ޑާކް ރެއިން ގެ "ބީވީމާ" ގެ ޓީޒަރ ނެރޭނީ ލޯބިވެރިންގެ ދުވަހު

ޑާކް ރެއިން އެންޓަޓެއިންމެންޓުން އުފައްދަމުން އަންނަ "ބީވީމާ" ގެ ޓީޒަރ ނެރޭނީ އަންނަ ފެބްރުއަރީ މަހު 14 ވަނަ ދުވަހު ކަމަށް އެ ޕްރޮޑަކްޝަނުން ބުނެފިއެވެ. މުޙައްމަދު ޢަލީ (މޮގާ) ވިދާޅުވީ މަޝްހޫރު ސްކްރީ...

24 Jan 2022 | 15:28

ޑާކް ރެއިން އެންޓަޓެއިންމެންޓުން އުފައްދަމުން އަންނަ "ބީވީމާ" ގެ ޓީޒަރ ނެރޭނީ އަންނަ ފެބްރުއަރީ މަހު 14 ވަނަ ދުވަހު ކަމަށް އެ ޕްރޮޑަކްޝަނުން ބުނެފިއެވެ.

މުޙައްމަދު ޢަލީ (މޮގާ) ވިދާޅުވީ މަޝްހޫރު ސްކްރީން ރައިޓަރ އަހުމަދު ޒަރީޒު ލިޔެ ޑައިރެކްޓްކުރާ އޭނާގެ ފުރަތަމަ ފީޗަރ ފިލްމުގެ ޓީޒަރ 14 ފެބްރުއަރީ ގައިފެނިގެންދާނެ ކަމަށެވެ.

އެ ފިލްމު ވީހާވެސް ރީތިކޮށް ބެލުންތެރިންނަށް ގެނެސްދިނުމަށް ޒަރީރު ވަރަށް ބުރަކޮށް، އަވަދިނެތި މަސައްކަތް ކުރާ ކަމަށާއި އުއްމީދު ކުރަނީ ބެލުންތެރިން ބަލައިގަންނާނެ ވަރުގެ ފިލްމަކަށް ވާނޭކަމަށް ވެސް މޮގާ ވިދާޅުވިއެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ މަރްޔަމް އަޝްފާ އާއި އެފަދަ ދެވަނައެއް ނެތް އެކްޓަރު އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ) ލީޑުން ފެނިގެންދާނެ މި ފިލްމުގެ މުހިންމު ރޯލަކުން ލަވަކިޔުންތެރިޔާ އާދަމް ޒިދާން (ނާނަ) އާއި ކުރިއަރަމުން އަންނަ އައިމިނަތު ރަޝްފާ (އާޝާ) ވެސް ފެނިގެންދާނެވެ.

ފިލްމު ކެމެރާކުރަނީ ހުނަރުވެރި ސިނަމޮޓޮގްރާފަރ އިބްރާހިމް ވިސާން (ކަނޑި)އެވެ. ޕޯސްޓްޕްރޮޑަކްޝަން ހަދަނީ ކެމެރާމަން، ޑައިރެކްޓަރ ޢަލީ ޝިފާޢު (ޗިއްޕެ) އެވެ. ފިލްމުގެ ބެކްމިއުޒިކް ހަދަނީ ޙުސައިން ތަޢުފީޤް އެވެ.

މޮގާ އާއި އޭނާގެ އަންހެނުން އައިޝަތު ފުއާދު ތައުފީގް ޕްރޮޑިއުސްކުރާ މި ފިލްމުގެ ކޮސްޓިއުމް ޑިޒައިނިންގ އާއި މޭކަޕް ހަދަނީ ޙުސައިން ހާޒިމް (ސޭންޑީ) އެވެ.

މިދިޔަ ޑިސެމްބަރު މަހު މި ފިލްމުގެ ބައެއް މަންޒަރުތައް ނެގުމަށް ފިލްމުގެ ކްރޫ އާއި ބައެއް ކާސްޓުން ވ. ކެޔޮދޫގައި ވަނީ ހަރަކާތްތެރިވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް