ރާއްޖޭގައި ޕޭމަންޓް ޚިދުމަތް ދިނުމުގެ ލައިސަންސް ދިރާގާއި އުރީދޫ އަށް އެމްއެމްއޭ އިން ދީފި އެވެ.
އެމްއެމްއޭ އިން ބުނީ މި ލައިސަންސް ދިނީ ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނުގެ ދަށުން ކަމަށެވެ. އަދި މި ޤައުމީ ޕޭމަންޓް ސިސްޓަމްގެ ޤާނޫނުގެ ދަށުން ޕޭމަންޓްގެ ޚިދުމަތް ދިނުމުގެ ލައިސަންސް ދޫކުރުމާއެކު، މި ދެ ކުންފުނިން ވެސް ޕޭމަންޓް ޚިދުމަތް ދެމުންގެންދާނީ މި ލައިސަންސްގެ ދަށުން ކަމަށެވެ.
އެހެންކަމުން އެ ދެ ކުންފުންޏަށް ކުރިން ދޫކޮށްފައިވާ މޮބައިލް ޕޭމަންޓް ޚިދުމަތް ދިނުމުގެ ލައިސަންސް ބާތިލުކޮށްފައިވާ ކަމަށް ވެސް އެމްއެމްއޭ އިން ބުނެއެވެ.
މި ލައިސަންސްގެ ދަށުން އުރީދޫ އިން އަލަށް ތައާރަފް ކުރުމަށް ނިންމާފައިވާ ރެމިޓަންސް ޚިދުމަތަކީ، އެ ކުންފުނިން ދެމުންގެންދާ އެމް-ފައިސާ ވޮލެޓް މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭ ގޮތަށް ފަރުމާކުރެވިފައިވާ ޚިދުމަތެކެވެ.
އެމްއެމްއޭ އިން ބުނީ އެ އޮތޯރިޓީން މަސައްކަތްކުރަމުން ގެންދަނީ ކުރިއަށް އޮތްތަނުގައި ވެސް، ޤައުމީ ޕޭމަންޓް ސިސްޓަމް އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެއް ވިއުގައެއް މެދުވެރިކޮށް ގިނަ ޕޭމަންޓް ޚިދުމަތްތަކެއް ރައްޔިތުންނަށް ލުއިފަސޭހަކަމާއިއެކު ފޯރުކޮށްދެވޭނެ ގޮތް މަގުފަހިކޮށްދިނުމަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް