ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ރިނޭޓަސް ގުޅިގެން އިންތިޒާމް ކުރި "ޔޫތު ފުޓްސަލް ކަޕް 2017" މިއަދު ފެށިއްޖެއެވެ.
ހުޅުމާލޭ ފުޓްސަލް ދަނޑުގައި މިއަދު ހަވީރު ފެއްޓުނު މިމުބާރާތް ޝަރަފްވެރި ކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް އެންޑް ޑިވެލޮޕްމެންޓް މުޙައްމަދު ސައީދު އެވެ. އަދި އެމަނިކުފާނާއި އެކު އެޗްޑީސީ ގެ މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު ސައިމަން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޒުވާނުންނަށް ޚާއްސަ ކޮށްގެން އިންތިޒާމު ކޮށްފައިވާ މިފުޓްސަލް މުބާރާތުގައި ޖުމްލަ 108 ޓީމަކުން ބައިވެރިވެފައިވާ އިރު ގާތްތަނޑަކަށް 2000 އެއްހާ ޒުވާނުން މިމުބާރާތުގައި ބައިވެރިވެފައިވާ ކަމަށް، އެޗްޑީސީގެ އެމްޑީ ސައިމަން ވިދާޅުވިއެވެ.
ޔޫތު ފުޓްސަލް ކަޕް 2017 ފައްޓަވާ ދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސައިމަން ވިދާޅުވީ "ޔޫތު އެމްޕަވަރމެންޓަކީ ޤައުމު ކުރި އެރުވުމަށް ވަރަށް މުހިންމު ކަމެއް" ކަމަށާއި " މިއަހަރު ތެރޭގައި ޒުވާނުންނަށް ވަރަށް ގިނަ ކުރިއެރުންތަކެއް ދޭން ނިންމާފައި" ވާކަމަށެވެ.
އެއްވަނަ އަށް ދާ ޓީމަކަށް 80،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭން ނިންމާފައިވާއިރު، މިމުބާރާތް ކުރިއަށް ދާނީ މިއަދުން ފެށިގެން މިފެށޭ މާރޗް މަހުގެ 10 ވަނަ ދުވަހާއި ހަމައަށެވެ.
މުބާރާތާއި ބެހޭ ގޮތުން މައުލޫމާތު ދެމުން އެޗްޑީސީ އިން ބުނެފައިވަނީ މިމުބާރާތުގައި ފުރަތަމަ ކުރިއަށްދާނީ ނޮކްއައުޓް ރައުންޑް ކަމަށާއި އެބުރު ނިމުމުން ދެން އޮންނާނީ ގްރޫޕް ސްޓޭޖް ކަމަށެވެ.
މިމުބާރާތުގެ ފުރަތަމަ މެޗުގައި ވާދަ ކޮށްފައިވަނީ ނައިވާދޫ ވެޓެރަންސް އާއި އެފްސީ ވައިކިންގްސް އެވެ. މިމެޗު 2-3 ލަޑުން ކާމިޔާބު ކޮށްފައިވަނީ އެފްސީ ވައިކިންގްސް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް