އަބޫދާބީއަށް ހޫތީން ދޭން އުޅުނު ބެލިސްޓިކް މިސައިލް ހަމަލާތަކެއް ނާކާމިޔާބު ކޮށްލައިފި

ޔޫއޭއީގެ ވެރިރަށް އަބޫދާބީއަށް ޔަމަނުގެ ހޫތީން ދޭން މަސައްކަތް ކުރި ބެލިސްޓިކް މިސައިލް ހަމަލާތަކެއް ނާކާމިޔާބު ކޮށްލައިފި އެވެ. އަބޫދާބީގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ އެ ސިޓީއަށް އަމާޒުކޮށް ހޫތީން ދެ...

24 Jan 2022 | 14:42

ޔޫއޭއީގެ ވެރިރަށް އަބޫދާބީއަށް ޔަމަނުގެ ހޫތީން ދޭން މަސައްކަތް ކުރި ބެލިސްޓިކް މިސައިލް ހަމަލާތަކެއް ނާކާމިޔާބު ކޮށްލައިފި އެވެ.

އަބޫދާބީގެ ކަމާ ބެހޭ ފަރާތްތަކުން ބުނީ އެ ސިޓީއަށް އަމާޒުކޮށް ހޫތީން ދެ މިސައިލް ފޮނުވާލި ކަމަށެވެ. އެ މިސައިލްތައް ވައްޓާލާފައިވަނީ އަބޫ ދާބީގެ މިހުން ނޫޅޭ ދެ ސަރަހައްދަކަށެވެ.

މިއަދުގެ ހަމަލާތަކާއި ގުޅިގެން ސިޓީގެ ރައްކާތެރިކަމަށް އަޅަން ޖެހޭ އިތުރު ފިޔަވަޅުތައް އަޅާފައިވާ ކަމަށް ބުނެ އެވެ. މިއަދުގެ ހަމަލާ ހޫތީން އަމާޒު ކުރީ އަބޫދާބީގެ އަސްކަރިއްޔާގެ އެއާ ބޭސް އަކަށެވެ.

މި ހަމަލާތައް ފޮނުވާފައިވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު އަބޫދާބީއަށް އަމާޒުކޮށް ހޫތީން މިސައިލް ހަމަލާތަކެއް ދީފައިވަނިކޮށެވެ. އެ ހަމަލާތަކުގައި އާންމުންގެ ތިން މީހަކު މަރުވެފައިވެ އެވެ.

ސައުދީ އަރަބިއްޔާ އިސްވެ އުފައްދާފައިވާ އަރަބި ކޯލިޝަނުން ޔަމަނުގައި ހޫތީންނާއި ދެކޮޅަށް ދެމުންދާ ހަމަލާތަކަށް ބަދަލު ހިފުމުގެ ގޮތުން އެ ކޯލިޝަންގައި ބައިވެރިވާ ގައުމުތަކަށް ހޫތީން ދަނީ ދޭތެރެ ދޭތެރެއިން މިސައިލް ހަމަލާ ދެމުންނެވެ. އާންމުކޮށް އެ ޖަމާއަތުގެ ހަމަލާތައް އަމާޒުކުރަނީ ސައުދީ އަރަބިއްޔާއަށެވެ.

އެގޮތުން އިއްޔެވެސް ސައުދީގެ ސަރަހައްދަކަށް މިސައިލް ހަމަލާއެއް ދީފައިވާއިރު ދެ މީހަކު ޒަހަމްވެފައިވެ އެވެ. އެއީ ސޫދާނާއި ބަންގްލަދޭޝް ރައްޔިތުންނެވެ.

ހޫތީންގެ ހަމަލާތައް އަރަބި ކޯލިޝަންގެ ގައުމުތަކަށް އިތުރުވެފައި މިވަނީ އެ ކޯލިޝަނުން ޔަމަނުގެ ހޫތީންގެ ބާރުގެ ދަށުގައި އޮންނަ ސަރަހައްދަކަށް އަމާޒުކޮށް ބޮޑު އޮޕަރޭޝަނެއް ފަށާފައި ވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް