ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، އެމަނިކުފާނުގެ މަސްއޫލިއްޔަތު ތަކާއި ޒިންމާތައް ވަގުތީގޮތުން ނައިބުރައީސް ފައިސަލް ނަސީމާއި ހަވާލުކުރައްވައިފިއެވެ.
ރައީސް މިކަން ހާމަކުރެއްވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓްގައި ރައީސް ވިދާޅުވެފައިވަނީ ޑަކުޓަރުގެ އެދިލެއްވުމުގެ މަތިން ކުރިއަށްގެންދަން ނިންމާފައިވާ ތައިރޮއިޑް އޮޕަރޭޝަން ހެނދުނު ކުރިއަށްދާނެ ކަމަށާއި އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަންގަވާނެ ކަމަށެވެ.
އެ ޓްވީޓްގައި ރައީސް ވިދާޅުވެފައިވަނީ ސާޖަރީގެ ކަންކަން ނިމި ދާދި އަވަހަށް އެނބުރި މަސްއޫލިއްޔަތުތަކާއި ޒިންމާތަކަށް ރުޖޫއަވެވޭވެ ކަމުގެ އުންމީދު ކުރައްވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަށް ވަގުތީގޮތުން ނައިބުރައީސާ ހަވާލު އެ ކުރެއްވީ ގާނޫނު އަސާސީގެ 123 ވަނަ މާއްދާގެ ދަށުންނެވެ.
https://twitter.com/ibusolih/status/1496881109598351370
އެ މާއްދާގައި ބުނަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރެއްވުމަށް ވަގުތީގޮތުން އުޒުރުވެރިވާނަމަ، ސަބަބު ބަޔާންކޮށް އެކަން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ލިޔުމަކުން އަންގަންވާނެ ކަމަށެވެ. އަދި އެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ނައިބުރައީސާ ހަވާލުކުރަންވާނެ ކަމަށެވެ. އަލުން އަނބުރާ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކާ ހަވާލުވެވޭނީވެސް މަޖިލީހުގެ ރައީސަށް ލިޔުމަކުން އެންގުމަށްފަހުގައި ކަމުގައިވެސް ގާނޫނުގެ އެ މާއްދާގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް