ރޯދަ މަހު އެއްވެސް އިންތިހާބެއް ނުބޭއްވޭ ގޮތަށް އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނު އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
މި އިސްލާހު މަޖިލީހަށް މިއަދު ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އެވެ. ޝިފާއު މި އިސްލާހު ހުށަހަޅުއްވާފައި މިވަނީ ކުރިއަށް އޮތް ރޯދަ މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތާރީހް އިއުލާންކޮށްފައި ވަނިކޮށެވެ.
ޝިފާއު ވަނީ ރޯދަ މަހު އިންތިހާބުތައް ބޭއްވުން މަނާކުރުން ހިމެނޭހެން 20 މާއްދާއެއް އިސްލާހުކުރަން ހުށަހަޅާފައެވެ.
އިންތިހާބު ބާއްވަން ޖެހޭ ތާރީހް ރޯދަ މަހުގެ ދުވަހަކާ ދިމާވާނަމަ، ރޯދަ މަސް ނިމުމުގެ 10 ދުވަސް ފަހުން އިންތިހާބު ބޭއްވުމަށް ޝިފާއު ވަނީ އިސްލާހު ހުށަހަޅުއްވާފައެވެ.
ސީޔާސީ ލީޑަރުންނާއި ބައެއް އާއްމުންވެސް އަންނަނީ ރޯދައިގެ ފަހަށް އިންތިހާބު ބާއްވަން އެދި ގޮވަމުންނެވެ.
އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ބުނެފައިވަނީ ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކަކީ ބަންދު ދުވަސްތަކެއްގެ ގޮތުގައި ސަރުކާރުން މިހާރު ކަނޑައަޅާފައިވާތީ، ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި ދަތިތަކެއް ދިމާވާނެތީ އިންތިހާބު ބާއްވާނެ ދުވަހަކީ 17 މާރިޗު ކަމުގައި ނިންމާފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް