ރައީސް ނަޝީދު ހައްޔަރު ކުރުމާއި ގުޅިގެންނާއި ގާނޫނު އަސާސީގެ ދިފާއުގައި އެމްޑީޕީ އަދި ޖޭޕީން ކުރިއަށްގެންދާ މުޒާހަރާތަކުގައި އިއްޔެ އާއި ރޭގެ އެއްވުންތަކުން އެކު ޖުމްލަ 13 މީހަކު ހައްޔަރުކޮށްފައިވާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިއްޔެ ހަވީރު ރައީސް ނަޝީދު ކޯޓަށް ހާޒިރުކުރިއިރު ކޯޓު ހިމެނޭ ސަރަހައްދުން ތިން މީހަކު ހައްޔަރު ކުރި ކަމަށާއި އޭގެ ތެރޭގައި އަންހެނަކު ހައްޔަރުކޮށްފައިވާނެ ކަމަށެވެ. އަދި ރޭގެ ވަގުތެއްގައި ސީގަލް ކަންމަތިން ތިން މީހަކާއި ރައީސް ޔާމީންގެ ގެކޮޅު ހިމެނޭ މަގާއި މަޖީދީމަގު ގުޅޭ ސަރަހައްދުން ހަތް މީހަކު ހައްޔަރުކޮށްފައިވާކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ އިއްޔެ އާއި ރޭގެ ވަގުތުތަކުގައި ހައްޔަރުކުރި އެކަކުވެސް އަދި ދޫކޮށްލާފައި ނުވާނެ ކަމަށާއި މުޒާހަރާތަކާއި ގުޅިގެން އެކި ދުވަސްތަކުގެ މަތިން ހައްޔަރުކޮށްފައި އަދި މިހާރުވެސް ފުލުހުންގެ ބެލުމުގެ ދަށުގައި 15 މީހަކު ހިމެނޭ ކަމަށެވެ. އަދި އޭގެ ތެރެއިން ދެމީހަކީ ބަންދުގެ މުއްދަތު އިތުރުކޮށްފައިތިބި ދެމީހުން ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް