ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރަން ފަށާފައިވާ 4000 ފްލެޓާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަމުން އަންނަ މައްސަލަ ނިމޭތާ ތިން ދުވަސް ތެރޭގައި ފްލެޓްތައް ހަވާލުކުރާނެ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.
އެފްޑީސީން ސޯޝަލް މީޑިއާގައި އާއްމުކުރި ވީޑިއޯއެއްގައި ބުނީ ފްލެޓުގެ އެގްރިމެންޓްތައް ޕްރިންޓްކޮށް ނިންމާފައިވާ ކަމަށާއި، އޭސީސީން މައްސަލަ ބަލާ ނިންމާތާ ތިން ދުވަހުގެ ތެރޭގައި ސޮއިކުރަން ފަށާނެ ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާނުކުރި 4000 ފްލެޓާ ގުޅިގެން އޭސީސީން ބަލަމުންދާ މައްސަލައިގެ ތަހުގީގު ދިގުލައިގެންދާތީ، ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވާ މީހުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެމީހުން ވަނީ އޭސީސީ ތެރެއަށް ވަދެ އިހުތިޖާޖުކޮށް ނުރުހުން ވެސް ފާޅުކޮށްފައެވެ.
އޭސީސީން މި މައްސަލަ ތަހުގީގު ކުރަނީ ހައްގު ނޫން ބަޔަކަށް ފްލެޓް ދިނުމާއި ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގައި އިންސާފުން އެއްކިބާވެފައިވާ ކަމަށް ބުނެއެވެ. އޭސީސީން ބުނީ އެ މައްސަލައިގެ ތަހުގީގު ވީހާވެސް އަވަހަކަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް