ހއ. ދިއްދޫ ގައި ކާފިއު ހިންގަން ފަށައިފި

ހއ. ދިއްދޫގައި ކާފިއު ހިންގަން ފަށައިފިއެވެ. ކޮވިޑު 19 ކޭސްތައް ގިނަވެ، ހާލަތު ގޯސްވުމުން ކާފިއު ހިންގުމަށް އެރަށު ކުރި އިޢުލާނުގައި ބުނެފައިވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފިޔަވަޅ...

24 Jan 2022 | 11:08

ހއ. ދިއްދޫގައި ކާފިއު ހިންގަން ފަށައިފިއެވެ.

ކޮވިޑު 19 ކޭސްތައް ގިނަވެ، ހާލަތު ގޯސްވުމުން ކާފިއު ހިންގުމަށް އެރަށު ކުރި އިޢުލާނުގައި ބުނެފައިވަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފިޔަވަޅުތަކެއް އެޅުމަށް ދިއްދޫ ކޮވިޑް ޓާސްކް ފޯހުން ކައުންސިލަށް ލަފާ ދީފައިވާ ކަމަށެވެ. އަދި އެއީ އެރަށުގައި ކޮވިޑް ފެތުރެމުންދާތީ ސިއްހީ ގޮތުން ބަލަން ޖެހޭ ކަންކަން ބެލުމަށް އެރަށް މޮނީޓަރިން އަށް ލާފައިވާތީ ކަމަށެވެ.

އެހެންކަމުން ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް އެއީ ކާފިއު ވަގުތުކަމަށް ހަމަޖައްސާ، އެވަގުތުތަކުގައި ބޭރަށް ނުކުމެ އުޅުން ވަނީ މަނާކޮށްފައެވެ. އަދި ޓިއުޝަން ކްލާސްތަކާއި ކިޔަވައިދޭ އެހެނިހެން ތަންތަނަށް ކުދިން ހާޒިރުކޮށްގެން ކިޔަވަދިނުން މަނާކޮށް، ގްރޭޑް 7 އަށްވުރެ ދަށުގެ ގްރޭޑްތަކުގެ ކުދިން ސްކޫލަށް ގެންދިއުން ވެސް ވަނީ ހުއްޓާލުމަށް އަންގާފައެވެ.

މީގެ އިތުރުން ހުއްދަ ދީފައިވާ އެއްގަމު އުޅަނދު ފިޔަވައި އެހެން އުޅަނދުތައް ދުއްވުން ހުއްޓާލުމަށާއި ގޭގެއަށް ޒިޔާރަތްކުރުން ހުއްޓާލުމަށް ވެސް އެ އިއުލާނުގައި ވަނީ އަންގާފައެވެ. އަދި ފިހާރަ، ކެފޭ ހޮޓާ އަދި ބޯކޮށާ ސެލޫން ފަދަ ތަންތަން ރޭގަނޑު 9 ގެ ފަހުން ބަންދުކުރުމަށް ވެސް އަންގާފައިވެއެވެ.

ހަމަމިއާއެކު ރޭގަނޑު ނުވަޔަކުން ފެށިގެން ދަންވަރު 12 ޖެހުމާއި ޓޭކްއަވޭ އާއި ޑެލިވަރީގެ ޚިދުމަތް ދިނުމަށް ވެސް މި އިއުލާނުގައި ބުނެފައިވެއެވެ.

ދިއްދޫގައި އަނެއްކާވެސް ކޮވިޑު ފެތުރެން ފަށާފައިވާއިރު އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދު މިހާރު 56 އަށް ވަނީ އަރާފައެވެ. ދިއްދޫގެ ކޮވިޑު ފެތުރޭތީ އެރަށަށް އަރައި ފޭބުން މަނާ ކުރީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް