ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް ބެލެހެއްޓުމަށް ބޭނުންވާ ހުރިހާ މަޢުލޫމާތުތަކެއް އެއްކުރުމަށް ބެނުންކުރާނެ އޮންލައިން ޕޯޓަލެއް ވޭސްޓްމެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ތައާރަފުކޮށްފިއެވެ.
"ވެށިފާރަ ޕޯޓަލް" ގެ ނަމުގައި ތައާރަފުކުރި މި ޕޯޓަލް އިފްތިތާހު ކޮށްދެއްވީ ވެމްކޯގެ 7 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކުޑަގިރީގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބް ފައިޞަލް ނަޞީމްއެވެ.
ވެމްކޯއިން ބުނީ ވެށިފާރަ ޕޯޓަލްއަކީ ވެމްކޯގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަކަށް ގެންނަ ކުނި ބަލައިގަތުމުގެ ކުރިން އެ ކުނި ފޮނުވާ ފަރާތާއި ގެންދާ ފަރާތާއި ކުނީގެ މިންވަރު ދެނެގަތުމަށްޓަކައި ތައްޔާރުކޮށްފައިވާ ޕޯޓަލެއް ކަމަށެވެ.
އަދި މި ޕޯޓަލްއަކީ ކުނީގެ ބާވަތްތައް ދެނެގަނެ ދެމެހެއްޓެނިވި ގޮތަކަށް ކުނި މެނޭޖްކުރުމުގެ މަސައްކަތްތައް ބެލެހެއްޓުމަށް ބޭނުންވާ ހުރިހާ މަޢޫލޫމާތުތަކެއް އެއްކުރުމަށް ބެނުންކުރާނެ ޕޯޓަލެއް ކަމަށް ވެސް ވެމްކޯއިން ހާމަކޮށްފައި ވެއެވެ.
މީގެ އިތުރުން ވެމްކޯއިން ބުނީ މި ޕޯޓަލްގެ ސަބަބުން ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަކަށް ކުނި ގެންދާ ފަރާތްތަކުގެ މަސައްކަތްތައްވެސް ފަސޭހަވެގެންދާނެ ކަމަށެވެ.
ވެމްކޯގެ 7 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން އެންވާރްމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ އާއި ވެމްކޯގެ މެނޭޖިން ޑިރެކްޓަރ ޔޫސުފް ސިރާޖް އަދި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް