ފަލަސްޠީނު ރައްޔިތުންނަށް އެހީތެރިވުމުގައި ދިވެހީން އަދާޚުރަމުންދަނީ ނަމޫނާ ދައުރެއް: ޚުޠުބާ

ފަލަސްޠީނާއި އެ ޤައުމުގެ ރައްޔިތުންނަށް އެހީތެރިވުމުގައި ދިވެހިރާއްޖެއިން އަދާކުރަމުންދަނީ ނަމޫނާ ދައުރެއްކަން ހުކުރު ޚުޠުބާގައި ފާހަގަކޮށްފިއެވެ. މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުކުރު ޚުޠުބާ...

24 Jan 2025 | 07:45

ފަލަސްޠީނާއި އެ ޤައުމުގެ ރައްޔިތުންނަށް އެހީތެރިވުމުގައި ދިވެހިރާއްޖެއިން އަދާކުރަމުންދަނީ ނަމޫނާ ދައުރެއްކަން ހުކުރު ޚުޠުބާގައި ފާހަގަކޮށްފިއެވެ.

މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ހުކުރު ޚުޠުބާގެ މަޢުލޫ އަކީ " ޣައްޒާގެ ރައްޔިތުންގެ ކާމިޔާބީ" މި މަޢުލޫ އެވެ.

"ފަލަސްޠީނާއި އެ ޤައުމުގެ ރައްޔިތުންނަށް އެހީތެރިވުމުގައި ދިވެހިރާއްޖެއިން އަދާކުރަމުންދަނީ ނަމޫނާ ދައުރެކެވެ. މި ކަމުގައި މާތް ﷲ، މި ރާއްޖޭގެ ވެރިންނަށާއި ރައްޔިތުންނަށް ތައުފީޤު ދެއްވާށިއެވެ! އާމީން!" ހުކުރު ޚުޠުބާގައި ބުނެފައިވެއެވެ.

ޚުޠުބާގައި ފާހަގަކޮށްފައިވާގޮތުގައި ޣައްޒާގެ އެ ލޮބުވެތި އަޚުންނާއި އުޚްތުންނާ ދެކޮޅަށް ހިންގަމުން ދިޔަ އަނިޔާވެރި ހަނގުރާމައަކީ އިންސާނީ ތާރީޚު ދެކެފައިނުވާފަދަ އަނިޔާވެރިކަން ބޮޑު ހަނގުރާމައެކެވެ. މި ހަނގުރާމަ ހުއްޓައިލުމަށް ޞަހްޔޫނީ ނިޒާމަށް މަޖްބޫރުވީ ދެން އެހެން އެއްވެސް ގޮތެއް ނެތިގެންނެވެ. މިއީ ހަމަކަށަވަރުން ޣައްޒާގެ ރައްޔިތުންނަށް ލިބުނު މަތިވެރި ނަޞްރެކެވެ. ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ޞަހްޔޫނީ ނިޒާމުން ހިންގި ޢުދުވާނާ ގުޅިގެން ރާއްޖެއިން ވެސް ވަނީ އިސްލާމީ އުޚުއްވަތްތެރިކަން ދައްކައި ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައެވެ. މި ރާއްޖޭގެ ރައްޔިތުންވަނީ ޣައްޒާގެ އަޚުންނާއި އުޚުތުންނާ ބައިވެރިވުމުގެ ގޮތުން، މުދަލުން ހޭދަކޮށްފައެވެ. އަދި ދިވެހިރާއްޖެއިން ވަނީ ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ޣައްޒާގެ ރައްޔިތުންގެ ދިފާޢުގައި އަޑުއުފުލައިފައެވެ. ޣައްޒާގެ ރައްޔިތުންނަށް ލިބުނު ނަޞްރަކީ އެ ނަޞްރުގައި ދިވެހިރާއްޖޭގެ ލޮބުވެތި އަޚުންނާއި އުޚުތުން ބައިވެރިވާ ނަޞްރެކެވެ.

"ޣައްޒާގެ ރައްޔިތުންނަށް ލިބުނު ނަޞްރުގެ ފަހަތުގައި ވަނީ އީމާންކަމާއި ހިތްވަރާއި ކެއްތެރިކަމާއި އުޚުއްވަތްތެރިކަމާއި، ނުގުޑާ ފަދަ ޢަޒުމެއްގައި ބަދަހިކަމާ އެކު ތިބެ، ﷲއަށް ވަކީލުކޮށްގެން ކުރި ވަރުގަދަ ހަނގުރާމަ، މި ހަނގުރާމައިގައި ގާތްގަނޑަކަށް ފަންސާސް ހާސް މީހުން ވަނީ ޝަހީދުވެފައި، އޭގެ ތެރޭގައި ކުޑަކުދީންނާއި މުސްކުޅީންނާއި އިލްމުވެރީންނާއި ފަލަޞްޠީނުގެ މިނިވަންކަމަށް ޓަކައި މަސައްކަތްކުރަމުން ދިޔަ އެތައް ލީޑަރުންނެއް ހިމެނޭ، މުޅި ޣައްޒާވަނީ ބިމާހަމަވެފައި" ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

ޚުޠުބާގައި ފާހަގަކޮށްފައިވާގޮތުގައި ހަނގުރާމަތަކުގައި ނަޞްރު ލިބެނީ ލަޝްކަރުގެ ޢަދަދު ގިނަކަމާއި ހަތިޔާރުގެ މޮޅުކަމުގެ މައްޗަކަށް ނޫނެވެ. އީމާންކަމާއި ކެތްތެރިކަމުގެ މައްޗަށެވެ. ހަނގުރާމަ މެދުކެނޑުމާއެކު، އަސީރުން ބަދަލުކުރެވުނު ތަން ފެނިގެންދިޔައިރު މުސްލިމުންގެ ބެލުމުގެ ދަށުގައި ތިބި ދުޝްމަނުންގެ އަސީރުންގެ ކިބައިން ފެނުނު މަންޒަރަކީ އުފާވެރިކަމުގެ މަންޒަރެއްކަން ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ. އަދި އަސީރުންނާ މެދު ހެޔޮކޮށް ހިތުމަކީ އިސްލާމްދީނުގެ އަޚުލާޤެވެ. އެއީ މުއުމިނުންގެ ސިފައެއްކަންވެސް ފާހަގަކޮށްފައިވެއެވެ.

"އެތައް ދުވަހެއް ވަންދެން ދެމިގެން ދިޔަ މި ހަނގުރާމައިގައި މުޅި ޣައްޒާ ފަނާވެގެން ދިޔަ ނަމަވެސް، މި ހަނގުރާމައިން އެތައް ޢިބުރަތެއް ލިބިދޭ، އެންމެ ފުރަތަމަ ޢިބުރަތަކީ ﷲއަށް ނަޞްރުދޭ ބަޔަކަށް، ﷲ ނަޞްރު ދެއްވާނެކަން" ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

ޚުޠުބާގައި ބުނެފައިވާގޮތުގައި މި ކަންތައްތަކުން ޢިބުރަތް ހޯދާންޖެހޭ ކަންކަމުގެ ތެރޭގައި ޣައްޒާގެ ރައްޔިތުން ހަނގުރާމައިގެ ޙާލަތުގައި ވެސް ޢަމަލުކުރި ގޮތް ހިމެނެއެވެ. މުސްލިމުން ޢަމަލުކުރީ ރިވެތި އަޚުލާޤުން ކަމާއި އަނިޔާވެރިވުމެއްނެތި ކަމާއި އިސްލާމްދީނުގައި އަނިޔާވެރިވުން ވަނީ ޙަރާމްކުރައްވައިފައި ކަމާއި އެއްވެސް ދީނެއްގެ މީހަކަށް ނުޙައްޤުން އަނިޔާއެއް ދިނުމަކީ އިސްލާމްދީން މަނާކުރައްވައިފައިވާ ކަމާއި އަދި ހަމަ އެހެންމެ ޣައްޒާގެ ރައްޔިތުން ވަނީ މި ހަނގުރާމައިގައި އިސްލާމީ އަޚްލާޤުން ނަމޫނާ ދައްކާފައިކަން ފާހަގަކޮށްފައިވެއެވެ.

"އަލްއަޤްޞާ މިސްކިތަކީ ބިންމަތީގައި މާތް اﷲއަށް އަޅުކަންކުރުމަށް ޓަކައި ބިނާކުރެވުނު ދެވަނަ ގެކޮޅު، އެއީ މުސްލިމުންގެ ފުރަތަމަ ޤިބްލަ ވެސް މެ، އަލްއަޤްޞާ މިސްކިތް، ޞަހްޔޫނީ އިސްތިޢުމާރުގެ ދަށަށް ދިޔަކަމީ މި އުންމަތަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހިތާމައެއް، އަލްއަޤްޞާ މިސްކިތް، މިނިވަންކުރުމަށް ޓަކައި މަސައްކަތްކުރުމަކީ މުޅި އިސްލާމީ އުންމަތުގެ މައްޗަށް އޮތް ދީނީ ވާޖިބެއް" ޚުޠުބާގައި ބުނެފައިވެއެވެ.

ހުކުރު ޚުޠުބާގައި ފާހަގަކޮށްފައިވާގޮތުގައި އަހަރެމެން މުސްލިމުންގެ ހައިސިއްޔަތުން ފަލަސްޠީނުގެ ރައްޔިތުންނާ މެދު އަދާކުރާން ޖެހޭ އަޚްލާޤީ ވާޖިބުތަކެއް ވެއެވެ. ފަލަސްޠީނުގެ ދިފާޢުގައި އަޑުއުފުލުމާއި، ފަލަސްޠީނުގެ ރައްޔިތުންނަށް ޓަކައި ހެޔޮ ދުޢާކުރުމާއި، އިންސާނީ ގޮތުން އެހީތެރިވުމަށް އަހަރެމެން އެންމެން އަތުގުޅައިލާންޖެހެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް