ހަލާކުވާ ޒާތުގެ ކާބޯތަކެއްޗަށް ޑިއުޓީ ދެއްކުން ފަސްކޮށް، ދޫކުރުމުގެ ހުއްދަ ދޭނެ ހާލަތްތައް ކަސްޓަމްސްއިން އާންމުކޮށްފިއެވެ.
ކަސްޓަމްސްއިން ކުރި އިއުލާނެއްގައި ބުނީ ރާއްޖެއަށް އެތެރެކުރާ މުދަލުގެ ތެރެއިން އަވަހަށް ހަލާކުވާ ޒާތުގެ ތަރުކާރީ، މޭވާ، ފިނިކުރިމަސް، ޗީޒް ފަދަ މުދަލުގެ ޑިކްލަރޭޝަން ހުށަހެޅުމަށްފަހު، ޑިއުޓީ ދެއްކުން ފަސްކުރެވޭނެ ހާލަތްތައް ކަނޑައަޅާފައި ވަނީ ކަސްޓަމްސްގެ އާންމު ގަވާއިދުގެ 115 ވަނަ މާއްދާގެ (އ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންކަމަށެވެ.
އެގޮތުން ކަރަންޓް ނުވަތަ ނެޓްވޯކް މައްސަލައެއް ދިމާވެގެން ނުވަތަ އެނޫނަސް ކަސްޓަމްސްގެ ސިސްޓަމްތަކަށް މައްސަލައެއް ދިމާވެގެން ޑިކްލަރޭޝަން ނުނިންމޭ ހާލަތެއް މެދުވެރިވެއްޖެނަމަ ޑިއުޓީއާ ނުލާ ހަލާކުވާ ޒާތުގެ މުދާ ދޫކުރާނެކަމަށް ކަސްޓަމްސްއިން ބުނެއެވެ.
ކަސްޓަމްސްއިން ބުނީ ހާއްސަ ހާލަތެއް ދިމާވެ، އެފަދަ މުދަލަށް ގެއްލުމެއް ލިބިދާނެ ކަމަށް ގަބޫލުކުރެވިގެން މުދަލުގެ ވެރިފަރާތުން އެކަން ކަސްޓަމްސްއަށް ހުށަހަޅާ ހާލަތްތަކުގައި ކަސްޓަމްސްއިން އެކަމެއް ބެލުމަށްފަހު މުދާ ދޫކުރަން ނިންމާނެކަމަށެވެ. އަދި މިހާލަތުގައި މިދާ ދޫކުރާނީ ހަމައެކަނި ޓޫރިސްޓް ރިސޯޓްތަކަށާއި ކަސްޓަމްސްގައި ޕްރީޕޭމަންޓް އެކައުންޓް ހުޅުވާފައިވާ އަދި އެކައުންޓުގައި ފައިސާ ހުރި ފަރާތްތަކަށްކަމަށް އެ ކުންފުނިން ބުނެއެވެ.
ކަސްޓަމްސްއިން ބުނީ އެ އުސޫލުގެ ދަށުން އެހެން ފަރާތްތަކަށް މުދާ ދޫކުރާނީ، މުދަލަށް ދައްކަންޖެހޭ ޑިއުޓީއާއި އެހެނިހެން ފައިސާ ދެއްކުމަށް އެފަރާތުން އައްޔަންކުރާ ކަސްޓަމްސް ބްރޯކަރު، އެ މުދަލަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް އެއްބަސްވާނަމަކަމަށެވެ.
ޑިއުޓީ ދެއްކުން ފަސްކޮށް ދޫކުރާ މުދަލަށް، އެ މުދަލެއްގެ ޑިކްލަރޭޝަން ނިމޭތާ 48 ގަޑިއިރުގެ ތެރޭގައި ޑިއުޓީއާއި އެހެނިހެން ފައިސާދައްކައި ނިންމަންވާނެ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.
މިހެން އަމަލުކުރާއިރު ޑިއުޓީއާ ނުލާ މުދާ ނަގައިގެން ފައިސާ ނުދައްކާ ފަރާތްތަކަށް، ޑިއުޓީ ދެއްކުން ފަސްކޮށް އިތުރު މުދަލެއް ދޫކުރާނީ ކުރިން ދޫކުރި މުދަލަށް ދައްކަންޖެހޭ ފައިސާ ދައްކައި ނިމުމުން ކަމަށް ވެސް ކަސްޓަމްސްއިން ބުނެއެވެ. އަދި 48 ގަޑިއިރުތެރޭ ޑިއުޓީއާއި އެހެނިހެން ފައިސާ ދައްކާފައިނުވާނަމަ، އެ ފަރާތްތަކަށް ކަސްޓަމްސްއިން ދެމުންދާ ހިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެހެންކަމުން ރާއްޖެއަށް އެތެރެކުރެވޭ މުދަލުގެ ތެރެއިން އަވަހަށް ހަލާކުވާ ޒާތުގެ ތަރުކާރީ، މޭވާ، ފިނިކުރިމަސް، ޗީޒް ފަދަ މުދަލުގެ ޑިއުޓީ ދެއްކުން ފަސްކޮށް ދޫކުރެވޭނީ ޝަރުތު ފުރިހަމަވާ ފަރާތްތަކަށް ކަމަށް ކަސްޓަމްސްއިން ވަނީ އަންގާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް