ދާއިމީ ސުލްހައަށް އޮތް ހަމައެކަނި މަގަކީ އ.ދ.ގެ ޗާޓަރާއި، އެ ޗާޓަރުގެ މަޤްޞަދުތަކާއި، އެ ޗާޓަރުގެ އުޞޫލުތަކަށް ފުރިހަމައަށް ޢަމަލުކުރުން ކަމަށް އދގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ޙާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު މިހެން ވިދާޅުވީ ރަޝިއާއިން ހިފާފައިވާ ޔޫކްރެއިންގެ ބިންތަކާއި އެ ދެގައުމުގެ ދެމެދުގައި ހިނގަމުންއަންނަ ހަމަނުޖެހުންތަކާ ގުޅޭގޮތުން، އދ.ގެ އާންމު މަޖިލީހުގައި ދެއްވި ހާއްސަ ބަޔާނެއްގައެވެ.
މިކަމާއި ގުޅިގެން އދގެ އާއްމު މަޖިލީހުގައި ތަޤްރީރުކުރައްވަމުން ޝާހިދު ވިދާޅުވީ އ.ދ.ގެ ޗާޓަރުގެ ފުރަތަމަ އިބާރާތުގައި ވަނީ، "ހަނގުރާމައިގެ ނުރައްކަލުން އަންނަން އޮތް ޖީލުތައް ސަލާމަތް ކުރުން" ކަމަށްވާއިރު އެއިބާރާތަކީ އ.ދ އުފެއްދުމުގެ އެންމެ ބޮޑު ހިތްވަރުވެސްކަމަށެވެ. އަދި 1945 އާއި ހަމައަށް ދުނިޔެ އައި އިރު، އެ ޖަމްޢިއްޔާގެ ފައުންޑަރުން ވަނީ އޭގެކުރިން ދުނިޔޭގައި ހިނގި ދެ ހަނގުރާމައިގެ ގެއްލުމާއި، ހަލާކާއި، ކެކުޅުމާއި، ވޭން ތަހައްމަލުކޮށްފައިކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އ.ދ.ގެ ޗާޓަރުގެ 1 ވަނަ މާއްދާގައި، އ.ދ.ގެ މެންޑޭޓްގެ ގޮތުގައި ކަނޑައަޅާފައިވަނީ، ޞުލްޙަ މަސަލަސްކަން ނަގާލެވިދާނެ ފަދަ ދެބަސްވުންތައް ނުވަތަ ޙާލަތްތައް ޞުލްޙަވެރި މަގުން އަދި ޢަދުލު އިންޞާފާއި ބައިނަލްއަޤުވާމީ ޤާނޫނުތަކާއި، އޭގެ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޙައްލުކުރުމަށްކަމަށެވެ. އެހެންކަމުން، ޤާނޫނުގެ ޙުކޫމަތާއި އެއްގޮތްވާ ގޮތުގެ މަތިން، އަމަންއަމާންކަން ދެމެހެއްޓުމަކީ، އ.ދ.ގެ އެއް މަޤްޞަދުކަން ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދަޅުވީ އ.ދ.ގެ ޙަޔާތުން ވޭތުވެގެން ދިޔަ 76 އަހަރު ދުވަހުގެ ތެރޭގައި އަޅުގަނޑުމެންނަށް އެއްވެސް ފިލާވަޅެއް ލިބިފައިވާނަމަ، އެފިލާވަޅަކީ؛ ދާއިމީ ޞުލްޙައަކީ، ޢަސްކަރީ މުޢާމަލާތްތަކުން ނުވަތަ ހަނގުރާމައިން ޙާޞިލުކުރެވޭ ނުވަތަ ދެމެހެއްޓޭނެ ޞުލްޙައެއް ނޫންކަމާއި، ޙައްލު ގެނެވެން އޮތީ ސިޔާސީ ގޮތުންކަންކަމަށެވެ. އަދި އިންސާނުން ތަހައްމަލް ކުރަންޖެހޭ އަނިޔާއާއި ވޭން ކުޑަކުރުމަށާއި، ހަނގުރާމައިން ލިބިގެންދާ އިގްތިޞާދީ ނިކަމެތިކަމާއި، އަދި ހަނގުރާމައަށް ފަހު، އިޤުތިޞާދު ރުޖޫޢަކުރުމަށް އަދާކުރަންޖެހޭ ޚަރަދާއި އެތަކުލީފުން މިންޖުވެވެން އޮތް އެންމެ އެކަށޭނެ ގޮތަކީ، ހަނގުރާމައަށް މަގު ހުޅުވޭ ފިތުނަތަކުން، އެންމެ ފުރަތަމަވެސް ރައްކާތެރިވެގެން ތިބުންކަން ޝާހިދު ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް