މާޗުމަހުގެ އެއްވަނަ ދުވަހުން ފެށިގެން "ބޯހިމެނުން 2022" ލޯގޯ ބޭނުންކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.
ރައީސް އޮފީހުން ވިދާޅުވީ މި އަހަރަކީ، ރާއްޖޭގައި ބޯހިމެނުން ބާއްވާ އަހަރުކަމަށް ވުމާއެކު، 'ބޯހިމެނުން 2022'ގައި ބޭނުން ކުރުމަށް ތައްޔާރުކޮށްފައިވާ ލޯގޯ، މި އަހަރުގެ މާރިޗު މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް، ސަރުކާރުގެ އިދާރާތަކުން ފޮނުވާ ލިޔެކިޔުންތަކުގައި ބޭނުންކުރުމަށް ރައީސް ނިންމަވާފައިވާ ކަމަށެވެ.
ރައީސް އޮފީހުން ނެރުނު ދެންނެވުމުގައިވާ ގޮތުން މި ލޯގޯ ޖެހުމަށްޓަކައި، އެކަމާބެހޭ މަޢުލޫމާތު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ސަރުކާރުގެ އޮފީސްތަކަށް ދޭނެ ކަމަށާއި، އެ މަޢުލޫމާތު ލިބުމުން، ލޯގޯ ޖަހަމުން ގެންދިއުމަށް ވަނީ އަންގާފައެވެ.
ބޯހިމެނުން ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރުމަހުގެ 13 އިން 14 އަށް އަދި 17 އިން 25 އަށެވެ.
ބޯހިމެނުމުގެ ހަރަކާތްތެރިވާނެ ހަތަރުހާހަށްވުރެ ގިނަ އޮފިޝަލުން ހޯދަން އިއުލާނުކޮށް، އެ މަސައަކަތުގައި ބޭނުންކުރާ ސުވާލު ކަރުދާސްތައް ޓެސްޓުކުރުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.
އަދި މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ތެރޭގައި ވަނީ ބޯހިމެނުގެ މަސައްކަތުގައި ބޭނުން ކުރާނެ 812 ޓެބްލެޓް ހޯދަން އިއުލާނު ކޮށްފައެވެ.
ބޯހިމެނުމުގެ ވަގުތީ ނަތީޖާ 6 އޮކްޓޯބަރު 2022 ގައި އިއުލާން ކުރާނެއެވެ. އަދި ދާއިމީ ނަތީޖާ އެ މަހުގެ 20 ވަނަ ދުވަހު އިއުލާން ކުރާނެއެވެ. ރާއްޖޭގެ ބޯހިމެނުމުގެ އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީ ވަނީ ފަސްލައްކަ ފަހަނަ އަޅާ ގޮސްފައެވެ. ރާއްޖޭގައި އެންމެ ފަހުން ބޯހިމަނާފައި ވަނީ 2014 ވަނަ އަހަރުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް