ޕްރިމިއާ ލީގު: ޗެލްސީ މޮޅުވެ ސިޓީގެ ފަރަގު ކުޑަކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕަރ އާއި ދެކޮޅަށް ކުޅުނު މެޗު ޗެލްސީން ކާމިޔާބު ކޮށް ތާވަލްގެ އެއްވަނާގައި އޮތް މެންޗެސްޓާ ސިޓީއާއި ދެމެދު އޮތް ފަރަގު ކުޑަކޮށްފިއެވެ. ޗެލްސީގެ ސްޓެމްފޯ...

24 Jan 2022 | 06:01

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕަރ އާއި ދެކޮޅަށް ކުޅުނު މެޗު ޗެލްސީން ކާމިޔާބު ކޮށް ތާވަލްގެ އެއްވަނާގައި އޮތް މެންޗެސްޓާ ސިޓީއާއި ދެމެދު އޮތް ފަރަގު ކުޑަކޮށްފިއެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި ޓޮޓެންހަމާއި ދެކޮޅަށް ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެއެވެ. ނަމަވެސް ފުރަތަމަ ހާފުގައި ލަނޑުޖަހަން ފުރުސަތު ދެޓީމަށް ވެސް ލިބުނުކަން ފާހަގަކޮށްލަން ޖެހެއެއެވެ. އެގޮތުން ޓޮޓެންހަމުން ވަނީ މި މެޗުގެ ފުތަމަ ހާފުގައި ލަނޑެއް ވެސް ޖަހާފަ އެވެ. އެހެން ނަމަވެސް ހެރީ ކޭން މި ލަނޑު ޖެހިއިރު، ޗެލްސީގެ ތިއާގޯ ސިލްވާ އަށް ފައުލުކުރި ކަމަށް ބަލައި އެއީ ލަނޑެއް ނޫންކަމަށް ރެފްރީ ވަނީ ނިންމާފަ އެވެ.

މެޗުގެ ފުރަތަމަ ހާފު ދެޓީމުން އެއްވަރެއްގައޮ އޮވެ ނިމުނު އިރު، ޗެލްސީން މި މެޗުގައި އެޓީމުން ޖެހި ދެ ލަނޑުވެސް ޖަހާފައިވަނީ މެޗުގެ ދެ ވަނަ ހާފުގެ ކުރީކޮޅުގަ އެވެ. އެގޮތުން މެޗުގެ 47 ވަަނަ މިނިޓްގައި ޗެލްސީން މެޗުގެ ލީޑުނެގީ ހަކީމް ޒިޔެޗް ކާމިޔާބު ކޮށްދިން ގޯލުންނެވެ. އަދި މެޗުގެ 55 ވަނަ މިނިޓްގައި މޭސަން މައުންޓްގެ ހިލޭ ޖެހުމަކުން ގޯލުގެ ކުރިމައްޗަށް ހުރަސްވި ބޯޅައެއް ތިއާގޯ ސިލްވާ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައި ޗެލްސީން ލީޑުފުޅާކުރި އެވެ.

މި ނަތީޖާއާއެކު ލީގުގައި މިހާތަނަށް ކުޅުނު 24 މެޗުން ހޯދި 47 ޕޮއިންޓާއެކު ޗެލްސީ އޮތީ 3 ވަނައިގައެވެ. ދެވަނައިގައި 22 މެޗުން ހޯދި 48 ޕޮއިންޓާއެކުލިވަޕޫލް އޮތްއިރު އެއްވަނައިގައި ސިޓީ އޮތީ 23 މެޗުން ހޯދި 57 ޕޮއިންޓާއެކުއެވެ. ޗެލްސީ އަތުން ބަލިވި ޓޮޓެންހަމް އޮތީ 20 މެޗުން ލިބުނު 36 ޕޮއިންޓާއެކު 7 ވަނައިގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް