އެމްއެންޕީއަކީ ރާއްޖޭގެ ސިޔާސީ ހުރިހާ ޕާޓީއެއްގެ ބައިވެރިވުން އޮތް ސިޔާސީ ގޮތުން ފުންނާބު އުސް ބޭފުޅުން އެކުލެވޭ ޕާޓީއެއް ކަމަށް އެމްއެންޕީގެ ސައުތު ރީޖަންގެ ނާއިބު ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ ދައުލަތުގެ އެކި މަޤާމުތައް ފުރުއްވި، ގިނަ ރައްޔިތުންގެ ތާއީދާއި ލޯބި ލިބިފައިވާ އެތައް ބޭފުޅަކު އެމްއެންޕީގައި ތިބިކަމީ އޮތް އެންމެ ބޮޑު ހިންހަމަ ޖެހުންކަމަށެވެ.
"އެމްއެންޕީން މަސައްކަތް ކުރާނީ ދިވެހި ރައްޔިތުންނަށް ހައްގު މިންވަރު ހޯދުމަށް. ރަށްރަށުގެ ރައްޔިތުންނަށް ނިމިދިޔަ ސަރުކާރުތަކުން ދައްކަމުންދިޔަ ދަޅަތަކުން ރައްޔިތުން ސަލާމަތްކޮށް އާމަންޒިލަކަށް ގެންދިއުމަކީ އެމްއެންޕީގެ އަމާޒު." ޝަރީފް ވިދާޅުވިއެވެ.
އެންމެފަހުން ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑު ދާއިރާގެ ބައި-އިލެކްޝަނަށް ޢިޝާރާތް ކުރައްވާ އޭނާ ވިދާޅުވީ އެމްއެންޕީން އިންތިޚާބުތަކުގައި ނިކުންނަނީ ރައްޔިތުންނަށް ރަނގަޅު ގޮތް ހޯދައި ދިނުމަށް ކަމަށެވެ.
"ނިމިދިޔަ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ބޮޑު ދެޕާޓީއެއްގެ ނުފޫޒާއިއެކުވެސް ލިބުނު ކާމިޔާބީއަކީ އުފާވާވަރުގެ ކާމިޔާބީއެއް. އިންތިޚާބުގައި ސަރުކާރުން ފޯރުވި ނުފޫޒާއި، ފެއްޓި އެތައް ޕްރޮޖެކްޓެއްގެ ކުރިމަތީގައިވެސް ގިނަ ބަޔަކު އެމްއެންޕީއަށް ވޯޓު ދިންކަމީ އުފާކުރާ ކަމެއް." އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް އިތުރު އިންތިޚާބުތަކުގައި ވާދަކުރަން އެޕާޓީން އޮތީ ތައްޔާރަށް ކަމަށާއި އިންތިޚާބުތަކުން ބަލިވި ކަމުގައި ވީނަމަވެސް، ކުރިއަށް އޮތް ތަނުގައިވެސް ހުރިހާ އިންތިޚާބެއްގައި ވާދަކުރާނެކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް