މިއުޒިކާ ލަވަ އަޑުއަހައިގެން ހިތްހަމަޖެހުން ލިބޭވާހަކަ މީހުން ބުނާކަމަށާއި ނަމަވެސް އެބުނާ ހިތްހަމަޖެހުމެއް އޭނާގެ މިއުޒިކީ ޙަޔާތުން ނުލިބުނުކަމަށް ރާއްޖޭގައި މިހާތަނަށް އުފެދުނު އެންމެ ވަރުގަދަ އެއް ލަވަކިޔުންތެރިޔާ ޢަލީ ރަމީޒު ވިދާޅުވެއްޖެއެވެ.
ޢަލީ ރަމީޒު މިއަދު އޭނާގެ ޓިކްޓޮކް އެކައުންޓުގައި ޝާއިޢުކުރި ވަރަށް ކުރު ވީޑިއޯ ކްލިޕެއްގައި އޭނާގެ އަޑުން ބުނެފައިވަނީ މިއުޒިކާ ލަވައިން ހިތްހަމަ ޖެހުން ލިބޭ ވާހަކަ މީހުން ކިޔާކަމަށެވެ. ނަމަވެސް އެ މައުޟޫއުގަ އޭނާ ބަހުސްކުރަން ބޭނުން ނުވާކަމަށް ވިދާޅުވެފައިވެއެވެ.
މިއުޒިކާ ލަވައިން އަތްދޫކޮށްލާ ﷲ އަށް ތައުބާވެ އެކަން އިޢުލާނުކޮށްފައިވާ ޢަލީ ރަމީޒުގެ މި 36 ސުކުންތުގެ ކުރު ވީޑިއޯ ކްލިޕުން ޢަލީ ރަމީޒުވަނީ ވަރަށް ވަރުގަދަ މެސެޖެއް ދެއްވާފައެވެ. އޭނާގެ މެސެޖަކީ މިއުޒިކާ ލަވައިން ހަގީގީ ހިތްހަމަޖެހުން ނުލިބޭ ވާހަކަ އެވެ.
މީގެ ގާތްގަނޑަކަށް 22 އަހަރު ކުރިން ލަވަކިޔުން ހުއްޓާލި ޢަލީ ރަމީޒުގެ ލަވަތަކަށް ލޯބިކޮށް އެ އަޑުއަހަމުންދާ މީހުން މިއަދުވެސް ވަރަށް ގިނައެވެ.
މިދިޔަ 22 އަހަރުގެތެރޭގައި އެތައް ސަތޭކަ ލަވަކިޔުންތެރިންނެއް ތަޢާރަފުވެފައިވީ ނަމަވެސް އަދިވެސް ގިނަބަޔަކު އަޑުއަހަމުންދަނީ ޢަލީ ރަމީޒުގެ ލަވަތެކެވެ. ނަމަވެސް މިކަމަކީ މިއަދު ޢަލީ ރަމީޒު އެއްގޮތަކަށްވެސް އެދޭކަމެއް ނޫނެވެ. އަދި އެކަން އޭނާވަނީ ތަކުރާރުކޮށް އޭނާގެ ސޯޝަލްމީޑިއާގެ ޕްލެޓްފޯމްތަކުގައި ވިދާޅުވެފައެވެ. ޢަލީ ރަމީޒުގެ ލަވަތައް އަޑުއަހައި އެ ފަތުރާ މީހުންގެ ކިބައިން އެކަން ހުއްޓާލުމަށް އޭނާ ތަކުރާރުކޮށް އެދި އާދޭސްކޮށްފައި ފައިވެއެވެ. ނަމަވެސް ޢަލީ ރަމީޒުގެ ލަވައިގެ މަސްތުގައި ޖެހިފައިވާ މީހުންނަށް އެއީ އެއްގޮތަކަށްވެސް ފަސޭހަކަމަށް ނުވެއެވެ.
ޢަލީ ރަމީޒަކީ ރާއްޖޭގެ ސޯޝަލްމީޑިއާގައި ވަރަށް ނުފޫޒުގަދަ ބޭފުޅެކެވެ. ރާއްޖޭގެ ދީނީ ނެޓްވޯކުގެތެރޭގައި އެންމެ ނުފޫޒުގަދަ ބޭފުޅަކީ ޢަލީ ރަމީޒެވެ. އޭނާއަށް ފޮލޯ ކުރާމީހުންގެ އަދަދުން އެކަން އެނގެއެވެ. އޭނާގެ ދީނީ ދަޢުވަތުގެ މަސައްކަތްތައް ކޮންމެދުވަހަކުވެސް ޢާއްމުންނަށް ގެނެސްދެމުންދެއެވެ. އެގޮތުން އޭނާގެ ޕޯސްޓުތަކަށް ކޮންމެދުވަހަކުވެސް ހާހުން ހާހުން މީހުން ލައިކް ކުރަމުންދާކަން ފާހަގަ ކޮށްލެވެއެވެ. ޢަލީ ރަމީޒުވަނީ ދާދިފަހުން އޭނާގެ ދީނީ މަސައްކަތުގައި ފެށުނީއްސުރެ މަސައްކަތްކުރަމުންގެންދިޔަ ސަލަފު ޖަމިއްޔާއިން އިސްތިއުފާ ދީފައެވެ. ނަމަވެސް އިސްތިއުފާ ދިން ސަބަބު އޭނަ ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް