މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ ގުޅިގެން ކުރިއަށްގެންދާ ހަފްތާރެސް ޕްރޮގްރާމް ތ. ވޭމަންޑޫގައި ފަށައިފިއެވެ.
2019 ވަނަ އަހަރުން ފެށިގެން 6 ވަނަ ފަހަރަށް ބާއްވާ ހަފްތާރެސް ޕްރޮގްރާމަކީ އިޖުތިމާއީ ބަދަހިކަމާއި ވިލުންވެރިކަން އިތުރުކުރުމުގެ ގޮތުން ކަމާގުޅޭ އިދާރާތައް ގުޅިގެން މަސައްކަތް ކުރެވޭނެ މާހައުލެއް ޤާއިމުކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމަކީ މުޖުތަމައުގައި ހުންނަ އެކިއެކި މައްސަލަތަކާއި ގުޅޭ ދާއިރާތަކުން އާންމުންނާއި ޒުވާނުންގެ ހޭލުންތެރިކަން އިތުރުކުރުވުމުގެ ބޭނުމުގައި ހަތަރު ދުވަހަށް ބަހާލައިގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އަދި މި ޕްރޮގްރާމުގެ ދަށުން އެއްބައިވަންތަކަން ކުރިއަރުވައި ދެމެހެއްޓުމަށްޓަކައި އެކުވެރި އަދި އުފާވެރި މާހައުލެއް ޤާއިމުކޮށްދެއެވެ.
މިފަހަރުގެ ހަފްތާރެސް ހުޅުވާލައިފައިވަނީ ރަށުގެ މުއައްސަސާތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިސްވެރިންނާއި، ބެލެނިވެރިންގެ އިތުރުން ޒުވާނުން އަދި ކްލަބް ޖަމިއްޔާތަކުގެ އިތުރުން ތ އަތޮޅަށް ނިސްބަތްވާ ރަށްތަކުގެ ރަށު ކައުންސިލްތަށެވެ.
ހަފްތާރެސް ގެ ސެޝަންތައް ކުރިއަށް ގެންދާނީ އެން.ސީ.ޓީ.ސީ، ޔޫތު މިނިސްޓްރީ، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ އިތުރުން މޯލްޑިވިއަން ރެޑްކްރެސެންޓްގެ ފަރާތުންނެވެ. އެގޮތުން ވޭމަންޑޫގެ މުއައްސަސާތަކުގެ އިސްވެރިންނާއި، މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން 3 މަސައްކަތު ބައްދަލުވުމެއް، އަދި ތ. ތިމަރަފުށީގެ މުދައްރިސުންނާއި ބެލެނިވެރިންނަށް އަމާޒުކޮށްގެން ދެ މަސައްކަތު ބައްދަލުވުމެއް މި ޕްރޮގްރާމްގެ ދަށުން ކުރިއަށްގެންދާނެއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ސޯޝަލް ސަރވިސަސް އާއި ގުޅިގެން ކުޑަކުދިން ގެންގުޅުމުގައި ބަލަންޖެހޭ ކަންތައްތަކާއި ގުޅޭ ސެޝަނެއްވެސް ކުރިއަށްގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް