ކުޑަކުއްޖާގެ ވީޑިއޯ ދައުރު ނުކުރުމަށް އަދި ރިމޫވް ކުރުމަށް ފުލުހުން އިލްތިމާސްކޮށްފި

އިމާރާތެއްގެ ފަސްވަނަ ފަންގިފިލާގެ ކުޑަދޮރުން ނިކުންނަށް މަސައްކަތްކުރާ ކުއްޖާގެ ވީޑިއޯ ދައުރު ނުކުރުމަށް އަދި ރިމޫވް ކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ. މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ...

24 Jan 2025 | 18:21

އިމާރާތެއްގެ ފަސްވަނަ ފަންގިފިލާގެ ކުޑަދޮރުން ނިކުންނަށް މަސައްކަތްކުރާ ކުއްޖާގެ ވީޑިއޯ ދައުރު ނުކުރުމަށް އަދި ރިމޫވް ކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައިވަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، އިމާރާތެއްގެ ފަސް ވަނަ ފަންގިފިލާގެ ކުޑަދޮރަކުން ކުޑަ ކުއްޖަކު ނުކުތުމަށް މަސައްކަތްކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ފުލުހުންގެ ސަމާލުކަމަށް ވަނީ އައިސްފައިކަމަށާއި އެ ވީޑިއޯ ދައުކުރުން ހުއްޓާލައި ވީޑިއޯ ރިމޫވްކޮށްލަން އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރާކަމަށެވެ.

"ދިވެހި ފުލުހުންގެ ޚިދުމަތުން މި ގެންދަނީ މި މި ހާދިސާއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ މިފަދަ ވީޑިއޯތައް ދައުރު ކުރުމަކީ އެ ކުއްޖާއާއި ކުއްޖާގެ އާއިލާ، އާންމުންގެ ފާޑުކިޔުމާއި ނަފްސާނީ ގޮތުން އަނިޔާއަށް ހުށަހެޅިގެން ދާނެކަމެއް ކަމަށާއި އާއިލާގެ އިތުރުން، މިކަމުގެ ސަބަބުން މި ވީޑިއޯ ފެންނަ ކޮންމެ މީހަކަށްވެސް ނަފްސާނީގޮތުން އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ. މީގެ އިތުރުން، މިފަދަ މަންޒަރުތަކުގެ ސަބަބުން، ކުޑަކުދިން ނުވަތަ ވަލްނެރަބްލް މީހުން، ޓްރިގަރ ވެ، އެމީހުން ނުރައްކަލަކަށް ހުށަހެޅިދާނެކަމަށް ދެކޭމަށްވެސް ފުލުހުން ބުނެފައިވެއެވެ.

"މިފަދަ ފޫޓޭޖްތައް ދައުރު ކުރުމަކީ، ސޯޝަލް މީޑިއާގައި ސަމާލުކަން ހޯދުމަށް މަސައްކަތްކުރާ ސަގާފަތެއް އާލާވެ، ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މުހިންމު ކަންކަމަށް ދެވޭ ސަމާލުކަން ކުޑަވެގެން ހިނގައިދާނެ ކަމެއް، މީގެ ބަދަލުގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަހައްމިއްޔަތުކަން ދީ، ކުޑަދޮރުތަކާއި ބެލްކަނިތައް ރައްކާތެރިކުރުމާއި، ކުޑަކުދިންނަށް ނުރައްކާތަކާ ބެހޭގޮތުން ހޭލުންތެރިކުރުމާއި، އަދި މިފަދަ ވީޑިއޯތައް އިތުރަށް ދައުރުކުރުމުގެ ބަދަލުގައި އެ ޕްލެޓްފޯމްތަކުން ނެގުމަށް ރިޕޯޓުކުރުން ފަދަ ކަންކަމަށް އިސްކަންދިނުމަށް މި ޚިދުމަތުން ގޮވާލަން" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ އެއްވެސް ފަރާތަކުން މި ވީޑިއޯ ޝެއާކޮށްފައިވާނަމަ އެ ނަގާ، އެހެން މީހުންނަށްވެސް އެކަން ނުކުރުމަށް ބާރުއެޅުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކުރާކަމަށާއި މި ހާދިސާ އާ ގުޅިގެން އެއްވެސް ފަރާތެއްގެ ކަންބޮޑުވުމެއް ނުވަތަ މަޢުލޫމާތެއް ވާނަމަ، ދިވެހި ފުލުހުންގެ ޚިދުމަތުގެ 3322111 އަށް ގުޅުއްވާ ހިއްސާކުރެއްވުމަށް ދަންނަވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް