އައްޑޫސިޓީ އަށް ޝެޑިއުލް ފުލައިޓްތައް ބާއްވާ މަންޓާ އެއާއިން ދަތުރުތަށް ފަށައިފި

މަންޓާ އެއަރއިން އައްޑޫ ސިޓީ ގަމަށް ބޭއްވުމަށް ނިންމާފައިވާ ޝެޑިއުލް ދަތުރުތައް ރަސްމީކޮށް ފަށައިފިއެވެ. މަންޓާއެއާއިން މީގެ ކުރިން ވަނީ ގަމަށް އެ އެއާލައިނުގެ ފުލައިޓްތައް ބާއްވާނެ ކަމަށް އިއުލާނުކޮށ...

24 Feb 2022 | 09:58

މަންޓާ އެއަރއިން އައްޑޫ ސިޓީ ގަމަށް ބޭއްވުމަށް ނިންމާފައިވާ ޝެޑިއުލް ދަތުރުތައް ރަސްމީކޮށް ފަށައިފިއެވެ.

މަންޓާއެއާއިން މީގެ ކުރިން ވަނީ ގަމަށް އެ އެއާލައިނުގެ ފުލައިޓްތައް ބާއްވާނެ ކަމަށް އިއުލާނުކޮށްފައެވެ.

މަންޓާއިން ބުނީ އެ އެއަރލައިނުން އައްޑޫސިޓީއަށް ކުރާ ދަތުރުތަކުގައި ބޭނުންކުރާނީ އޭޓީއާރް 600-72 މަރުކާގެ ބޯޓުތައް ކަމަށެވެ. އަދި ރާއްޖޭގެ އެހެން އެއަރލައިންތަކާއި ޚިލާފަށް ރަނގަޅު ފެންވަރުގެ އިންފްލައިޓު ޚިދުމަތާއެކު ހިތްހަމަޖެހޭ ދަތުރެއް ތަޖުރިބާކުރުމުގެ ފުރުޞަތު ހޯދަދިދޭނެކަމަށް މަންޓާއިން ބުނެއެވެ.

މަންޓާއިން ބުނީ އައްޑޫ ކުރާ ދަތުރުތައް އިތުރު އަގަކާއި ނުލައި ދަތުރުކުރާ ތާރީޚް އެއްފަހަރަށްވުރެ ގިނައިން ބަދަލުކުރެވޭނެކަމަށެވެ.

މަންޓާއިން ވަނީ އައްޑޫ ސިޓީގެ ދަތުރުތަކަށް ޓިކެޓް ވިއްކުމުގައި 1 މަސްދުވަހުގެ ޕްރޮމޯޝަނެއްގެ ދަށުން ޚާއްޞަ އަގުތަކެއް ކަނޑައަޅާފައެވެ. ރާއްޖޭގެ ޑޮމެސްޓިކް ދަތުރުތަކުގައި ދެ ކްލާހެއްގެ ޓިކެޓު ވިއްކާ ހަމައެކަނި އެއަރލައިނަކަށް މަންޓާ އެއަރ ވާއިރު، އައްޑޫސިޓީއަށް ކުރާ ދަތުރުތަކުގައިވެސް މި ދެ ކްލާހުގެ ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން މާރޗް 23 ގެ ނިޔަލަށް ޕްރޮމޯޝަނުގެ ދަށުން ދިވެހިންނަށް ޚާއްޞަކޮށްގެން އައްޑޫގެ ދަތުރުތަކުގެ ކޮމްފޯޓް ކްލާސް ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ 1250 ރުފިޔާއަށެވެ. ކޮމްފޯޓް ކްލާސް ޓިކެޓަކަށް 22 ކިލޯގެ ލަގެޖް ލިބޭނެއެވެ. މީގެއިތުރުން ސެފަޔަރ ކްލާހުގެ ޓިކެޓް 1850 ރުފިޔާއަށް ވިއްކުމަށް ހަމަޖެހިފައިވާއިރު މީގެ ޓިކެޓަކަށް 35 ކިލޯގެ ޗެކިން ލަޖެގް ލިބޭނެއެވެ.

މަންޓާއެއާގެ ހިދުމަތްތަށް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވެ ފުޅާވަމުންނެވެ. މީގެ ނަތީޖާއެއްގެ ގޮތުން އެ އެއާލައިނުން ދަތުރުކުރާ މީހުންގެ ނިސްބަތްވެސް ވަނީ ބޮޑުތަނުން ކުރިޔަށް ޖެހިލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް