގުހުރަސްކުރާ މީހުން ހިމެނޭ ކަމާއި ދުއްވާމީހާއަށް އޭނާގެ އުޅަނދު ކޮންޓްރޯލު ނުކުރެވިގެން އެނބުރެމުންގޮސް މި ޖެހެނީ ގަވާއިދާ އެއްގޮތަށް ހިނގާފައިވާ ދާ މީހެއްގެ ގައިގައިގާ ކަންވެސް ހުކުރު ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

"ދުނިޔެއާ މި ވަކިވަނީ އެތައް ބައެއްގެ ބަފަޔެކެވެ. ނުވަތަ މަޔެކެވެ. ނުވަތަ ފިރިއެކެވެ. ނުވަތަ އަނތްބެކެވެ. ނުވަތަ ޢާއިލާއެއްގެ މެންބަރެކެވެ. މިއީ އެތައް ބަޔަކަށް ދެވުނު ގެއްލުމެއް ނޫންހެއްޔެވެ. މުސްލިމުންނަކީ މީހުންނަށް ގެއްލުންދޭ ބައެއް ނޫނެވެ." ޚުޠުބާގައި ބުނެފައިވެއެވެ.

ހުކުރު ޚުޠުބާގައި ނަސޭހަތްތެރިވެފައިވަނީ މުސްލިމުން ހުރިހާ ކަމެއްގައިވެސް މަދުމައިތިރިވާން ޖެހޭނެ ކަމަށާއި އަވަސް އަރުވައިގަނެގެން ލިބޭނެ އިތުރު ފައިދާއެއް ނޯންނާނެ ކަމަށެވެ. ބާރަށް ދުއްވިޔަސް، މަޑުން ދުއްވިޔަސް ދެވޭނީ ހަމަ އެއްތަނަކަށް ކަމަށެވެ. އަދި ބާރަށް ދުއްވަނީ ގަޑިޖެހޭތީ ކަމަށްވަނީ ނަމަ ވަގުތު އޮއްވައި ދަތުރު ފެށުން ބުއްދިވެރި ކަމަށެވެ. ބާރަށް ދުއްވުމުގެ ސަބަބުން އެތައް ނިޢުމަތެއް އަތްމަތިން ބީވެގެން ހިނގައިދާނެކަން ދަންނަންވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް