ޓެކްސީ ޑްރައިވަރ ގާސިމްގެ މަރުގެ މައްސަލައިގާ މިއަދު ތާވަލުކުރި އަޑުއެހުން ކެންސަލް ކޮށްފިއެވެ.
ކްރިމިނަލް ކޯޓުން މިއަދުގެ އަޑުއެހުން ކެންސަލްކުރި ސަބަބެއް ހާމައެއް ނުކުރެއެވެ. މިއަދުގެ އަޑުއެހުން ތާވަލު ކޮށްފައި އޮތީ ހެނދުނު 10:00 އަށެވެ.
ހުޅުމާލޭގައި ޓެކްސީ ޑްރައިވަރު، ގާސިމް ހަސަން މަރާލި މައްސަލައިގައި ދައުވާ ލިބޭ ޅ. ހިންނަވަރު ބޮޑުހިޔާގޭ އަދުހަމް މުހައްމަދު ގެ މައްޗަށް ކުރަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރައިލުމުގެ ދައުވާ އެވެ.
އެ މައްސަލައިގެ ފުރަތަމަކޮޅު ބޭއްވި އަޑުއެހުމެއްގައި ދައުލަތުން ދައުވާ އިއްވުމުން، އެ ދައުވާ ސާފުވެއްޖެތޯ އާއި ދައުވާއާ މެދު ބުނަނީ ކީކޭތޯ އެ މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ރަޝީދު ސުވާލު ކުރެއްވުމުން އަދުހަމް ވަނީ އެއީ އޭނާ ކުރި ކަމެއް ކަމަށް އެއްބަސްވެފައެވެ. އަދި އެ ދައުވާގައި ހިމެނޭ ކަންކަން ވަކިވަކިން އަލުން އިއްވުމަށް ފަހު، އަދުހަމް ނުކުރާ އެއްވެސް ކަމެއް އެ ދައުވާގައި އެބަ އޮތްތޯ ސުވާލު ކުރެއްވުމުން ވެސް އަދުހަމް ބުނެފައިވަނީ ދައުވާގައި މުޅިން ވެސް ހުރީ ތެދު ވާހަކަތަކެއް ކަމަށެވެ.
އެހެންނަމަވެސް އޭގެފަހުން ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި އެކަމަށް އިންކާރުކޮށް، އަދުހަމް ބުނެފައިވަނީ ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ކަމަށް އިއުތިރާފުވީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށެވެ.
ތޫނު އެއްޗަކުން ހަމަލާދީ ޑްރައިވަރު ގާސިމް މަރާލާފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ރެއެވެ. ގާސިމްގެ މަރުގެ މައްސަލައާ ގުޅިގެން އަދުހަމް ހައްޔަރުކޮށްފައި ވަނީ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް