މިހާރު އަޅުގަނޑުމެންގެ މުޖްތަމަޢުގެ ތެރެއިން އިވޭ އެންމެ އާއްމު އެއް އަޑަކީ، ދުވަހަކަށްވުރެ ދުވަހެއް، ދަރިންގެ އަޚްލާޤު ގޯސްވަމުންދާ ވާހަކައެވެ. ދިރިއުޅުން ބިޒީވެ، ދަރިން ތަރުބިއްޔަތު ކުރުމުގައި، ބެލެނިވެރިން ނަގަންޖެހޭ ފުރިހަމަ ޒިންމާ ނުނެގި އެ ޒިންމާއަށް އިހުމާލުވެވޭ ވާހަކައެވެ. ނަމަވެސް އުފައްދަން ޖެހޭ ސުވާލަކީ، ދަރިންތަރުބިއްޔަތު ކުރުމަށްވުރެ، ބެލެނިވެރިން ބިޒީވާންޖެހޭނެކަމެއް އޮވެގެން، އަޚްލާޤު ރަނގަޅު ދަރިންތަކެއް އުފެއްދިދާނެބާއެވެ؟
މިއަދު އަޅުގަނޑުމެންގެ ދިރިއުޅުން ބިނާވެފައި އޮންނަގޮތުން ކޮންމެ ބެލެނިވެރިއަކީ، ވަޒީފާއަކަށް ނުގޮސް، ގޭގައި ހަމައެކަނި ދަރިން ތަރުބިއްޔަތު ކުރުމަށް ހުސްވެގެން ތިބެވެން ނެތް ބައެކެވެ. ދިރިއުޅުމުގެ އެހެނިހެން ޚަރަދުތައް ބެލެހެއްޓުމަށްޓަކައި ވަޒީފާއަކަށް ދިޔުމަކީ، ބޭނުން ނުވިޔަސް ކުރަންޖެހިފައިވާ ކަމެކެވެ. ނަމަވެސް ވަގުތު ބަހާލައިގެން ދިރިއުޅުމުގެ ކަންކަން މެނޭޖްކުރަން އެނގިއްޖެނަމަ، ބިޒީ ދިރިއުޅުމުގެ ތެރެއިންވެސް، ހަރުދަނާ ރަނގަޅު ޖީލެއް ބިނާކުރެވިދާނެއެވެ. ފުރަތަމަ ވިސްނަންވީ ކަމަކީ، ތިމާގެ ބިޒީ ޝެޑިއުލް މެނޭޖް ކުރާނެ ގޮތެކެވެ.
އެގޮތުން ވަގުތު ބަހާލުމުގައި އެންމެ ފުރަތަމަ ވިސްނަންވީ ކަމަކީ، ދުވަހުގެ ތައާވަލެއް އެކުލަވާލުމަށެވެ. އެދުވަހެއްގައި ކުރަންޖެހޭ ކަންކަމުގެ ތެރެއިން އެންމެ އިސްކަންދޭންވީ ތަރުތީބު އެކުލަވާލެވިފައިވާ ތައާވަލެކެވެ. އަދި ތައާވަލް އެކުލަވާލުމަށްފަހު، އެދުވަހެއްގައި ކުރުމަށް އެންމެ އިސްކަންދޭންޖެހޭ މުހިއްމު ކަންކަން ނިންމުމަށް ސަމާލުކަން ދޭށެވެ. ސަބަބަކީ އެއީ ދެވަނަ ދުވަހުވެސް، ޓައިމް މެނޭޖްކުރުމުގެ ތައާވަލް ފޮލޯ ކުރުމަށް އިތުރަށް ހިތްވަރު ލިބޭނެ ކަމަކަށް ވާތީއެވެ.
ބިޒީ ބެލެނިވެރިން ވިސްނާލުން އެންމެ މުހިއްމު އަނެއްކަމަކީ، ގޭތެރޭގެ ޒިންމާތައް ބަހާލާނެ ގޮތެކެވެ. މިސާލަކަށް ޕާޓްނަރާއި ދެމީހުން ވާހަކަދައްކާލައިގެން، ދެމީހުނަށް ޒިންމާތައް ބަހާލައިގެން އުޅުމަކީވެސް ދަރިންގެ ކަންކަމަށް ވަގުތު ހުސްކުރުމަށް އިތުރަށް މަގުފަހިވެގެން ދާނެކަމެކެވެ. މިގޮތުން ގެއަށް ބޭނުންވާ ސާމާނުގަތުމުގައިވެސް އެއްފަހަރާ ގަނޑުކޮށް ގަނެ ސްޓޯރ ކޮށްފައި ބެހެއްޓުންވެސް މުހިއްމެވެ. ސަބަބަކީ، ބިޒީ ދިރިއުޅުމެއްގައި، އިރުއިރުކޮޅާ ގެއަށް ބޭނުންވާ ސާމާނުގަތުމަށް ނުކުތުމަކީވެސް ވަގުތުތަކެއް ގެއްލޭނެ ކަމަކަށްވާތީއެވެ.
ވަޒީފާގެ މާހައުލުގައި ބިޒީކޮށް އުޅެމުން، ދަރިންގެ ޒިންމާތައް ނަގަމުން، ގޭތެރޭގެ މަސައްކަތްތައް ހަމަޔަކަށް އަޅުވަމުން އަދި އަމިއްލަ ނަފްސަށް ވަގުތުކޮށް ދިނުމަށްފަހުވެސް ކުރަން ބޭނުންވާ އެކަމަކު ކޮންމެހެން ބޭނުންނުވާ ކަންކަމަށް 'ނޯ" ބުނުމަކީވެސް ބިޒީ ބެލެނިވެރިން ދަސްކުރުން މުހިއްމުކަމެކެވެ. ސަބަބަކީ ޖެހިގެން އަންނަ ދުވަހުގެ ތައާވަލް ފޮލޯ ކުރުމަށް ރަނގަޅަށް ނިދައި އެނަރޖީ ސޭވްކުރުމަކީ މުހިއްމު ކަމަކަށްވާތީއެވެ.
ދިރާސާތަކުން ދައްކާގޮތުގައި، ބިޒީ ބެލެނިވެރިން ވިސްނާލުން އެންމެ މުހިއްމު އެއްކަމަކީ، އަމިއްލަ ނަފްސަށް އަޅާލުމެވެ. ދުވަހުގެ ތައާވަލް ތަރުތީބު ކުރާއިރު، އަމިއްލަ ނަފްސަށް ވަގުތުކޮޅެއް ހުސްކުރާށެވެ. އެއީ ފަނަރަވަރަކަށް މިނިޓްގެ ވަގުތުކޮޅެއް ވިޔަސް މައްސަލައެއް ނެތެވެ. އެވަގުތުކޮޅު ފޮތެއް ކިޔާލުން، ހިނގާލުން ނުވަތަ ކޮފީއެއް ބޯލުންފަދަ ކަމެއް ކޮށްލާށެވެ. އަމިއްލަ ނަފްސަށް އަޅާލުމަށް، ހަމަ ނިދި ހޯދުމާއި، ހަށިގަނޑަށް ފައިދާ ކުރަނިވިގޮތެއްގައި ކެއުން ބައްޓަން ކުރުމާއި، ޤަވާއިދުން ކަސްރަތު ކުރެވޭތޯ ބެލުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެކަމުގެ ސަބަބުން ބިޒީ ދިރިއުޅުމެއްގައި އަދި ދަރިން ތަރުބިއްޔަތު ކުރުމުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ބާރާއި، ހިތްވަރާއި އަދި ކެތްތެރިކަން ލިބިގެން ދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް