ޔޫއެފާ ޔޫރޮޕާ ލީގުގެ ނޮކްއައުޓް ޕްލޭއޮފް ބުރުގައި ސްޕެއިންގެ ބާސެލޯނާ ބަލިކޮށް މުބާރާތުގެ ގަދަ 16 ވަނަ ބުރަށް މެންޗެސްޓަރ ޔުނައިޓެޑް ދަތުރުކޮށްފިއެވެ.
ޔުނައިޓެޑުން ބާސެލޯނާ ބަލިކުރީ ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ފަހަތުން އަރައި 2-1 އިން ކާމިޔާބުކޮށް ދެ މެޗުގެ އެގްރިގޭޓުން 4-3 އިން ކުރި ހޯދައިގެންނެވެ. މި ދެ ޓީމު ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.
ރޭގެ މެޗު ފަށައިގެން ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ބާސާއިންނެވެ. ބާސާއިން މި މެޗުގައި ލީޑު ނެގީ މެޗުގެ 18 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ފޯވާޑް ރޮބަޓް ލެވެންޑޯސްކީ ކާމިޔާބު ކުރި ލަނޑުންނެވެ. މި ލަނޑާއި އެކު ލީޑުގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިމުނު ނަމަވެސް ފަހު ހާފަށް ނުކުމެ ޔުނައިޓެޑުން ވަނީ މޮޅު ކުޅުމެއް ދައްކާ 47 ވަނަ މިނެޓުގައި ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ޔުނައިޓެޑަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިން މި ލަނޑު ޖަހައިދިނީ ފްރެޑްއެވެ. އޭނާ މި ލަނޑު ޖެހީ ބްރޫނޯ ފެނާންޑޭސް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
މި ލަނޑަށް ފަހުވެސް މޮޅަށް ކުޅެމުން ދިޔަ ޔުނައިޓެޑުން މެޗުގެ ނަތީޖާ އެޓީމު ކޮޅަށް އަނބުރާލީ މެޗު 73 ވަނަ މިނެޓުގައެވެ. ޔުނައިޓެޑް މޮޅުކޮށްދިން މި ލަނޑު އެޓީމަށް ޖަހައިދިނީ އެންތަނީ އެވެ. މި ލަނޑު ޔުނައިޓެޑުން ޖެހީ ބާސެލޯނާގެ މިޑްފީލްޑަރު ރަފީނިއާ ހެދި ގޯހެއްގެ ފައިދާ ނަގައިގެންނެވެ.
ޔޫރޮޕާ ލީގުގެ ރައުންޑް އޮފް 16 ބުރަށް ދަތުރުކުރ ޓީމުތަކުގެ މެދުގައި ގުރުއަތުލުން މިއަދު އޮންނައިރު، މި ބުރުގައި ޓީމުތައް ބައްދަލުކުރާނެ ޓީމުތައް ކަނޑައެޅިގެން ދާނީ މިއަދުގެ ގުރުއަތުލުމަށް ފަހުގައެވެ. ރައުންޑް އޮފް 16 ބުރުގެ ފުރަތަމަ ލެގުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މާޗު މަހުގެ ނުވަވަނަ ދުވަހުގައެވެ. އަދި ދެވަނަ ލެގުގެ މެޗުތައް ކުޅެން ހަމަޖެހިފައިވަނީ މާޗު 16 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް